Showing posts with label Educational Psychology. Show all posts
Showing posts with label Educational Psychology. Show all posts

5/06/2015

އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 8


ނިންމުން: އުނގަންނައިދިނުންވަންތަ ލޯބީގެ އިޤުރާރު

އުނގަންނައިދިނުންވަންތަ ލޯބި އުފެދިގެން އަންނަނީ، ޓީޗަރުގެ އަމިއްލަ ޖަޒުބާތުގެ  ތެރެއިންނެވެ. ޓީޗަރަށް އެނގިފައިވާ އެނގުންތަކާއި ދައްކާ ނަމޫނާއިންނެވެ. ޓީޗަރުގެ  އަޚުލާޤިއްޔާތުގެ ތެރެއިންނާއި ކުރާ ކަންތައްތަކުންނެވެ. މިވާހަކަތައް ތިރީގައިމިވާ، އުނގަންނައިދިނުންވަންތަ ލޯބީގެ އިޤުރާރުގައި ޚުލާސާ ކުރެވިފައިވާނެއެވެ. އެ އިޤުރާރު ބިނާވެފައިވަނީ ހާރޓްމަޓް ވޮން ހެންޓިގް، ޒެއިޓް-ޕީރިއޮޑިކަލް (ނަމްބަރ.39؛ ސެޕްޓެމްބަރ 19، 1991) ގައި ލިޔުއްވާފައިވާ ލިޔުއްވުމަކުންނެވެ.

އަސްލެއްގެ ގޮތުން ބަލާއިރު މި އިޤުރާރުގައިމިވާ އުޞޫލުތަކާއި އެއްގޮތަށް، އޭނާގެ ދަރިވަރުންނަށް ޒިންމާވާން ޖެހޭނެއެވެ. ޓީޗަރެއްގެ ގޮތުން އަޅުގަނޑު، އަޅުގަނޑުގެ ނަފުސަށް ވަސިއްޔަތް މިކުރަނީ،

·       ކޮންމެ ކުއްޖެއްގެވެސް (އެންމެ ނިކަމެތި ކުއްޖާވެސް ހިމެނޭގޮތަށް)، އެއްވެސް ކުއްޖަކާއިމެދު ތަފާތު ނުކުރުމަށާއި ނުކުޅެދޭ ނުވަތަ ޤާބިލުކަންނެތް ޙާލަތްތަކުގައްޔާއި ހެދިބޮޑުވަމުން އަންނަ މާޙައުލުގައި ކުއްޖާގެ މައުސޫމްކަން ދިފާޢު ކުރުމަށެވެ.
·        ދަރިވަރުގެ ޖިސްމާނީ އަދި ސިކުނޑީގެ ސަލާމަތްތެރިކަމަށް ޖަވާބުދާރީ ވުމަށެވެ.
·      އަޅުގަނޑު ކުރާކަމަކުން ދަރިވަރުގެ ޖަޒުބާތަށާއި އިޙުސާސްތަކަށް އަންނަ ބަދަލުތައް ފާހަގަ ކުރުމަށާއި އަދި އެކަމަށް ސީރިއަސްކޮށް ރިއާޔަތް ކުރުމަށެވެ.
·       ކޮންމެ ދަރިވަރެއްގެވެސް ނަފުސަކީ ހަމަ ބޮޑުމީހެއްގެ ވެސް ނަފުސުހާ ޢިއްޒަތްތެރި އެއްޗެކަށް ކަމަށް ޤަބޫލުކޮށް ދަރިވަރުންނާއި އެކު ދެފަރާތް އެއްބަސްވާ ގޮތަށް ކުރިއަށް ދިޔުމަށެވެ.
·        ދަރިވަރުގެ ކުރިއެރުމުގެ އުޞޫލުތަކަށާއި ޙަރަކާތްތަކަށް ބިނާކުރުމާއިއެކު ދަރިވަރުންގެ ޚާއްސަ ހުނަރުތަކަށް ރިއާޔަތްކޮށް ދަރިވަރުގެ ތަރައްޤީ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ.
·        ދަރިވަރުން ބިރުވެރިކަމާއި ހާސްކަމާއި ކުއްވެރިވުމުގެ އިޙުސާސްތަކުން ސަލާމަތް ކުރުމާއި ނަފުސުގެ ހިތްވަރު މަތިކުރުމަށެވެ.
·        ކަންކަން ނުވާނެކަމަށް ދަރިވަރުން ވިސްނާހިނދު، ދަރިވަރުގެ އުއްމީދު ކަނޑުވާނުލުމަށާއި ވިސްނުންސީދާ ކުރުމަށް އެހީތެރިވުމަށެވެ.
·        އިޖުތިމާއީ ކަންކަމަށް ދަރިވަރުން މަސްއޫލުވުމަށް ދަރިވަރުން ހާނުވައި ތަރުބިއްޔަތު ކުރުމަށެވެ.
·        ދަރިވަރުންގެ ޙަޔާތުގައި ރަނގަޅު ކަންތައްތައް އޭގެ އެންމެ ހެޔޮގޮތުގައި ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދުމަށް އެހީތެރިވުމަށެވެ. އަދި
·        މިހާރު ދިރި މިއުޅޭ ދުނިޔެއަށްވުރެ މާ ރަނގަޅު ދުނިޔެއެއް ހޯދިދާނެކަމެއްކަން ވިސްނައި ދިނުމަށެވެ.

ރަނގަޅު ޓީޗަރުންނަކީ، އެންމެ އުނދަގޫ ޙާލަތްތަކުގައިވެސް، ދަރިވަރަށްވާ ހެޔޮމިސާލުތަކެކެވެ. މުދައްރިސުން އެބޭފުޅުންގެ މަސައްކަތް ހެޔޮގޮތުގައި ބަލައިގަނެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ އެކަށޭނެ މާޙައުލެއް ބިނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރައްވަންޖެހިލައްވައެވެ. އަދި މިހާރަށްވުރެ އިންސާނިއްޔަތުކަންބޮޑު ދުނިޔެއެއް ބިނާކުރައްވަން މަސައްކަތް ކުރައްވަން ޖެހިލައްވައެވެ. ހެޔޮވިސްނުމުގައި މުދައްރިސުން މަސައްކަތް ކުރައްވާނަމަ، މުދައްރިސުން ކުދިންނަށާއި ނުވަތަ ބޮޑެތި މީހުންނަށް އެހީތެރި ވެދެއްވާނއެވެ. އެބައިމީހުންގެ ޤާބިލިއްޔަތުކަމަށާއި ހަޔާތަށް އަންނާނެ ހެޔޮ ބަދަލު ތަޖުރިބާ ކުރުމަށެވެ. އުނގަންނައިދިނުންވަންތަ ލޯބި ދަރިވަރަށް މަގުދައްކައިދޭނީ، މިއަދަށްވުރެ މާ ބާއްޖަވެރި ދުނިޔެއެއް ހޯދިދާނެކަމަށެވެ. ''މުދައްރިސުންނަކީ ބާއްޖަވެރި ދުނިޔެއަކަށް ދޮރު ހުޅުވައިދޭ ބައެކެވެ.'' ބުނެވޭ މޮޓޯއާއި އެއްގޮތަށެވެ.އުނގަންނައިދިނުންވަންތަ ލޯތްބާއިނުލައި، އުނގެނުމާއި އުނގަންނައިދިނުން ދެމިއޮންނާނީ، ހަމައެކަނި ނަމެއްގައި ''އެދެވޭ ގޮތުގައި އުނގަންނައިދިނުން، ކުރިއަށް ގެންދިޔުންކަމުގައެވެ. އެއަކުން މަންހަޖުގެ އަސްލު މަޤުޞަދެއް ޙާޞިލެއް ނުވާނެއެވެ.'' ( ވެބްސްޓަރ، 2009، ސ. 44).

ދިރިއުޅުމާއިމެދު އުފާވެރި ކުރުވައި މާއްދީ ދުނިޔޭގައިހުރި އުފަލާއި އަޖާއިބު ކުރުވަނިވި ކަންތައްތައް ދުށުމަށް މަގުދެއްކުމާއި ރޫޙާނިއްޔަތު ދަރިވަރުންގެ ހިތްތަކުގައި ދިރުވުމަކީ މުދައްރިސެއްގެ އެންމެ މުހިއްމު ހުނަރެވެ. އުފަލަކީ ކޮބާކަމާއި ދުނިޔެވީ ޙައިރާން ކުރުވަނިވި ކަންތައްތަކަކީ ކޮބައިކަމާއި ހިތްހަމަޖެހުމަކީ ކޮބައިކަމާއި ކޮންމެ ދުވަހެއްގެ  ދިރިއުޅުމުގައި ދިމާވާ ހިތާމަތަކަށް ކުރިމަތިލާން ދަސްކޮށް ދިނުމަކީވެސް  މުދައްރިސުގެ ޒިންމާއެކެވެ. މިކަންކަމަކީ، ރައްކާތެރިކަމެއް މިއަދު އެކަކަށްވެސް ނެތުމާއި ކުރާކަމެއް ފުރިހަމަވާންޖެހޭނެ ކަމަށް އެންމެންދެކި އެކަމަށް އޮންނަ ޑިމާންޑާއި ޕްރެޝަރު ބޮޑުވަމުންދުވަސްވަރެއްގައި ދަރިވަރުންނަށް ލިބެންޖެހޭ ތަރުބިއްޔަތެވެ. ގިނަ ދަރިވަރުންނަށް، ޙަޔާތުގެ އުފާވެރިކަން އުނގެނުމަކީ މުހިއްމު ކަމަކަށް ވެދާނެއެވެ. އެއީ، ޙަޔާތުގެ ފުން އަދިރި ފަރާތް 
އެއްކިބާ ކުރުމަށް ނުވަތަ އެކަމުން ސަލާމަތް ވުމަށެވެ


ރިފަރެންސް






ބަރންސް، ޑީ.ޕީ.، އަދި ރަތުބޯން، އެން. (2010) ދަ ރިލޭޝަންޝިޕް އޮފް، ނެރެޓިވް ވަރޗޫ އެޑިއުކޭޝަން، އެންޑް އެން އެތިކް އޮފް ކެއަރ އިން ޓީޗިންގ ޕްރެކްޓިސް. އިން އެޑިއުކޭޝަން (2) 16




އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން – 7


ޙައްލަކީ އުނގަންނައިދިނުންވަންތަ ލޯބި ހެއްޔެވެ؟

އުނގަންނައި ދިނުމާއި ސްކޫލްގައި ކުރާ މަސައްކަތްތަކަކީ، ކާމިޔާބު އަދި ފާހަގަކުރެވޭފަދަ ނަތީޖާ ޙާސިލުކުރުމުގެ އީޖާބީ ތަޖުރިބާއަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި މާނަ ކުރެވެއެވެ. އަދި އެއީ ޖަޒުބާތުގެ މަރުކަޒެއްގެ ގޮތުގައިވެސް މާނަކުރެވެއެވެ. މި ނަޒަރުން ވިސްނާނަމަ، ޝައްކެއްނެތް ގޮތުގައި އެއީ ހިތްވަރުލިބޭ އަދި ކުރިމަގެއް އޮތް އުނގަންނައިދިނުމުގެ ޙަޤީޤަތެވެ. ގިނަ މުދައްރިސުންނާއި ދަރިވަރުން ބޭނުންވަނީ އެގޮތެވެ. އުނގަންނައިދިނުން ވަންތަ ލޯތްބާއި އޭގެ ނަތީޖާ ބޭނުންތެރިވާ ފަދައިން އެފަދަ މަތިވެރި އަމިއްލަ އެދުމެއްނެތް އުނގެނުމަކާއިމެދު ޚިޔާލީފޮލާ ކެއްކުމަކީ އޭގެ ނުރަނގަޅު އަސަރު ހިމެނޭ ކަމެކެވެ.

މުދައްރިސެއްގެ ދެފަރާތް ހިމެނޭ ތަސްވީރެއްގެ ދައުރު ދަރިވަރެއްގެ ކާމިޔާބީއަށް އަމާޒުކުރުމުން އެއިން ދޭހަވާ މާނައަކީ، ދަރިވަރުންގެ ކާމިޔާބީއަކީ، މުދައްރިސުގެ އުނގަންނައި ދިނުމުގެ ހުނަރާއި ޚިޔާރުކުރާ ގޮތްތަކާއި އޭނާ ދެކޭގޮތާއި އޭނާގެ ޤާބިލުކަމާއި ނުވަތަ އުނގަންނައި ދިނުމުގެ ހުނަރުގެ ސަބަބުން، ލިބޭ ކާމިޔާބީ ކަމެވެ. އުނގެނުމަކީ އުފަލަކަށް ބަރޯސާ ކޮށްގެންކުރާކަމެއް ނޫނެވެ. އަދި އެއީ އެދަރިވަރެއްގެ އަމިއްލަ ހުވަފެނީ ދުނިޔެ ޙާސިލުކުރުމަށް ކުރާކަމެއްވެސްނުމެ ނޫންމެއެވެ.

ބިރުވެރިކަމަކީ، ދަރިވަރުގެ ނާކާމިޔާބު، މަސައްކަތްކުރާހިތްނުވުން، ނުވަތަ ސަމާލުކަން ދިނުމަށް ނުކުޅެދުން އެއީ ދަރިވަރުގެ ޤާބިލުކަން ނެތުންކަމަށާއި މުދައްރިސުގެ ނާޤާބިލުކަމުގެ  ސަބަބުންކަމަށް މާނަ ކުރެވިދާނެތީއެވެ. މުދައްރިސުގެ އަސްލު ދައުރަކީ ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ގުޅުވައިދޭ ދައުރެވެ. އެއީ މުދައްރިސުގެ ނަފުސާއި ދަރިވަރުންނާއި ދެމެދު އުފެދޭ ގުޅުމެވެ. މުދައްރިސެއްގެ މަސައްކަތުގެ ތެރޭގައި ބައިވަރު ޖަޒުބާތީ އުނދަގޫތައް ހިމެނެއެވެ. ރުޅިއާއި ހިތްހަމަނުޖެހުން ތަޖުރިބާ ކުރުމަކީ މުދައްރިސަށް ދިމާވާނެކަމެކެވެ. އެތަކެއް ހައްލެއް އުފައްދާފައިވި ކަމުގައިވިޔަސް ތިމަންނަ ނާކާމިޔާބު ވެއްޖެކަމަށް ހީވާ ކިތަންމެ ފަހަރެއް، ކިތަންމެ ވަގުތެއް މުދައްރިސާއި ކުރިމަތި ވާނެއެވެ. މުދައްރިސެއްގެ މަސައްކަތުގައި ހަމްދަރުދީއާއި އަޅާލުމާއި ލޯބި ހިމެނުމަކީ ގިނަފަހަރަށް ބޮޑު މައްސަލައަކަށް ވެއެވެ. އަރލީ ހޯޝްޗައިލްޑް (1983) މާނަކުރާގޮތުން، މުދައްރިސެއްގެ މަސައްކަތަކީ، ޖަޒުބާތީ މަސައްކަތެކެވެ. އެއީ ދަރިވަރުންގެ ޖަޒުބާތުތައް، މުދައްރިސް ކޮންޓްރޯލުން ބައްޓަންކުރާތީއެވެ.

ސްކޫލްތަކުގައި ހެދިފައި ހުންނަ ޤަވާއިދުތަކުގައި ބުނެފައިވާ ގޮތުން  ދަރިވަރުންނަށް އެހީތެރިވުމާއި އަޅާލުމުގައި ޖަޒުބާތާއިއެކު ބައިވެރި ވެވިދާނެއެވެ. އެހެންނަމަވެސް، ބައެއް ޙާލަތްތަކުގައި ދަރިވަރުންގެ ކަންކަމުގައި އެހީތެރިވެދެވެން ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން މުދައްރިސުންނަށް އިޙުސާސްކުރެވެނީ، ހުރިހާ ދަރިވަރުންގެ ބޭނުންތަކާއި ގުޅޭގޮތުން  ދަރިވަރުންނަށް އެހީތެރިވެ ނުދެވޭކަމެވެ. އެކަމަކު ކުއްވެރިކަން އިޙުސާސްކުރެވެއެވެ. އެހެންކަމުން ސްކޫލް ހިމެނޭ ޖަމާޢަތަކުން އެ ސްކޫލެއްގައި ޖަޒުބާތު ގެންގުޅެންޖެހޭ މިންގަނޑެއްގެ ޤަވާއިދު ކަނޑައެޅުން މުހިންމެވެ. ޖަޒުބާތުގެ ގޮތުން ބުނެލެވޭނެ ބަސްތައް ރެގިއުލޭޓްކުރަން ޖެހޭނެއެވެ. ޖަޒުބާތީ ބަސްތަކަކީ، ޖިންސަށް ތަފާތުވާ އެއްޗެއްކަން ވެސް ހަނދާންކުރަންޖެހެއެވެ. ހަމަމިއާއިއެކު ، ކޮންމެ  މުދައްރިސަކުވެސް ދަރިވަރުންގެ ޙައްޤުގައި އަމިއްލަނަފުސަށް ކުރެވޭ ލޯބީގެ  އިޤްރާރެއްގެމަތީގައި ހުރުން މުހިންމެވެ.



އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 6


އުނގަންނައިދިނުންވަންތަ ލޯތްބަކީކޮބާ؟

މަރިއްޓޯ ހާވިއޯ (1948) ބުނެފައިވާގޮތުން ކިޔަވައިދިނުމުގެ ތެރެއިން މީހުންގެ ޝަޙުސިއްޔަތު ބިނާކުރުމުގެ އަމާޒަކީ، ލޯބިވަންތަކަމާއިއެކު ނޫނީ ނުކުރެވޭނެކެމެކެވެ. ހާވިއޯއަކީ ދުނިޔޭގައި މިވަގުތު ތަޢުލީމީގޮތުން އެންމެ ކުރީސަފުގައި ގުނާލެވޭ ސްކޫލްތައްހުރި ގައުމު (ފިންލެންޑް) ގެ ތަޢުލީމީ ދާއިރާގެ ވަރށް ނުފޫޒުގަދަ ޝަޙުސިއްޔަތެކެވެ. ހާވިއޯ ބާރުއަޅުއްވާގޮތުން މުދައްރިސެއްގެ މަސައްކަތުގައި ދެ ޝަރުތެއް ހިމެނެއެވެ. އެއީ، ދަރިވަރުންނާއި ގުޅިފައިވުމާއި ދިރިއުޅުމުގެ އަގުތަކާއި ޒިންމާދާރުކަމާއިއެކު ދެމިހުރުމެވެ. ހުނަރުވެރި މުދައްރިސެއް، ދަރިވަރަކު ބޭކާރު ކަމެއްކުރާއިރު ނުވަތަ ލިބޭ ފުރުސަތުނަގާލާ ފެއިލްވާއިރު މަޑުން ނުހުންނާނެއެވެ.

ހާވިއޯ (1948) ވަނީ އުނގަންނައި ދިނުންވަންތަ ލޯބީގެ އަޚުލާޤީ ސިފަތައް ފާހަގަ ކުރައްވާފައެވެ. އުނގަންނައިދިނުންވަންތަ ލޯބި، ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ސިފައަށް، އުޅުމަށް، ޝަޙުސިއްޔަތަށް ބެލުމެއްނެތި ލިބެންވާނެއެވެ. އުނގަންނައި ދިނުންވަންތަ ލޯތްބަކީ ކިޔަވައިދޭ ގޮތެވެ. އެއީ މުދައްރިސު ދަރިވަރާއިމެދު ކަންތައްކުރާގޮތެއްގެ މައްޗަށް ބިނާކޮށް ދަރިވަރު އަމަލުކުރާގޮތުން، މުދައްރިސުގެ ކިބައިގައި އުފެދޭ އިޙުސާސެއް ނޫނެވެ. އުނގަންނައި ދިނުމުގެ ގޮތެއްގެ (ޓީޗިންގ މެތަޑް) ގޮތުގައި ''ޓީޗަރުގެ ލޯތްބަކީ، ޓީޗަރު ދަރިވަރާއިމެދު ކަންތައްކުރާ ރަނގަޅު ގޮތަކުން މުދައްރިސާއިމެދު ދަރިވަރު ދެކޭގޮތަށް ބިނާކޮށް، ދެވޭ އެއްޗަކަށް ވެގެންނުވާނެއެވެ.'' (ހާވިއޯ، 1948، ސ.71) އަދި އެއީ، ދަރިވަރު އުފާކޮށްލަން ނުވަތަ ހަލާކުކޮށްލަން ދެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. އެއީ ދަރިވަރުން މަސައްކަތަށް އަނބުރުވައި، ހިތްވަރުކުރުވައި، ނަފުސު ތަރުބިއްޔަތު ކުރުވަން ތާއަބަދު މުދައްރިސަށް ބަރޯސާ ކުރުވުމެއްނޫނެވެ. އަދި އެއީ ކުޑަކުއްޖާ އަމިއްލަ އަމިއްލައަށް ކަންތައް ކުރުވަން ބާރުއެޅުމެއްވެސް ނޫނެވެ. އުނގަންނައި ދިނުންވަންތަ ލޯބި ބުނެދެނީ އެކަކު އަނެކަކަށް ބަރޯސާވުމެވެ. އެކަކު އަނެކަކަށް ބޭނުންވާކަމާއި ޤަބޫލުކުރާކަމެވެ.

އުނގަންނައި ދިނުމުގައި ލޯބި ފެންނާނީ ފުރިހަމައަށް މަސައްކަތް ކުރުމަށް މަގުދައްކައިދޭ ކަމެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، ކެއްތެރި، އިތުބާރާއި ކުރާ އަދި މާފުކުރާ ކަމެއްގެ ގޮތުގައެވެ. މަޤްސަދަކީ،އުނގެނުމަކީ މަޖާކަމަކަށް ނުވަތަ ފަސޭހަކަމަކަށް ނުވަތަ އުފާވެރިކަން ލިބޭ ކަމަކަށް ހެދުމެއްނޫނެވެ. އެކަމަކު އެއީ ދަރިވަރުން އަމިއްލައަށް އުނގެނުމުގެ އެހީ އުފައްދާފަދަ އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމުވެ. ނަތީޖާއަކަށް ދަރިވަރުންގެ ޤާބިލުކަމުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވުމެވެ. ޝެލެރިއަން ފަލްސަފާގައި ވާގޮތުން، މުދައްރިސުންގެ ލޯބީގައި، ދަރިވަރުގެ ކިބައިގައި ބޭރުފުށުން ފެންނަވަރަށްވުރެ މާގިނައިން ހުރެއެވެ. މިވާހަކަ އެރިސްޓޯޓްލްގެ ޚިޔާލުކަމުގައިވާ އެހެން މީހުންނަށް ރަނގަޅަށާއި ހެވަށް އެދުން، މިވާހަކައަށް ތާއީދުކުރެއެވެ (އެރިސްޓޯޓްލް، 1981).

ޝައްކެއްނެތް ގޮތުގައި، ލޯބީގައި އެތަކެއް ބާވަތެއް ހިމެނެއެވެ. އޭގައި، އިޙުސާސް، އަމަލު، ޝުޢޫރު، ދެއްކުންތެރިކަން ހިމެނެއެވެ. މީހާގެ އަމަލާއި ޙަރަކާތަށް ލޯބި މަގުދައްކައެވެ. އަދި ޝަޢުޤުވެރިކަމަށް ބިންގާއަޅައިދެއެވެ. ކަންކުރުމަށް ލޯބި ކުރުމާއި ތަޖުރިބާ ޙާސިލުކުރުމަށް ލޯބި ކުރުމާއި އުފެއްދުންތެރިކަމަށް ލޯބިކުރުމާއި މިކަންކަމަކީ ޓީޗަރުންނާއި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ކަންކަމެވެ. ފަހަރެއްގައި، އުނގަންނައި ދިނުމުގެ ލޯބީގެ ތަޢުރީފަކީ ނަފުސު ޤުރުބާން ކުރުންކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ރަނގަޅު މުދައްރިސުވަންތަ ކަމެކެވެ. އަދި އެއީ އުނގަންނައި ދިނުމުގެ ރަނގަޅުގޮތެވެ. އަދި އެއީ ދަރިވަރުގެ ކިބައިގައިވާ ޤާބިލިއްޔަތުކަމަށް ފުރިހަމައަށް އިތުބާރުކުރުމެވެ. އެހެންކަމުން، ބޭނުންވާކަމަކީ އެ އިތުބާރު ދެއްކުމަށްޓަކައި ހިތްވަރާއި އަޒުމާއިއެކު މަސައްކަތްތައް ކުރުމެވެ. އުނގަންނައި ދިނުންވަންތަ ލޯބީގެ މާނައަކީ، ދީލަތިވުމެއް ނޫނެވެ. އެކަމަކު އެއީ އުނގަންނައި ދިނުމުގެ ތެރެއިން ޙާސިލުކުރެވިދާނެ ކަންތައްތަކާއިމެދު ތިމާގެ ހިތުގައިވާ ޝައުޤުވެރިކަމާއިމެދުވާ ދަހިވެތިކަމެވެ. މުދައްރިސުގެ އުނގަންނައި ދިނުމުގައި ދަރިވަރު ބައިވެރިކުރުމެވެ. ޤާބިލިއްޔަތުކަމަކީ، މުދައްރިސަށްލިބޭ ހިތްހަމަޖެހުމާއި އިނާމެވެ. ލޯބީގެ ހަމައިގައި، ދަރިވަރުގެ ފޮރުވިފައިވާ ހުނަރުތަކާއި ފުރުސަތުތައް ނެރެދޭނެއެވެ. އެއީ ބުއްދީގެ ހަމަ އެއީ ނުވާނެކަމަކަށްބަލައި ހުއްޓާލާފައި ވިޔަސްމެއެވެ. މިސާލަކަށް، އުނގެނުމަށް ދެރަ ދަރިވަރަކާއި ދިމާވާ ލޯބީގެ މުދައްރިސަކަށް ކަންތައް ކުރާނެގޮތަކީ، އެދަރިވަރުގެ އުއްމީދާއި އިތުބާރު ދަރިވަރުގެ އުނގެނުމުން ގެއްލިޔަ ނުދިނުމެވެ.

މުދައްރިސަކު އޭނާގެ ދަރިވަރު ޤާބިލުކަން ހުރިކަން ޤަބޫލުކުރާނަމަ، ދަރިވަރަށް އެކަން ވިސްނައިދިނުމަށް އެ މުދައްރިސަކު މަސައްކަތް ކުރާނެއެވެ. މީގެ އިތުރަށް ލޯބި ފެނިގެންދާނެ، އަމާޒަށް މީހާ ގެންދާ އެއްޗެއްގެ ގޮތުގައެވެ. އެފަދަ މުދައްރިސުން ފިލާވަޅު ރާވާދީ އަދި ފިލާވަޅު ތަންފީޒުކުރާނީ، ދަރިވަރުންގެ އުނގެނުން ކުރިއަރާފަދަ ގޮތަކަށެވެ. މީގެ މާނައަކީ ވަރަށް އާދައިގެ ސާދާ ހުނަރުތަކެއް ބޭނުންކުރާ ވާހަކައެވެ. މިސާލަކަށް ނުފެންނަ އެއްޗެއް ސިފަވާގޮތަށް ކިޔައިދިނުން، ކުރެހުމުން ދެއްކުން، ސުވާލުކުރުން، މަޝްވަރާކުރުން، އަޑުއެހުމާއި ތަކުރާރުކުރުން، ދަރިވަރު ކުރިއަށް އަޅާ ފިޔަވަޅަށް ޝުކުރުވެރިވުން، އިތުރު އެހީ ދިނުން، އުނގަންނައި ދިނުމުގެ މިންގަނޑު، ވަގުތީގޮތުން ދަށްކުރުން ހުއްޓާނުލައި ކުރިއަށް ދިޔުން މިކަންކަމެވެ. މީގެ އިތުރަށް ލޯބިވާ މުދައްރިސެއްނަމަ ދަރިވަރުގެ ޙާލަތަށް ރިއާޔަތް ކުރާނެއެވެ (ވަން މެނެން، 1991؛ ހެޓް، 2005).

ލޯބިވާ ޓީޗަރެއްނަމަ، އޭނާގެ ދަރިވަރު ކުރިއެރުން އެދަރިވަރަށް އޭނާ ފާޅުކުރާނީ ވާހަކަ ދެއްކުމުގެ ތެރެއިންނެވެ. ދަރިވަރުގެ ސެލްފްއެސްޓީމް މަތިވެ، ދަރިވަރުގެ ކިޔެވުން މަތިވެގެންދާނީ މިގޮތުންނެވެ. ރަނގަޅު ނަތީޖާ ލިބުމަކީ ދަރިވަރަށްލިބޭ އިނާމެކެވެ. ސަބަބަކީ، އެއިން އެދަރިވަރަށް އުފާވެރިކަން އިހުސާސްވާތީއެވެ. އެހެންކަމުން، އުނގަންނައިދިނުންވަންތަ ލޯތްބަކީ، އުނގަންނައިދިނުމުގެ މެތަޑެކެވެ. އޭގައި އެކުލެވެނީ، ދެގޮތެއްނުވާ ޝައުޤުވެރިކަމާއި ދަރިވަރުގެ ކުރިއެރުމަށް އެހީތެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެއީ އެދަރިވަރާއި މުޅި ޤައުމުގެ ހެވަށްޓަކައެވެ.


އުނގަންނައިދިނުންވަންތަ ލޯތްބަކީ، ރަނގަޅު އުނގަންނައިދިނުމަކަށް އެންމެ ރަނގަޅު މެތަޑެވެ. އަދި އެއީ އެންމެ އަސާސީ ރުކުނެވެ. އުނގަންނައި ދިނުމާއި އުނގަންނައިދިނުންވަންތަ ލޯތްބަކީ ވަކުނުވާނެ ދެއެއްޗެއްކަމަށް ޔަޤީންކަން ދެއްވަމުން ފްރޯމް (1994، ސ.52) ވިދާޅުވެފައިވަނީ،''ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ލޯބިންނެވެ.'' މިސާލަކަށް، ސްކެފޯލްޑިންގ ޓެކްނިކްގައި ބާރުއަޅަނީ، މުދައްރިސެއްގެ ދައުރަކީ ދަރިވަރަށް އެހީތެރިކަން ބޭނުންވާ ހިނދު އެހީތެރިވުމެވެ. ޓީޗަރުގެ މަސައްކަތަކީ، އުނގެނުމުގެ މަރުހަލާގައި ތަދައްޚުލް (އިންޓަރވީން) ވުމެވެ. ނުވަތަ އެކަމުގެ ތެރެއަށް ވަނުމެވެ. އަދި ދަރިވަރަށް ބޭނުންޖެހޭ ހިނދު އެހީތެރިވެދިނުމެވެ. އެހެންކަމުން، ދަރިވަރުން ކުރިއަރަމުންދާ ވަރަކުން ޓީޗަރުގެ ދައުރު ކުޑަވަމުންދެއެވެ. (ރަންޓާލާ އަދި މާއްޓާ، 2011). ހަމަމިގޮތަށް، ވައިގޮޓްސްކީ (1978) ގެ ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމަންޓްގައި، ދަރިވަރު ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ޓީޗަރުގެ އެހީތެރިކަން ބޭނުންވެއެވެ. ކުރިއެރުން ހިނގަމުންދާނީ، އެންމެ ފުރަތަމަ ދެފަރާތުގެ ދެމެދުގައި ހިނގާ މުޢާމަލާތުގެ ތެރެއިންނެވެ. އޭގެ ފަހުގައި ވަކިވަކި ދަރިވަރުންގެ އަމިއްލަ ޝައުޤުވެރިކަމާއި ގުޅިގެން އުފެދޭ ޙަރަކާތުންނެވެ. ދަރިވަރުންގެ ޙަޤީޤީ ޤާބިލުކަމަށް ވާޞިލުވެވޭނީ މުދައްރިސުގެ އުނގަންނައިދިނުންވަންތަ ލޯބީގެ މަގުދެއްކުމުންނެވެ. ސުވާލަކީ އުނގަންނައިދިނުމުގައި  އުފެދޭ  މައްސަލަތަކުގެ ޙައްލު ގުޅިފައިވަނީ އުނގަންނައިދިނުންވަންތް ލޯބީގައި ތޯ އެވެ.


އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން – 5


އެއްގޮތެއްގައި ދެމިހުރުމަށްޓަކައި ލޯބި

ވަރަށްގިނަ މީހުންނަށް އެމީހުންގެ ޚާއްސަ ފަންނުގައި ހުނަރާއި ތަޖުރިބާ ލިބިފައިވަނީ އެކަމުގައި ދެމިތިބުމަށް، ލޯބިއަދާކުރި ދައުރުގެ ސަބަބުންނެވެ. އެއްގޮތެއްގައި، ކަމެއްގައި މީހަކަށް ދެމިހުރެވޭނީ އެކަމެއްގައި ކުރަންޖެހޭ މަސައްކަތާއި އެމީހެއްގެ ކެރިކުޅަދާނަކަމާއި ވަޒަން ހަމަވެގެންނެވެ. އެއްގޮތެއްގައި ދެމިހުރެވުމަކީ، އެކަމެއްގައި ޙާޞިލުކުރަންޖެހޭ އެންމެމަތީ ނަތީޖާ ޙާޞިލުކުރުމަށް ކުރާ މަސައްކަތާއި ދެވޭ ސަމާލުކަމުގެ އުފާވެރި ވަގުތުކޮޅެވެ. އެއީ، އުސް ފާރަކަށް އެރިކަމުގައިވިޔަސް، ރާޒުވާކުޅުން ކަމުގައިވިޔަސް، ނެށުންކަމުގައިވިޔަސް، ސަރޖަރީއެއް ހެދުން ކަމުގައިވިޔަސް، ބަސްދަސްކުރުން ކަމުގައިވިޔަސް، ކުލަޖެއްސުން ކަމުގައިވިޔަސް، ނުވަތަ މިއުޒިކް ހެދުން ކަމުގައިވިޔަސްމެއެވެ.

އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 4

ދަރިން ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި ހެދިދާނެ ގޮތްތަކަކީ ކޮބާ؟


އިންސާނާކުރާ އަމަލުތަކަކީ ގަސްދަކާއިނުލައި ކުރާއަމަލުތަކެއް ނޭނެވެ. އެހެންކަމުން ، އޭނާގެ އަމަލުތަކުން އޭނާގެ ތަރައްޤީ ކަނޑަނޭޅޭނެއެވެ. މީހާގެ އަމަލުތައް މިސްރާބުވުމުގައި އޭނާއަށް ލިބޭ އެހީތެރިކަމާއި، ހިތްވަރު ހިމެނެއެވެ. މިސާލަކަށް، ދަރިވަރެއްގެ ނަފުސުގެ ރޫޙު މަތިކުރުމަށްޓަކައި މުދައްރިސު ކުރަންޖެހޭ ކަމަކީ ހަމައެކަނި ދަރިވަރަށް ހިތްވަރު ދިނުމެއް ނޫނެވެ. އެކަމަކު އޭގެ އިތުރަށް ބޭނުންތެރި އަދި އުނގެނުމަށް މަގުފައިވާ ބިނާކުރަނިވި (ފީޑްފޯވާޑް) ފާޑުކިޔުމަކީ، ނަތީޖާ އެހާ ރަނގަޅު ނޫން ދަރިވަރުން އެދަރިވަރުން އަމިއްލައަށް މަސައްކަތް ކުރުމުގެ ބާރު ލިއްބައިދިނުމަށް ކުރަންޖެހޭ ކަމެކެވެ. (އެންޖެލްސަން އަދި ސުމިތު،2010).

މެކްސް ޝެލަރގެ ލޯބީގެ ފަލްސަފާގައި، އިންސާނާގެ ތަރައްޤީއާއި އުނގެނިގަތުމަށް އޭނާގެ ޝައުޤުވެރިކަމާއި ލޯބި މިސްރާބުކުރުމަށް ލޯބި ބޭނުންވާކަމަށް ވަރަށްބޮޑަށް ބާރު އަޅައެވެ. އިއީ އުނގެނުމުން ނުވަތަ އޭނާއަށްލިބޭ ކުރިއެރުމުން ލިބޭ ވަގުތީ އުފަލުގެ އިތުރަށް، އޭނާގެ ވިސްނުމުގެ ފެންވަރާއި އަމާޒު ޙާޞިލުވުމަށެވެ. މުދައްރިސުންނާއި އުނގަންނަދިނުމުގައި ޙަރަކާތްތެރިވާ މީހުންގެ ޒިންމާއަކީ، ދަރިވަރުންނަށް އެފަދަ އަޅާލުމާއި އެޙީތެރިކަމުގެ ވެއްޓެއް ފޯރުކޮށްދިނުމެވެ. އެއީ، ދަރިވަރުންނަށް މަތިވެރި އަގުތަކާއި ހުނަރު އުނގެނިގަތުމަށް، އޭނާގެ އުފަލާއި އަރާމްތައް ކޮންޓްރޯލްކުރުންފަދަ މާޙައުލަކާއި އަޅާލުމަކާއި އެހީތެރިކަމެކެވެ (ސޮލަސާރި، 2003). 

އެމީހަކު ޝައުޤުވެރިވާ ޚާއްސަ ރޮނގެއްގައި ކުރިއަށް ދިޔުމަށާއި މަތީ ދަރަޖަ ޙާޞިލުކުރުމަށް ހިތްވަރާއި ގަދައަޅާ މަސައްކަތްކުރުމާއި، ކެރުންތެރިކަން ބޭނުންވާނެއެވެ. އެމީހެއްގެ ޤާބިލުކަންހުރި ގޮތަކަށް އެމީހަކު ކުރިއަށް ދިޔުމާއި، އެހެން މީހުންނާއި ތިމާ ތަފާތުވުމަކީ އަދި ތިމާގެ ވަގުތީ އުފާތަކުން މަޙުރޫމްވެގަތުމަކީ، އަދި އަމިއްލަ ނަފުސު އެކަމަށް ތަރުބިއްޔަތު ކޮށްގަތުމަކީ، ލޯބީގެ އެންމެ ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ. ތިމާގެ ސިކުނޑި، މަތީ އަގުތައް ޙާޞިލުކުރުމަށް އަމާޒު ކުރުމަށެވެ. މަތިވެރި، އެއްވެސް ކަމެއް އެއްވެސް މީހަކަށް  ލޯތްބާއި ނުލައި ޙާޞިލުނުވެއެވެ (މާއްޓާ، 2011). މިއީ ޒަމާނީ މުދައްރިސުންނަށް އޮތް ގޮންޖެހުމެވެ. މިއަދު އެހެންމީހުންނާއި ކަމެއްކުރުމާއި އަދި އެކަމަކަށް ތިމާ ވާސިލުވުމަށް މަސައްކަތް ކުރުމަކީ އެހާ ޕެޝަނަބަލް ކަމެއްނޫނެވެ. ގިނަމީހުން ބޭނުންވަނީ، ޖަމާޢަތުގެ ގިނަމީހުން ކުރާކަމެއް ތިމާމެން ކުރުމަށެވެ. ތިމާއަކީ ތަފާތު މީހަކަށް ދުށުމުގެ ފުރުޞަތު ނުދިނުމަށެވެ (ކެރ، 1985). ވަރުގަދަ ސަމާލުކަމަކާއި އެކީ މަސައްކަތް ކޮށްގެން ނޫނީ، ޢިލްމް އަދި ފަންނީ ޤާބިލުކަމެއް ނުލިބޭނެކަން މޮޅު ޓީޗަރުން ދަނެއެވެ (މާއްޓާ، 2010).

ތިމާގެ އަމިއްލަ ޚިޔާލުތައް އިއްވުމާއި، ތިމާއަށް ލިބިފައިވާ ޤުދުރަތީ ހުނަރުތައް ދައްކާލުމާއިއެކު ތިމާއަކީ ކާކުކަން އަންގައިދިނުމަށް އެހެންމީހުންނާއި ތިމާ ބައިވެރިވާން ޖެހެއެވެ. އަމަލީ ފަންނުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ އެތައް އަހަރެއް، ޝައުޤުވެރިކަމާއިއެކު އެކަމުގައި ހޭދަކުރުމަކީ ކުރަންޖެހޭނެކަމެކެވެ (ސިކްސްޒެންޓްމިހަލްޔީ، ރަތުންޖޯ އަދި ވެލެން، 1996، ނިކްޕޮން، 2011). މިފަދަ ހިތްވަރަކާއި އަޒުމެއް މީހާގެ ކިބައިގައި އުފެދެނީ، ޖަޒުބާތީ ސިފަތަކުގެ ތެރެއިންނެވެ (ޑެނިއަލް ގޯލްމަން، 1999). އެހެންކަމުން، ޙަރަކާތްތެރި އަދި ބުންވަރުހުރި މީހަކަށް، މީހާ ބަދަލުކޮށްލަނީ ލޯބީގެ ބާރެވެ. އަދި ތިމާ އެއްގޮތެއްގައި ދެމިހުރުމުގެ ތަޖުރިބާއާއި ގުޅުވާ އެއްޗަކީ ވެސް ލޯތްބެވެ. 



އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 3



އިންސާނާއަކީ ލޯބީގެ މަޚުލޫގެކެވެ.

ޖަރުމަނުގެ މަޝްހޫރު ފިލޯސަފަރު މެކްސް ޝެލަރ ޤަބޫލުކުރައްވާ ގޮތުގައި (ސޮލަސާރި، 2003)، އިންސާނާއަކީ، އަސްލުގައި ވަރަށް އާޠިފީ މަޚުލޫގެކެވެ. ކުއްޖަކު އޭނާގެ ވަށައިގެންވާ ވެއްޓަށާއި އެވެށީގެ އެކުލެވޭ ސިއްރުތަކަކާއި، މާއްދީ ދުނިޔެއަށާއި އޭނާގެ އަމިއްލަ ނަފްސަށާއި އެފުދޭ ޝައުޤަކީ އެންމެ ފުރަތަމަވެސް، ފިޠުރުގެ ކަންތައްތަކަށް އުފެދޭ ލޯތްބެވެ. ނުވަތަ ޢާޠިފިއްޔަތެވެ.

އިންސާނުން އެންމެ ބޮޑަށް ޝައުޤުވެރިކަންދެނީ، އެމީހުންނަށް އެފާވެރިކަންލިބޭ އަދި އެމީހުން އަގުކުރާ ކަންތައްތަކަށެވެ. ޝެލަރ ބުނާގޮތުން އެއީ ބޭރުން ބާރުފޯރުވާ، ގަސްދުގައިވާ އަދި ޝައުޤުވެރި ލޯތްބެވެ. މީހާގެ ބުއްދިވެރިކަމާއި ފިކުރަށް ބާރުގެނެސް ކުރިއަރުވައިދެނީ ލޯތްބެވެ. އެހެންކަމުން، ހެއްދެވިހާ ތަކެތިދެކެ އިންސާނާވާ ލޯބި (ordo amoris) ތަރައްޤީވެއެވެ. އެއީ ދަރަޖަވެގެންވާ އެއްޗެކެވެ. އެއީ އިންސާނާގެ މަތިވެރި އަޚުލާޤު ދައްކައިދޭ ކަމެކެވެ. މީހާގެ ޢަމަލާއި އިޚުތިޔާރުކުރާ ކަންތައްތަކާއި އަމާޒާއި ފުރުޞަތުތައް ކަނޑައަޅައިދޭނީ، އޭނާގެ އަޚުލާޤެވެ. ނުވަތަ އޭނާ މަޚުލޫޤުންދެކެވާ ލޯބީގެ ދަރަޖައިންނެވެ. އެކަން އުފެދިގެން އަންނަނީ ތަޖުރިބާއިންނާއި ތަޢުލީމުންނާއި އުނގަންނައި ދިނުމުގެ ތެރެއިންނެވެ. މި ލޯތްބަށް ބިނާވެފައިވާ ދަރަޖަތައް އިންސާނާ އެނާ ދާހާ ތަނަކަށް އޭނާއާއިއެކު ގެންދެއެވެ.

އަސްލެއްގެ ގޮތުން ބަލާއިރު ، އިންސާނާއަކީ ހަމައެކަނި ބުއްދިވެރިކަން ދެއްވިގެންވާ މަޚުލޫގެއްނޫނެވެ. އެކަމަކު، އެއީ ލޯބީގެ މަޚުލޫގެކެވެ (ކާންޓް، 1788 / 2000). ލޯބި، އިންސާނާ ކުރާ ޢަމަލުތަކުގެ މިސްރާބަށާއި އެކަމުގެ ކުޑަބޮޑުމިނަށާއި އީޖާބީ ޖަޒުބާތާއި އުފާވެރިކަމުގެ ބާރާއި އަދި ތިމާއަކީ ވާމީހެއްކަމުގެ އިޙުސާސް، އަދި މިކަންތައްތަކުން ތިމާ ޙާޞިލުކުރަން ބޭނުން މަންޒިލަށް ތިމާ ދިއުމުގެ ހަކަތަ ސިކުނޑީގައި އުފައްދައެވެ (ރަންޓާލާ އަދި މާއްޓާ،2011). އިދިކޮޅު ޖަޒުބާތުތައް ކަމައްވާ، ހިތާމަ، ބިރު، ރުޅި މިކަންތައްތަކުގެ ސަބަބުން އިންސާނާގެ ހަކަތަ އަންދާލައެވެ. އެތެރެ ގަޑުބަޑު ކޮށްލައެވެ. އޭނާގެ މަންޒިލް އެނާއަށް ފެންނާނީ އަގެއްނެތް، ބޭނުމެއްނެތް އެއްޗެއްގެ ގޮތުގައެވެ (އައިސެން،2001). ލޯބީގެ ޖަޒުބާތާއި އަމަލުން، އުއްމީދާއި ހިތްވަރު އުފައްދައެވެ (މާއްޓާ،2010). ލޯބި އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، އެއީ ހެދިބޮޑުވެ، ކުރިއަރައި މޮޅުވުމުގެ ހިތްވަރު ގެނެސްދޭ އެއްޗެކެވެ. އެއީ، މީހުންދެކެވާ ލޯބި ކަމުގައިވިޔަސް، އާރޓަށް ނުވަތަ ސައެންސަށް ނުވަތަ ޚިޔާލަކަށް ނުވަތަ ޤުދުރަތަށް ކަމުގައިވިޔަސްމެއެވެ.


އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 2


ލޯބީގެ ތަފާތު ވައްތަރުތައް

ލޯތްބަކީ އެތަކެއް މާނައެއް އެއިން ދޭހަކުރެވޭ އަދި ގިނަ ވައްތަރުތަކެއް ހިމެނޭ އެއްޗެކެވެ. ރޮމެންޓިކް ލޯބީގެ އިތުރުން (ބެކް-ޖަރންޝެއިމް އަދި ބެކް، 1995؛ ފެންޝެލް،2005 ހެޓްފީލްޑް، 1988؛ ހެގީ އަދި ބަރގްނަރ،2010؛ މާޓާ،2005؛ މާޓާ،2006؛ ޕަރސަން،2007؛ ސްޓެމްބަރގް، 1998)،ރަހުމަތްތެރިކަމުގެ ލޯބިވެސް ވެއެވެ (އަލްބެރޯނީ، 1987؛ ބްލެިޒްނަރ އަދި އެޑަމްސް، 1992، ފެހްރ، 1996؛ ހަރޓްއަޕް، 1995؛ މިލަރ އަދި ޕަރލްމަން، 2009)، ތިމާފަދަ އަނެއް އިންސާނާ ދެކެވާ ލޯބި  (އެރިކްްސަން، 1989؛ ޖަނަކޯ، 1993؛ ޕަލްޑޭނިއަސް، 2002)،  މައިންބަފައިން ދެކެވާ ލޯބި، ޤައުމުދެކެވާ ލޯބި (މަންޓާ، 2006)، އުނގަންނައި ދިނުމުގެ ލޯބިހިމެނެއެވެ (ހާވިއޯ، 1948؛ސްކިނަރ،2004). މިއިން ކޮންމެ ވައްތަރެއްގެ ލޯތްބެއްގައިވެސް އާންމު ސިފަތަކެއް ހުރެއެވެ. އަދި އެކަންތައްތަކަށް، ޒަމާނާއިއެކު އައި ފަރުދީ ވަންތަކަމާއި ނަފުސީ ވަންތަކަމުގެ ބަދަލުގެ ބިރު ކުރިމަތިވެފައިވެއެވެ (ބެކް-ގަރނެއިޝަމް އަދި ބެކް، 1995؛ ގިޑެންސް، 1991).


އިންސާނާ ތިމާފަދަ އަނެއް އިންސާނާދެކެ ވާލޯބި (agape)، އެއީ އިންސާނަކަށްވީތީ އޮންނަން ލޯތްބެވެ. އެއީ މީހާގެ ފަރުދީ ސިފަތައް ކަމަށްވާ މަޤާމާއި ޤައުމާއި ޖިންސާއި ޤާބިލުކަމާއި ނަސްލާއި ވާހަކަދައްކާ ބަހުރުވައަކަށް ބިނާވާ ލޯތްބެއްނޫނެވެ. މިއިން އެއްވެސް ކަމަކީ އިންސާނެއްގެ އަގު ކަނޑައަޅާ އެއްޗެއް ނޫނެވެ. ލޯބިވުމާއި ލޯބި ލިބިގަތުމުގެ ޙައްޤަކީ  އިންސާނަކަށްވީތީ ލިބިގެންވާ ޙައްޤެކެވެ. މީގެ އިތުރަށް އަޅާލެވުމާއި ހެދިބޮޑުވުމުގެ ޙައްޤުވެސް ކޮންމެ އިންސާނަކަށް ލިބިގެންވެއެވެ (ބްރެޑްޝޯ،1996 ، ލަނާރާ، 1981؛ ސްޕްރެންޖެލް އަދި ކެލީ،1992).

ކުޑަކުދިންނަށް އެހީތެރިވުމާއި އެހީތެރިކަން ފޯރުވައިދިނުމުގައި މި ވައްތަރުގެ ލޯބި މާނަކުރެވޭނީ، އަޅާލުމުގެ މާނައިގައެވެ. ހަމައެހެންމެ، އެހެން މީހެއްގެ ނުވަތަ އެއްޗެއްގެ ޙާލާތާއިމެދު އުފެދޭކަންބޮޑުވުމާއި އަޅާލުމަށްވެސް މި ލޯބި މާނަކުރެވެއެވެ (މޯސް، ސޯލްބަރގް، ނީންޑަރ، ބޮޓޯރފް، އަދި ޖޯންސަން، 1990؛ ޕަލްޑޭނިއަސް،2002). ކުޑަކުދިންނަށް އެހީތެރިވެދީ އަޅާލުމަކީ އެހެން އިންސާނުންނަށް ތިމާގެ ކިބައިގައިވާ ލޯބިވެތިކަން އެންމެ ބޮޑަށް ދައްކުވައިދޭ ކަންތަކެވެ (އެރިކްސަން،1989). ޙަޤީޤަތުގައި، އަޅާލުމާއި ހަމްދަރިދީއަކީ، އުނގަންނައި ދިނުމުގެ އެންމެ މަރުކަޒަކީ ދެ ސިފައެވެ. އެއީ އުނގަންނައި ދިނުމުގެ އެންމެ ކާމިޔާބު މެތަޑެވެ (ނޮޑިންގްސް،1988؛ ބަރންސް އަދި ރަތުބޯން،2010).

ޓީޗަރެއްގެ  އަޚުލާޤީއްޔާތުގެ މާނައަކީ، ޙަޤީޤީ އަޅާލުމެވެ. ދަރިވަރަށް ވިސްނައިދިނުމަށް ޙަޤީޤަތުގައިވެސް މަސައްކަތްކުރުމެވެ. އަދި ދަރިވަރުގެ ރައްކާތެރި ކަމަށްޓަކައި މަސައްކަތްކުރުމާއި އެހީތެރިވެދިނުމާއި ހެދި ބޮޑުވުމަށް މަސައްކަތްކުރުމެވެ. މި ދެންނެވި އުނގަންނައި ދިނުންވަންތަ އަޅާލުމުގެ ސަބަބުން، ދަރިވަރުގެ ޤާބިލިއްޔަތުކަން ހުރިވަރު މުދައްރިސަށް އެނގި ދަރިވަރުގެ އަމިއްލަ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވެއެވެ. ރަގަޅު މުދައްރިސުވަންތަ ކަމުގެ އެންމެ މަތިވެރި ބަހާ އަކީ އުނގަންނައިދިނުމުގެ ލޯބިކަމުގައި އެތަކެއް ޖީލުތަކެއްވަންދެން ޤަބޫލުކުރެވިފައިވެއެވެ. ރަގަޅު މުދައްރިސަކަށްވުމަށް މިންކުރާ އެހެން އެތަކެއް ސިފަތަކެއް ހުއްޓާވެސްވެއެވެ. އެހެން ސިފަތަކުގެ ތެރޭގައި، ކުލާހުގައި ސުލޫކު ހިފެހެއްޓުމާއި އަމުރު މައުރޫފު ދެމެހެއްޓުމާއި، އަމާޒަށް ވާސިލުވުމާއި، ކިޔަވައިދޭ މާއްދާތަކަށް ވަރަށް މޮޅުވުން ހިމެނެއެވެ (ޑޭވިސް،1993؛ ޒޮމްބީލަސް،2007؛ ހޭންސެން،2009). 

ލޯތްބަކީ ތަފާތު އެތަކެއް ގޮތަކަށް ދޭހަކުރެވޭ އެއްޗަކަށްވިޔަސް، ބައެއް ފަރާތްތަކުން، ލޯބި، މުދައްރިސުގެ މަސައްކަތްތަކާއި ނުގުޅުވައި، ވަރަށް ހަނި ދާއިރާއެއްގައި ދޭހަކުރެއެވެ. އެހެންނަމަވެސް، މިސާލަކަށް ފިންލޭންޑުގައި، އުނގަންނައި ދިނުމުގެ ލޯތްބާއިމެދު، ބަޙުޘްކުރައްވަމުން، އުނޯ ސިގްނޯސް 1860 ގެ އަހަރުތަކުގައި ލިޔުއްވާފައިވެއެވެ. އޭގެ ސަތޭކައަހަރު ފަހުން
 މަރުޓީ ހާރވިއޯ (1948) އަދި އުރުޕޯ ހަރުވާ (1955) ގައިވެސް އެ މައުޟޫއަށް ލިޔުއްވާފައިވެއެވެ. ހަމަމިގޮތަށް، ޖަރުމަންވިލާތުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ މެކްސް ޝެލަރ (1928 – 1874)، ބުނެފައިވަނީ، ލޯތްބަކީ އުނގަންނައިދިނުމުގެ އެންމެ މައިގަނޑު ބަހާ ކަމުގައެވެ (ސޮލަސާރީ، 2003).


A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...