5/06/2015

އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 6


އުނގަންނައިދިނުންވަންތަ ލޯތްބަކީކޮބާ؟

މަރިއްޓޯ ހާވިއޯ (1948) ބުނެފައިވާގޮތުން ކިޔަވައިދިނުމުގެ ތެރެއިން މީހުންގެ ޝަޙުސިއްޔަތު ބިނާކުރުމުގެ އަމާޒަކީ، ލޯބިވަންތަކަމާއިއެކު ނޫނީ ނުކުރެވޭނެކެމެކެވެ. ހާވިއޯއަކީ ދުނިޔޭގައި މިވަގުތު ތަޢުލީމީގޮތުން އެންމެ ކުރީސަފުގައި ގުނާލެވޭ ސްކޫލްތައްހުރި ގައުމު (ފިންލެންޑް) ގެ ތަޢުލީމީ ދާއިރާގެ ވަރށް ނުފޫޒުގަދަ ޝަޙުސިއްޔަތެކެވެ. ހާވިއޯ ބާރުއަޅުއްވާގޮތުން މުދައްރިސެއްގެ މަސައްކަތުގައި ދެ ޝަރުތެއް ހިމެނެއެވެ. އެއީ، ދަރިވަރުންނާއި ގުޅިފައިވުމާއި ދިރިއުޅުމުގެ އަގުތަކާއި ޒިންމާދާރުކަމާއިއެކު ދެމިހުރުމެވެ. ހުނަރުވެރި މުދައްރިސެއް، ދަރިވަރަކު ބޭކާރު ކަމެއްކުރާއިރު ނުވަތަ ލިބޭ ފުރުސަތުނަގާލާ ފެއިލްވާއިރު މަޑުން ނުހުންނާނެއެވެ.

ހާވިއޯ (1948) ވަނީ އުނގަންނައި ދިނުންވަންތަ ލޯބީގެ އަޚުލާޤީ ސިފަތައް ފާހަގަ ކުރައްވާފައެވެ. އުނގަންނައިދިނުންވަންތަ ލޯބި، ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ސިފައަށް، އުޅުމަށް، ޝަޙުސިއްޔަތަށް ބެލުމެއްނެތި ލިބެންވާނެއެވެ. އުނގަންނައި ދިނުންވަންތަ ލޯތްބަކީ ކިޔަވައިދޭ ގޮތެވެ. އެއީ މުދައްރިސު ދަރިވަރާއިމެދު ކަންތައްކުރާގޮތެއްގެ މައްޗަށް ބިނާކޮށް ދަރިވަރު އަމަލުކުރާގޮތުން، މުދައްރިސުގެ ކިބައިގައި އުފެދޭ އިޙުސާސެއް ނޫނެވެ. އުނގަންނައި ދިނުމުގެ ގޮތެއްގެ (ޓީޗިންގ މެތަޑް) ގޮތުގައި ''ޓީޗަރުގެ ލޯތްބަކީ، ޓީޗަރު ދަރިވަރާއިމެދު ކަންތައްކުރާ ރަނގަޅު ގޮތަކުން މުދައްރިސާއިމެދު ދަރިވަރު ދެކޭގޮތަށް ބިނާކޮށް، ދެވޭ އެއްޗަކަށް ވެގެންނުވާނެއެވެ.'' (ހާވިއޯ، 1948، ސ.71) އަދި އެއީ، ދަރިވަރު އުފާކޮށްލަން ނުވަތަ ހަލާކުކޮށްލަން ދެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. އެއީ ދަރިވަރުން މަސައްކަތަށް އަނބުރުވައި، ހިތްވަރުކުރުވައި، ނަފުސު ތަރުބިއްޔަތު ކުރުވަން ތާއަބަދު މުދައްރިސަށް ބަރޯސާ ކުރުވުމެއްނޫނެވެ. އަދި އެއީ ކުޑަކުއްޖާ އަމިއްލަ އަމިއްލައަށް ކަންތައް ކުރުވަން ބާރުއެޅުމެއްވެސް ނޫނެވެ. އުނގަންނައި ދިނުންވަންތަ ލޯބި ބުނެދެނީ އެކަކު އަނެކަކަށް ބަރޯސާވުމެވެ. އެކަކު އަނެކަކަށް ބޭނުންވާކަމާއި ޤަބޫލުކުރާކަމެވެ.

އުނގަންނައި ދިނުމުގައި ލޯބި ފެންނާނީ ފުރިހަމައަށް މަސައްކަތް ކުރުމަށް މަގުދައްކައިދޭ ކަމެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، ކެއްތެރި، އިތުބާރާއި ކުރާ އަދި މާފުކުރާ ކަމެއްގެ ގޮތުގައެވެ. މަޤްސަދަކީ،އުނގެނުމަކީ މަޖާކަމަކަށް ނުވަތަ ފަސޭހަކަމަކަށް ނުވަތަ އުފާވެރިކަން ލިބޭ ކަމަކަށް ހެދުމެއްނޫނެވެ. އެކަމަކު އެއީ ދަރިވަރުން އަމިއްލައަށް އުނގެނުމުގެ އެހީ އުފައްދާފަދަ އެކަށީގެންވާ މާޙައުލެއް ޤާއިމުކުރުމުވެ. ނަތީޖާއަކަށް ދަރިވަރުންގެ ޤާބިލުކަމުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވުމެވެ. ޝެލެރިއަން ފަލްސަފާގައި ވާގޮތުން، މުދައްރިސުންގެ ލޯބީގައި، ދަރިވަރުގެ ކިބައިގައި ބޭރުފުށުން ފެންނަވަރަށްވުރެ މާގިނައިން ހުރެއެވެ. މިވާހަކަ އެރިސްޓޯޓްލްގެ ޚިޔާލުކަމުގައިވާ އެހެން މީހުންނަށް ރަނގަޅަށާއި ހެވަށް އެދުން، މިވާހަކައަށް ތާއީދުކުރެއެވެ (އެރިސްޓޯޓްލް، 1981).

ޝައްކެއްނެތް ގޮތުގައި، ލޯބީގައި އެތަކެއް ބާވަތެއް ހިމެނެއެވެ. އޭގައި، އިޙުސާސް، އަމަލު، ޝުޢޫރު، ދެއްކުންތެރިކަން ހިމެނެއެވެ. މީހާގެ އަމަލާއި ޙަރަކާތަށް ލޯބި މަގުދައްކައެވެ. އަދި ޝަޢުޤުވެރިކަމަށް ބިންގާއަޅައިދެއެވެ. ކަންކުރުމަށް ލޯބި ކުރުމާއި ތަޖުރިބާ ޙާސިލުކުރުމަށް ލޯބި ކުރުމާއި އުފެއްދުންތެރިކަމަށް ލޯބިކުރުމާއި މިކަންކަމަކީ ޓީޗަރުންނާއި ދަރިވަރުންނަށް ނުހަނު ބޭނުންތެރި ކަންކަމެވެ. ފަހަރެއްގައި، އުނގަންނައި ދިނުމުގެ ލޯބީގެ ތަޢުރީފަކީ ނަފުސު ޤުރުބާން ކުރުންކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ރަނގަޅު މުދައްރިސުވަންތަ ކަމެކެވެ. އަދި އެއީ އުނގަންނައި ދިނުމުގެ ރަނގަޅުގޮތެވެ. އަދި އެއީ ދަރިވަރުގެ ކިބައިގައިވާ ޤާބިލިއްޔަތުކަމަށް ފުރިހަމައަށް އިތުބާރުކުރުމެވެ. އެހެންކަމުން، ބޭނުންވާކަމަކީ އެ އިތުބާރު ދެއްކުމަށްޓަކައި ހިތްވަރާއި އަޒުމާއިއެކު މަސައްކަތްތައް ކުރުމެވެ. އުނގަންނައި ދިނުންވަންތަ ލޯބީގެ މާނައަކީ، ދީލަތިވުމެއް ނޫނެވެ. އެކަމަކު އެއީ އުނގަންނައި ދިނުމުގެ ތެރެއިން ޙާސިލުކުރެވިދާނެ ކަންތައްތަކާއިމެދު ތިމާގެ ހިތުގައިވާ ޝައުޤުވެރިކަމާއިމެދުވާ ދަހިވެތިކަމެވެ. މުދައްރިސުގެ އުނގަންނައި ދިނުމުގައި ދަރިވަރު ބައިވެރިކުރުމެވެ. ޤާބިލިއްޔަތުކަމަކީ، މުދައްރިސަށްލިބޭ ހިތްހަމަޖެހުމާއި އިނާމެވެ. ލޯބީގެ ހަމައިގައި، ދަރިވަރުގެ ފޮރުވިފައިވާ ހުނަރުތަކާއި ފުރުސަތުތައް ނެރެދޭނެއެވެ. އެއީ ބުއްދީގެ ހަމަ އެއީ ނުވާނެކަމަކަށްބަލައި ހުއްޓާލާފައި ވިޔަސްމެއެވެ. މިސާލަކަށް، އުނގެނުމަށް ދެރަ ދަރިވަރަކާއި ދިމާވާ ލޯބީގެ މުދައްރިސަކަށް ކަންތައް ކުރާނެގޮތަކީ، އެދަރިވަރުގެ އުއްމީދާއި އިތުބާރު ދަރިވަރުގެ އުނގެނުމުން ގެއްލިޔަ ނުދިނުމެވެ.

މުދައްރިސަކު އޭނާގެ ދަރިވަރު ޤާބިލުކަން ހުރިކަން ޤަބޫލުކުރާނަމަ، ދަރިވަރަށް އެކަން ވިސްނައިދިނުމަށް އެ މުދައްރިސަކު މަސައްކަތް ކުރާނެއެވެ. މީގެ އިތުރަށް ލޯބި ފެނިގެންދާނެ، އަމާޒަށް މީހާ ގެންދާ އެއްޗެއްގެ ގޮތުގައެވެ. އެފަދަ މުދައްރިސުން ފިލާވަޅު ރާވާދީ އަދި ފިލާވަޅު ތަންފީޒުކުރާނީ، ދަރިވަރުންގެ އުނގެނުން ކުރިއަރާފަދަ ގޮތަކަށެވެ. މީގެ މާނައަކީ ވަރަށް އާދައިގެ ސާދާ ހުނަރުތަކެއް ބޭނުންކުރާ ވާހަކައެވެ. މިސާލަކަށް ނުފެންނަ އެއްޗެއް ސިފަވާގޮތަށް ކިޔައިދިނުން، ކުރެހުމުން ދެއްކުން، ސުވާލުކުރުން، މަޝްވަރާކުރުން، އަޑުއެހުމާއި ތަކުރާރުކުރުން، ދަރިވަރު ކުރިއަށް އަޅާ ފިޔަވަޅަށް ޝުކުރުވެރިވުން، އިތުރު އެހީ ދިނުން، އުނގަންނައި ދިނުމުގެ މިންގަނޑު، ވަގުތީގޮތުން ދަށްކުރުން ހުއްޓާނުލައި ކުރިއަށް ދިޔުން މިކަންކަމެވެ. މީގެ އިތުރަށް ލޯބިވާ މުދައްރިސެއްނަމަ ދަރިވަރުގެ ޙާލަތަށް ރިއާޔަތް ކުރާނެއެވެ (ވަން މެނެން، 1991؛ ހެޓް، 2005).

ލޯބިވާ ޓީޗަރެއްނަމަ، އޭނާގެ ދަރިވަރު ކުރިއެރުން އެދަރިވަރަށް އޭނާ ފާޅުކުރާނީ ވާހަކަ ދެއްކުމުގެ ތެރެއިންނެވެ. ދަރިވަރުގެ ސެލްފްއެސްޓީމް މަތިވެ، ދަރިވަރުގެ ކިޔެވުން މަތިވެގެންދާނީ މިގޮތުންނެވެ. ރަނގަޅު ނަތީޖާ ލިބުމަކީ ދަރިވަރަށްލިބޭ އިނާމެކެވެ. ސަބަބަކީ، އެއިން އެދަރިވަރަށް އުފާވެރިކަން އިހުސާސްވާތީއެވެ. އެހެންކަމުން، އުނގަންނައިދިނުންވަންތަ ލޯތްބަކީ، އުނގަންނައިދިނުމުގެ މެތަޑެކެވެ. އޭގައި އެކުލެވެނީ، ދެގޮތެއްނުވާ ޝައުޤުވެރިކަމާއި ދަރިވަރުގެ ކުރިއެރުމަށް އެހީތެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެއީ އެދަރިވަރާއި މުޅި ޤައުމުގެ ހެވަށްޓަކައެވެ.


އުނގަންނައިދިނުންވަންތަ ލޯތްބަކީ، ރަނގަޅު އުނގަންނައިދިނުމަކަށް އެންމެ ރަނގަޅު މެތަޑެވެ. އަދި އެއީ އެންމެ އަސާސީ ރުކުނެވެ. އުނގަންނައި ދިނުމާއި އުނގަންނައިދިނުންވަންތަ ލޯތްބަކީ ވަކުނުވާނެ ދެއެއްޗެއްކަމަށް ޔަޤީންކަން ދެއްވަމުން ފްރޯމް (1994، ސ.52) ވިދާޅުވެފައިވަނީ،''ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ލޯބިންނެވެ.'' މިސާލަކަށް، ސްކެފޯލްޑިންގ ޓެކްނިކްގައި ބާރުއަޅަނީ، މުދައްރިސެއްގެ ދައުރަކީ ދަރިވަރަށް އެހީތެރިކަން ބޭނުންވާ ހިނދު އެހީތެރިވުމެވެ. ޓީޗަރުގެ މަސައްކަތަކީ، އުނގެނުމުގެ މަރުހަލާގައި ތަދައްޚުލް (އިންޓަރވީން) ވުމެވެ. ނުވަތަ އެކަމުގެ ތެރެއަށް ވަނުމެވެ. އަދި ދަރިވަރަށް ބޭނުންޖެހޭ ހިނދު އެހީތެރިވެދިނުމެވެ. އެހެންކަމުން، ދަރިވަރުން ކުރިއަރަމުންދާ ވަރަކުން ޓީޗަރުގެ ދައުރު ކުޑަވަމުންދެއެވެ. (ރަންޓާލާ އަދި މާއްޓާ، 2011). ހަމަމިގޮތަށް، ވައިގޮޓްސްކީ (1978) ގެ ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމަންޓްގައި، ދަރިވަރު ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ޓީޗަރުގެ އެހީތެރިކަން ބޭނުންވެއެވެ. ކުރިއެރުން ހިނގަމުންދާނީ، އެންމެ ފުރަތަމަ ދެފަރާތުގެ ދެމެދުގައި ހިނގާ މުޢާމަލާތުގެ ތެރެއިންނެވެ. އޭގެ ފަހުގައި ވަކިވަކި ދަރިވަރުންގެ އަމިއްލަ ޝައުޤުވެރިކަމާއި ގުޅިގެން އުފެދޭ ޙަރަކާތުންނެވެ. ދަރިވަރުންގެ ޙަޤީޤީ ޤާބިލުކަމަށް ވާޞިލުވެވޭނީ މުދައްރިސުގެ އުނގަންނައިދިނުންވަންތަ ލޯބީގެ މަގުދެއްކުމުންނެވެ. ސުވާލަކީ އުނގަންނައިދިނުމުގައި  އުފެދޭ  މައްސަލަތަކުގެ ޙައްލު ގުޅިފައިވަނީ އުނގަންނައިދިނުންވަންތް ލޯބީގައި ތޯ އެވެ.


No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...