ނަފުސާނީ އިލްމުގެ
ދިރާސާތައް ކަށަވަރު ކޮށްދޭ ގޮތުގައި (American Academy of Pediatrics, 2006) އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ގޭމްތަކުގެ ސަބަބުން ކުޑަކުދިންގެ
ކިބައިގައި ނުލަފާކަން އަށަގަންނުވަ އެވެ. ފަންސާހަކަށް
އަހަރުވަންދެން ، އަނިޔާވެރިކަން ދައްކުވައިދޭ ޓީވީ ފިލްމު ތަކުން ކުޑަކުދިންނަށް ކުރާ
ނޭދެވޭ އަސަރުތައް ދިރާސާކުރުމުން ޓީވި ތަކުން ފެންނަ އެފަދަ ފިލްމު ތަކުން
ކުޑަކުދިންނަށް ނޭދޭވޭ އަސަރުކުރާކަން ވަނީ ކަށަވަރުވެފަ އެވެ. ވީޑިއޯ ގޭމް ތަކަކީ
މާފަހުން އައިސްފައިވާ ތަކެއްޗަކަށް ވާއިރު އެ އާއިބެހޭ ގޮތުން ޓީވީ ޕްރޮގްރާމް
ތަކުން ކުރާ އަސަރުތައް ދެނެ ގަތުމަށް ކުރެވުނުފަދަ ދިރާސާއެއް ކުރެފައި ނެތެވެ.
އެހެން ނަމަވެސް، ނަފްސާނި އިލްމްވެރިއެއްކަމުގައިވާ ޑރ.އެންޑަރސަން (2004)
ފާހަގަކުރައްވާ ގޮތުން ޓީ.ވީ ފިލްމުތަކުން ފެންނަ އަނިޔާ ވެރިކަން ދައްކުވައިދޭ
މަންޒަރުތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރަށްވުރެ، ވީޑިއޯ ގޭމް ތަކުން ކުރާ
އެފަދަ އަސަރު އެތައް ގުނައަށް ބޮޑެވެ. ސަބަބު ތަކަކީ:
1. ވީޑިއޯ ގޭމް ތަކަކީ އާދައާއި ޚިލާފަށް ކުދިންގެ
ބައިވެރިވުން(Interactive) އޮންނަ އަދި ޝައުޤު ހިފަހައްޓާދޭގޮތަށް
ތައްޔާރުކުރެވިފައިވާ އެއްޗަކަށްވާތީ
2. ގޭމް ތަކުގައި ނުބައި ނުލަފާ އަނިޔާ ކުރުމުން ހިތްވަރުލިބި
އިނާމް ލިބޭކަން
3. ކުދިން ގޭމް ކުޅެމުންދާ ވަރަކަށް އެ ނުބައި ނުލަފާ އަމަލު
ތަކުރާރުކުރެވޭކަން (ޖެންޓައިލް އަދި އެންޑަރސަން، 2007)
ކުޑަކުދިން ކުޅޭ ގޭމްތަކުގައި އެކުލެވޭ ބައިތައް (ކޮންޓެންޓް) ވަޒަން
ކުރުމުން އެފަދަ ގޭމްތަކުގެ ބޮޑުބައެއް ހިމެނެނީ ގޯނާކުރުން ކަމުގައި
ފާހަނގަކުރެވުނެވެ. މީގެ ތެރެއިންވެސް ދެބައިކުޅަ އެއްބައި އަމަލުތަކަކީ އެފަދަ
ކަމެއް ހަޤީޤަތުގައި ކޮށްފި ކަމުގައިވާނަމަ، ވަރަށް ނުރައްކާތެރި އަނިޔާއެއް
ނުވަތަ މަރުވެދާފަދަ ކަންކަމެވެ.
މިހުރިހާ އަނިޔާވެރިކަން ދައްކައިދޭ ގޭމްތަކުން ނުކުންނާނެ އާޚިރު ނަތީޖާއަކީ
ކުއްޖާގެ ހިތާއި ސިކުޑީގައި އަނިޔާވެރިކަމުގެ ފިކުރާއި ޝުއޫރާއި ހަރަކާތް އުފެދުމެވެ
(އެންޑަރސަން އަދި ބުޝްމަން، 2001). މީގެ އިތުރަށް، މިފަދަ ގޭމްތައް ކުޅޭ ކުދިންގެ
ކިބައިގައި އެހެން ކުދިންނަށް އަޅާލުމާ އެހީތެރިވުމުގެ އާދަތައް ކުޑަވެ ނެތިގެންދެ
އެވެ.
ބެލެނިވެރިންގެ ދައުރު.
ކުޑަކުދިން ކުޅުމަށް ހޭދަކުރާ ވަގުތާއި ކުޅޭ ގޭމްތަކުގެ ވައްތަރު
މަދުކުރުމުން ކުޑަކުދިންނަށް ގޭމްތަކުންކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެ އެވެ.
މީގެ އިތުރަށް، ކުޑަކުދިން ކުޅޭ މިފަދަ ގޭމް ތަކުގައި ހުންނަށް ނޭދެވޭ ކަންތައް
ތަކާއިމެދު ކުދީންނާއިއެކީ ބެލެނިވެރިން ވާހަކަ ދައްކައި ހަޤީޤީ ދިރިއުޅުމުގައި
ދިމާވާ ވަގުތު ތަކުގައި ކަންތައްކުރާނީ ކިހިނެއްތޯ މަޝްވަރާ ކުރެވިދާނެ އެވެ. އަދި
ގޯނާކުރާ ގޭމްތައް ކުޅުން މަދުކުރުމާއި އެފަދަ މީޑިޔާތައް ބެލުމުގައި ހޭދަކުރާ
ވަގުތު މަދުކޮށް މީޑިޔާއިން ފެންނަ އެފަދަ ކަންތައްތައް ހައްލުކުރާނެ ކަންތައް
ތަކާމެދު ދަރިފުޅާއި ވާހަކަ ދައްކައި ޙައްލު ފާހަގަ ކުރުމަކީ ވަރަށް މުހިންމު
ކަމެކެވެ (އެންޑަރސަން 2003).
މުހިންމު ނުކުތާއެއް
ފާހަގަ ކުރެވިފައިވާ ގޮތުން ކުޑަކުދިން، ގޯނާކުރާ ވީޑިއޯގޭމް ކުޅުމަށް
ހޭދަކުރާ އުމުރަކީ، އެކުދިން އެހެން މީހުންގެ އިޙުސާސްތައް އުގެނި ދިމާވާ
މައްސަލަތައް ސުލްޙަވެރި ކަމާއެކީ ޙައްލުކުރަންވާގޮތް އެނގިގަންނަން ޖެހޭ އުމުރެވެ.
މުދައްރިސުންނާއި ބެލެނިވެރިންނާއި ސިޔާސަތު ކަނޑައަޅާ މީހުންނަށް އެކަހަލަ ވީޑިއޯ ގޭމްތައް ހެޔޮގޮތުގައި
ބޭނުންކުރާނެގޮތް އެނގި ގޭމްތަކުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރާނެގޮތް
އެނގެން ޖެހެއެވެ. އެމެރިކާފަދަ ޤައުމެއްގައި މިކަމަކީ އެ ޤައުމުގެ ރައްޔިތުންގެ
މަޖިލީހުގައި ވާހަކަދެކެވޭ ވަރުގެ މައްސަލައެއްކަމަށް މިއަދު ވެފައިވާއިރު އެކަމުން
އަޅުގަނޑުމެން މިއަދު އިބުރަތްހޯދުން ކިތަންމެހާސް ރަނގަޅު ޥާނެކަމަށްފެނެ އެވެ.
ބައެއް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް
1993 ގައި ވީޑިއޯގޭމް އުފައްދާ ސިނާޢަތުގެ ފަރާތުން ގޭމްތައް ރޭޓު
ކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ. އެގޮތުން E
ރޭޓުގެ ގޭމްތައް ހުރިހާ އުމުރުފުރާއަކަށް ބެލޭނެ ކަމަށާއި T ރޭޓްގެ ގޭމްތައް ޅަފުރާގެ އުމުރުގެ ކުދިންނަށް އަދި M
އަކީ ބޮޑެތި މީހުންގެ ގޭމް ކަމުގައި ހަމަޖެއްސި އެވެ. ޑރ. ވޯލްޝް އަދި ޑރ. ޖެންޓައިލް (2010) ހިންގެވި ދިރާސާއެއްގައި ރޭޓު ކުރުމުގެ މުހިންމުކަމާއި
ބޮޑެތިމީހުންނަށް ރޭޓު ކުރެވިފައިހުރި ގޭމެއް ކުޑަކުދިންނަށް ކިހާ ފަސޭހައެއްކޮށް
ގަނެވިދާނެތޯ ބެއްލެވި އެވެ. މިދިރާސާ
ދައްކާ ގޮތުން ބެލެނިވެރިންނަށް ރޭޓިން އާއިބެހެ މަޢުލޫމާތު އެނގޭމިންވަރު
ކުޑަކަން ދައްކަ އެވެ. އަދި ކުދިން ބޭނުންވާ ގޭމެއް ގަތުމުގެ އިޚުތިޔާރު އޮއްކަން
ފާހަގަ ކުރެވުނެވެ.
މިދިރާސާގެ ސަބަބުން ވީޑިއޯގޭމް އިންޑަސްޓްރީއަށް މަޖުބޫރުވީ އެމީހުން ރޭޓު
ކުރުމަށް ބޭނުންކުރާ ނިޒާމް ހަރުދަނާ ކުރުމަށާއި ބޮޑެތި މީހުންނަށް ރޭޓުކުރާ
ގޭމްތައް ކުޑަކުދިން ބޭނުން ކުރުމަށް ގެންގުޅޭ ސިޔާސަތު ހަރުދަނާ ކުރުމަށެވެ. ދިރާސާތަކުން
ދައްކާގޮތުން، ގޯނާކުރާ ވީޑިއޯގޭމް ތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ
އަސަރާއި އެފަދަ ގޭމުތައް ކުޑަކުދިންނަށް ލިބެން ހުންނަ ފަސޭހަކަން ވަރަށްބޮޑު
ދައުރެއް އަދާކުރެ އެވެ.
މިފަދަ ދިރާސާތަކުގެ ސަބަބުން، ފިލްމު ވިއްކާ ބޮޑެތި ކުންފުނިތަކަށް (ސިއަރސް،
ޓާރގެޓު، ވޯލްމާރޓް) މަޖުބޫރުވީ 17 އަހަރުން ދަށުގެ ކުދިންނަށް ބޮޑެތި މީހުންގެ ގޭމްތައް
ވިއްކުން މަނާ ކުރުމަށެވެ. ދިރާސާކުރާ ފަރާތްތަކުން މިހާރުވެސް ބަލަމުން އެދަނީ،
އެކުންފުނި ތަކުން އެކަން ކިހައި ހަރުދަނާ ކަމާއިއެކު ކުރަމުން ގެންދޭތޯ އެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ ކުޑަކުދިން ސްކުރީން ކައިރީ ކުޅޭ އެފަދަ ގޭމްތައް ބެލުމަށް ހޭދަކުރާ ވަގުތު
މަދުކުރުމަށް ބާރުއަޅައި މުޤައްރަރެއް އެކުލަވާލާފަ އެވެ. (ރޮބިންސަން، 2001).
ބައެއް ޤައުމު ތަކުގައި ބޮޑެތި މީހުންގެ ގޭމްތައް ކުޑަކުދިންނަށް ވިއްކުން
މަނާކުރުމަށް ޤާނޫނެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށްއެއަށް އަމަލީ ސިފަގެންނަން
ކަނޑައަޅާފައިވެ އެވެ. މިސާލަކަށް ވަރަށްގިނަ ޤައުމު ތަކުގައި ކުޑަކުދިންނަށް
ދުންފަތުގެ ބާވަށް ވިއްކުން މަނާކޮށްފައިވާ އުސޫލުންނެވެ.
ޑރ. އެންޑަރސަން އާއި އޭނާގެ ރަޙުމަތްތެރިން ގެންދަވަނީ، ގޯނާކުރާ
ޙަރަކާތަތައް ހިމެނޭ ވީޑިއޯގޭމް ތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ
ކަންބޮޑުވުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ހިއްސާކުރައްވަމުންނެވެ. އެމެރިކާގެ
ކޮންގްރެސްއަށް ޑރ. އެންޑަރސަން (2006) ހުށަހެޅުއްވި ބަޔާން ބައްލަވާލައްވާށެވެ. ގިނަ ޤައުމުތަކުގައި ކުޑަކުދިންގެ ޙައްޤު ތަކާއި މެދު
ވަކާލާތު ކުރައްވާ އަމިއްލަ ފަރާތްތަކާއި ބެލެނި ވެރިންނަށް އެހީތެރިވެދޭ ޤުރޫޕު
ތަކުން މިކަމާއި އިދިކޮޅަށް މަސައްކަތް ކުރައްވަމުންގެންދެ އެވެ.
ދިވެހިރާއްޖޭގައިވެސް، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި ނޭދެވޭ ޢަމަލު
ތަކުގެ ވާހަކަ ދެކެވޭ މިދުވަސްވަރު ނުލަފާ، ވިޔާނުދާ، އަނިޔާވެރި އަމަލު
ދައްކުވައިދޭ ގެމްތަކުން ކުޑަކުދިންނަށްކުރާ ނުރަގަޅު އަސަރުގެ ވާހަކަވެސް
ދައްކަވަމާތޯ އެވެ. ރާއްޖެ އަކީ ނިސްބަތުން ވީޑިއީގޭމް، ކުޑަކުދިން ކުޅެއުޅޭ
މިންވަރު ގިނަ ޤައުމަކަށް ވާނެކަމީ، ޔަޤީން ކަމެކެވެ. މިއަދު މުޖުތަމަޢު އިން
މިފެންނަ ނުލަފާކަމާއި އަނިޔާވެރިކަމުގެ ފަހަތުގައިވަނީ ހަމަ އެކަނި މަސްތުވާ
ތަކެތި ކަމުގައި ނުނިންމަވައި، އޭގެ އިތުރު އެހެން ކަންތައްވެސް އެބަހުރިކަން
ވިސްނަމާތޯ އެވެ.
ޙަވާލާ ލިސްޓް:
އެންޑަރސަން، ސީ. އޭ.، ޖެންޓައިލް، ޑީ. އޭ.، އަދި ބަކްލޭ، ކޭ. އީ (2007)
ވައަލަންޓް ވިޑިއޯ ގޭމް އިފެކްޓްސް އޮން ޗިލްޑްރެން އެންޑް އެޑޮލަސެންޓްސް.
ނިއުޔޯކް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
އެންޑަރސަން، ސީ. އޭ.، އަދި
ބުޝްމަން، ބީ.ޖޭ.،(2001) އިފެކްޓްސް އޮފް ވައަލަންޓް ގޭމްސް އޮން
އެގްރެސިވް ބިހޭވިއަރ ، އެގްރެސިވް ކޮގްނިޝަން، އެގްރެސިވް އެފެކްޓް،
ފިޒިއޮލޮޖިކަލް އެރައުޒަލް އެންޑް ޕްރޯސޯޝަލް ބިހޭވިއަރ : އަ މެޓަ-އެނަލެޓިކް
ރިވިއު އޮފް ދަ ސައިންޓިފިކް ލިޓްރޭޗަރ .ސައިކޮލޮޖިކަލް ސައެންސް ، ވޮލިއުމް 12،
ސ. 353-359.
ރޮބިންސަން، ޓީ.އެން. (2001) އިފެކްޓްސް އޮފް ރިޑިއުސިން ޗިލްޑްރެންސް
ޓެލެވިޜަން އެންޑް ވިޑިއޯ ގޭމް ޔޫޒް އޮން އެގްރެސިވް ބިހޭވިއަރ : އަ
ރޭންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރައިލް. އަރކައިވްސް އޮފް ޕީޑިއަޓްރިކް
އެޑްލަސެންޓް މެޑިސިން. ވޮލިއުމް 155، ޞ. 17-23.
ވޮލްޝް، ޑީ. އޭ. އަދި ޖެންޓައިލް، ޑީ. އޭ. (2001) އަ ވެލިޑިޓީ ޓެސްޓް އޮފް
މޫވީ ، ޓެލެވިޜަން އެންޑް ވިޑިއޯ ރޭޓިންގްސް. ޕީޑިއެޓްރިކްސް، ވޮލިއުމް 107، ޞ.
1302-1308.
އެންޑަރސަން، ސީ. އޭ. (2003) ދަ އިންފުލުއެންސް އޮފް މީޑިއާ ވައަލެންސް އޮން
ޔޫތު. ސައިކޮލޮޖިކަމް ސައެންސް އިން ދަ ޕަބްލިކް އިންޓްރެސްޓް، ވޮލިއުމް. 12، ޞ.
81-110.
No comments:
Post a Comment