6/23/2015

އެއަރޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަކަށް ބަލައިގެން ކުލާސްރޫމު ބެލެހެއްޓުން

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާ

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާ

ކުލާސްރޫމު ހިންގުމަށް އެއިން ލިބޭ އިބުރަތްތައް

ސްކޫލްތަކުން މިއަދު ވާހަކަ ދައްކަން ޖެހިފައިވަނީ އޮޅުންބޮޅުންތައް ގިނަ އަދި އޮޅުންބޮޅުންތައް އިތުރުވަމުންދާ ދަރިވަރުންގެ އާބާދީއަކަށް ދިމާވާ މައްސަލަތަކާ މެދުގައެވެ. މިފަދަ ތަފާތު މައްސަލަތައް ދަރިވަރުންގެ ފަރާތުން ކުރިމަތިވަމުން ދާއިރު، އެކަންތައްތަކަށް ދުރާލާ ތައްޔާރުވެ ބިނާކުރަނިވި ފިޔަވަޅު އެޅުއްވުމަކީ މުދައްރިސުން ކުރައްވަން ޖެހިލައްވާ ކަމެކެވެ.

މި ކަންތައް މުދައްރިސުން ކުރައްވަން ޖެހިލައްވަނީ ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ ދަރިވަރުންނާއި އަދި އެނޫން ދަރިވަރުންގެ އުނގެނުން މަތިކުރައްވަން ކުރައްވާ މަސައްކަތާއި އެކު އެކީގައެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަށް ބަލަންވީ ކީއްވެ؟

އެއަރ ޓްރެފިކް ކޮންޓްރޯލަރަކީ، މަތިންދާ ބޯޓުތައް ރަންވޭގައި ދުއްވާއިރު، ޖައްސާ ނައްޓާލާއިރު، ޕައިލެޓަށް ބޭނުންވާ އިރުޝާދު ދޭ މީހާއެވެ. އެމީހުން ދޭ އިރުޝާދުގެ ތެރޭގައި ބޯޓު ޖައްސަން އަދި ނައްޓާލުމާ ދެމެދުގެ ވަގުތު، އެއަރ ސްޕޭސްގެ ތެރެއަށް ވަންނަ ބޯޓަށް މަގު ދެއްކުން، އަދި ބޯޓު އެއް ޓަވަރުން އަނެއް ޓަވަރަށް ޙަވާލުކުރުން ހިމެނެއެވެ.

މި ނަމޫނާއިން ކުލާސްރޫމު ހިންގުމަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބެއެވެ. މި ލިޔުމުގައި، އެއިން ތިން ކަމަކަށް ވަކިން ސަމާލުކަން ދޭނީއެވެ.

  • (1) ފްލައިޓް ޕްލޭނެއް ތައްޔާރުކުރުން
  • (2) އަމާން އޮމާން ދަތުރެއްކަން ޔަޤީން ކުރުން
  • (3) ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ދަތުރު ނިންމުވުން

1. ފްލައިޓް ޕްލޭން ތައްޔާރުކުރުން

ފްލައިޓަށް ދަތުރުގައި ދެވިދާނެ ތަނާއި، ކުރެވިދާނެ ކަންތައްތަކާ ބެހޭ ސާފު މިންގަޑުތައް ކަނޑައެޅުމަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހުރިހާ ގިންތިއެއްގެ ދަރިވަރުން ހިމެނޭ ކުލާހަށްވެސް، މިފަދަ މިންގަޑުތަކެއް ކަނޑައެޅިފައި އޮތުމަކީ އަޚުލާޤީ މައްސަލަތައް މަދު ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ދަރިވަރުން އަމަލު ކުރަންޖެހޭ ގޮތްތައް ކިޔައިދީ، މައްސަލަތައް ދިމާވެދާނެ ދިމާތައް ފާހަގަކޮށް، އެކަމަށް ތައްޔާރުވެ ބިނާކުރި ފިޔަވަޅު އެޅުމަކީ މުދައްރިސުން ކުރަންޖެހޭ ކަމެކެވެ. ރަނގަޅު އޮނިގަނޑެއް ކަނޑައެޅި، އެއާ އެއްގޮތަށް އަމަލުކުރެވޭ ކުލާސްރޫމުތަކަކީ އުފެއްދުންތެރި އަދި އުނގެނުމުގެ ރަނގަޅު މާހައުލަކަށް ވެގެންދެއެވެ.

ކުލާސްރޫމު ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޑު، އަލި، ފިނިހޫނުމިން، އަދި ގޮނޑިތައް ރާވާފައިވާ ގޮތް ހިމެނެއެވެ. އެއަރ ޓްރެފިކް ކޮންޓްރޯލަރުން ޕައިލެޓުގެ މަސައްކަތް ފަށަންވާނީ، ރަންވޭ ސާފުވެ ހަމަހިމޭން ވުމަށް ފަހުގައެވެ.

އަމިއްލަ ސަރަހައްދު (ޕާރސަނަލް ސްޕޭސް)

ދަރިވަރުން ކުލާސްރޫމުގައި ހަރަކާތްތެރިވުމަށް ވަކި އިންތަކެއް ކަނޑައެޅުމާއި، ހަރަކާތްތެރިވެވޭނެ ސަރަހައްދު ކަނޑައެޅުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މިސާލަކަށް، ޑެސްކު ހިމެނޭ ސަރަހައްދުގައި ރަތްކުލައިގެ ޓޭޕުން ފާހަގަކޮށް، އެއީ އެ ދަރިވަރުގެ އަމިއްލަ ސަރަހައްދު ކަމަށް ބުނެދެވިދާނެއެވެ. ދަރިވަރަކަށް އެ ސަރަހައްދުން ބޭރަށް ދާންވާނަމަ، މުދައްރިސުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

2. އަމާން އޮމާން ދަތުރެއްކަން ކަށަވަރުކުރުން

އަލްފާ ކޮމާންޑްސް

އެއަރ ޓްރެފިކް ކޮންޓްރޯލަރުން ވާހަކަ ދައްކާނީ މަޑުމައިތިރި އަޑަކުންނެވެ. އެންމެ ހާސްކަންބޮޑު ވަގުތުތަކުގައިވެސް، އެމީހުން ޕައިލެޓަށް ބޭނުންވާ މައުލޫމާތު ސާފުކޮށް ބުނެދޭނެއެވެ. ޖަޖު ނުކުރާނެއެވެ. ހިތްވަރު އެލޭފަދަ ވާހަކައެއް ނުދައްކާނެއެވެ.

މުދައްރިސުންވެސް ދަރިވަރުންނަށް އިރުޝާދު ދެއްވާއިރު، އެ އިރުޝާދުތައް ވީހާވެސް ކުރުކޮށް ސާދާކޮށް (10 ލަފުޒު ނުވަތަ އެއަށްވުރެ މަދު) ވިދާޅުވާށެވެ. ދެމާނަ ދޭހަވާގޮތަށް ނުވިދާޅުވާށެވެ. ތަކުރާރު ނުކުރައްވާށެވެ. މިސާލަކަށް، "ވާހަކަ ހުއްޓާލާ" ބުނުމަށްވުރެ، "ފިލާވަޅުގެ މަސައްކަތް ފަށާ" ބުނުން މާ ބާރުގަދަވާނެއެވެ.

ދަތުރުގެ ޙާލަތްތައް ޗެކް ކުރައްވާށެވެ

އަމާން އޮމާން އުފާވެރި ދަތުރަކަށް ހެދުމަށް ޕައިލެޓު ބަލާ ކަންތައްތަކުގެ ތެރޭގައި، ފްލައިޓް ޕްލޭން ބެލުމާއި މައުލޫމާތު ތާޒާކުރުން ހިމެނެއެވެ. ހަމަ މިގޮތަށް، ދަރިވަރުންވެސް އެމީހުންގެ އުޅުން އަމިއްލައަށް ބެލުމަކީ އުނގެނުމުގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފުސު ބެލެހެއްޓުމުގެ އުސޫލު

ނަފުސު އަމިއްލައަށް ވަޒަން ކުރުމަކީ، ދަރިވަރުންގެ ސުލޫކާއި އުނގެނުމުގެ ކުރިއެރުން ސާފުކޮށް އެނގޭނެ ގޮތެކެވެ. މިސާލަކަށް، ސްޕެލިންގ ޓެސްޓް ނުވަތަ މެތުސް ކުއިޒްތަކުގެ ނަތީޖާ އަމިއްލައަށް ގްރާފެއްގައި ފާހަގަކޮށް، ކުރިއެރުން ފެންނަގޮތަށް ހެދިދާނެއެވެ. މިއީ ދަރިވަރަށާއި، މުދައްރިސަށާއި، ބެލެނިވެރިންނަށްވެސް މުހިންމު މައުލޫމާތެކެވެ.

ފެންނަގޮތް ހެދުން (ވިޝުއަލް ޕްރޮމްޕްޓް)

ކުލާސްރޫމުގައި، ބައެއް ފަހަރު ދަރިވަރުންގެ މަސައްކަތުގެ މިސްރާބު ގެއްލޭގޮތްވެއެވެ. މި ކަމަށް ހެއްދެވިދާނެ އެއްގޮތަކީ، މުދައްރިސު ދަރިވަރުންގެ މަސައްކަތް ބައްލަވާ، ނިމޭ ހިސާބުގައި ރަތްކުލައިގެ ރޮގެއް ނުވަތަ ފާހަގައެއް ޖެއްސެވުމެވެ. އެއަށްފަހު، ދަރިވަރު އެ ފާހަގައަށްވުރެ ކުރިއަށް މަސައްކަތް ކުރުމަކީ އަމާޒެއްކަމަށް ވިދާޅުވެދެވިދާނެއެވެ. މިއީ ދަރިވަރަށް އިތުރަށް މަސައްކަތް ކުރެވުނު މިންވަރުގެ ހެއްކެއް ދޭ ކަމެކެވެ.

ކޮންޓްރޯލް ރޭޑިއޯ ކޮންޓެކްޓް

އެއަރ ޓްރެފިކް ކޮންޓްރޯލަރެއްގެ އިރުޝާދަށް ތަބާވުމަކީ ޕައިލެޓް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަކު، ކޮންމެ ފަސް މިނިޓަކުން ކޮންޓްރޯލަރ ގުޅާނަމަ، އެކަން ޕައިލެޓަށް ނުހަނު އުދަގޫވާނެއެވެ.

ކުލާހުގައި، ބައެއް ދަރިވަރުން މުދައްރިސު ގާތަށް އަންނަނީ އެމީހުން މަސައްކަތް ކުރަމުންދާގޮތް ކަމުދޭތޯ ޔަޤީންކޮށްލުމަށް ނުވަތަ ސަމާލުކަން ހޯދުމަށެވެ. ރަނގަޅު ރޭވުމެއްނެތި ހުރިހާ ދަރިވަރުންގެ ސުވާލުތަކަށް އިޖާބަދެއްވަން ފައްޓަވައިފިނަމަ، ކުލާހުގައި މާގިނަ މަސައްކަތްތަކެއް ނުކުރެއްވޭނެއެވެ.

"ވަކި ވަގުތެއް ވަންދެން ހިފެހެއްޓުމުގެ އުސޫލް" އަކީ މި ހާލަތު ރަނގަޅު ކުރެވިދާނެ ގޮތެކެވެ. މި އުސޫލުގައި، މުދައްރިސު ދަރިވަރުންގެ ސުވާލުތަކަށް އިޖާބަދެއްވާނީ ވަކި ވަގުތެއްގެ ތެރޭގައެވެ.

ދަރިވަރުން އަމިއްލައަށް މައްސަލަތައް ހައްލުކުރަން އެހީތެރިވެދިނުމަށް، "ރައްޓެހި ކުއްޖެއްގެ ގާތު އަހާށެވެ."، "ޑިކްޝަނަރީ އިން ހޯދާށެވެ." ފަދަ އިރުޝާދުތައް ލިސްޓެއްގައި ހިމަނާލެވިދާނެއެވެ.

3. ރައްކާތެރިކަމާއެކު ބޯޓު ޖެއްސުވުން

މަގު ސާފުވުމުން ބޯޓު ތިރިކުރުވުން

ރަންވޭގައި ޖައްސަން އަންނަ ބޯޓުތައް ވަކި ތަރުތީބަކުން ޖައްސަން އިހަށް މަޑުކުރުވުމަކީ ކާރޫބާރޫ ބޮޑު އެއަރޕޯޓުތަކުގައި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ގެންގުޅެންޖެހޭ އުސޫލެކެވެ.

ކުލާސް ފެށުމުގައްޔާއި، އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވާ ވަގުތުތަކުގައި، ވަކި ދަރިވަރަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ޖެހިލައްވަފާނެއެވެ. އެ ދަރިވަރު ރުޅިގަދަވަމުންދާނަމަ، ނުވަތަ އެހެން ދަރިވަރުންނަށް މާބޮޑަށް އުދަގޫކުރާނަމަ، އެކަހެރިކޮށްލުމަކީ ބޭނުންތެރި ކަމެކެވެ. އެކަމަކު، މުދައްރިސު އެކަމުގެ ތެރެއަށް ވަންނަވަންވާނީ އީޖާބީ ގޮތަކުންނެވެ.

އެންޓިސެޕްޓިކް ބައުންސިންގ (ދަރިވަރު ވަގުތީގޮތުން އެކަހެރިކޮށްލުން) އަކީ އެދެވޭ ނަތީޖާ ފެންނަ ކަމެކެވެ. އެއީ ރަންވޭގައި ޖައްސަން އަންނަ ބޯޓެއް ނުޖައްސާ އިހަށް މަޑުކޮށްލަން އެއަރ ޓްރެފިކް ކޮންޓްރޯލަރުން އަންގަންޖެހޭ ފަދަ ހާލަތެވެ.

ބޯޓުޖައްސަން ރަންވޭ ހެޔޮވަރުކުރުވުން

747 ގެ މަތިންދާ ބޯޓެއް ދުއްވަމުން އައި ޕައިލެޓެއްގެ ގާތު އާދައިގެ ޑޮމެސްޓިކް އެއަރޕޯޓެއްގެ ރަންވޭގައި ބޯޓު ޖައްސަން އެއަރ ޓްރެފިކް ކޮންޓްރޯލަރ އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް، އާދައިގެ ވަރަކަށް ސަކަރާތް ޖަހަން ތިބާ ދަރިވަރެއްގެ ހާލަތު ކުއްލިއަކަށް ބަދަލުވެދާނެކަމަށް އުއްމީދު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ދަރިވަރުންގެ ފަރާތުން މާމަތީ އުއްމީދުތައް ކުރެއްވުމަކީ ގިނަފަހަރަށް ނާކާމިޔާބާ ކުރިމަތިވެ، މައްސަލަތައް އާ އުސްމިނަކަށް ބަދަލުވެދާނެއެވެ. ދަރިވަރުންގެ ގޮތާއި ބާވަތަށް ބަލާފައި، އެކަށީގެންވާ މިންވަރުގެ ބަދަލެއް އުއްމީދުކުރުމަކީ ކިޔަވައިދިނުން ފަސޭހަވާނެ ކަމެކެވެ. އަދި ދަރިވަރުންނަށް ކާމިޔާބީއެއް ލިބޭނެ ފުރުސަތުވެސް ލިބިދެއެވެ.

ނިންމުން

ކޮންމެ ނަމޫނާއަކީވެސް އެއިން ލިބޭ އިބުރަތުގައި ވަކި މިންވަރެއްވާ އެއްޗެކެވެ. އެއަރ ޓްރެފިކް ކޮންޓްރޯލްގެ ނަމޫނާއަށް ބަލައިގެން ކުލާސްރޫމު ހިންގުން މިއީ ވަރަށް އެކަށީގެންވާ ނަމޫނާއެއް ކަމުގައި ދެކެމެވެ. ނުކުޅެދޭ އަދި ޖަޒުބާތީ މައްސަލަތައް ހުންނަ ދަރިވަރުންނަށާއި އެނޫން ދަރިވަރުންނަށްވެސް އެމީހުންގެ ނަފުސު އަމިއްލައަށް ބަލަހައްޓަން ހިތްވަރު ދެއްވާ މުދައްރިސުންނަށް މި ނަމޫނާއިން ގިނަ ފައިދާތަކެއް ލިބެއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރުން މަތިންދާ ބޯޓް ނުދުއްވައެވެ. އެކަމަކު ޕައިލެޓަށް މަގު ދައްކައެވެ. މުދައްރިސުންވެސް ދަރިވަރުންގެ އުޅުން ކޮންޓްރޯލެއް ނުކުރައްވައެވެ. އެކަމަކު ދަރިވަރުންގެ އުނގެނުމަށް މަގު ފަހިކޮށްދެއްވައެވެ. މި ނަމޫނާ، މުދައްރިސު ކުލާހުގައި ބޭނުން ކުރައްވައިފިނަމަ، އުނގަންނައިދެއްވުން ކާމިޔާބުވެފައި އުނގެނުމުގެ މާހައުލު ހިތްގައިމުވާނެއެވެ.

ރިފަރެންސް ލިސްޓް

ކުކް، އެމް.އެން. (2005). ދަ ޑިސްރަޕްޓިވް އޮރ އޭޑީއެޗްޑީ ޗައިލްޑް: ވަޓް ޓު ޑޫ ވެން ކިޑްސް ވިލް ނޮޓް ސިޓް ސްޓިލް އެންޑް ބީ ކްވައެޓް. ފޯކަސް އޮން އެކްސެޕްޝަނަލް ޗިލްޑްރެން، 37 (7)، 1-8.

އެލްބަރޓް، އެސް. އާރ.، އެނޑަރސަން، އެލް.އެލް.، އަދި މަރޓިން، ސީ.އެމް. (2005). ޓީޗިންގ އެލެމެންޓަރީ ސްޓޫޑެންޓްސް ވިތް ބިހޭވިއަރ ޑިސްއޯޑަރސް ޓު ރެކްރޫޓް ޕޮޒިޓިވް ޓީޗަރ އެޓެންޝަން: އިފެކްޓްސް އޮން މެތް ޕްރޮފިޝެންސީ. ޖަރނަލް އޮފް އަރލީ އެންޑް އިންޓެންސިވް ބިހޭވިއަރ އިންޓަރވެންޝަން، 2، 59-73.

ބޭކަން، އީ.އެޗް. (1990). ޔޫޒިންގ ނެގެޓިވް ކޮންސިކުއެންސެސް އެފެކްޓިވްލީ. އެކެޑެމިކް ތެރެޕީ، 25، 599-611.

ބަރބެޓަރ، ޕީ. އެމް.، ނޮރޮނާ، ކޭ.އެލް.، އަދި ބިޗަރޑް، ޑީ.އެފް. (2005). ކްލާސްރޫމް ބިހޭވިއަރ މެނެޖްމެންޓް: އަ ޑަޒަން ކޮމަން މިސްޓޭކްސް އެންޑް ވަޓް ޓް ޑޫ އިންސްޓެޑް. ޕްރިވެންޓިންގ ސްކޫލް ފެއިލުއަރ، 49 (3)، 11-19.

6/16/2015

ދަރިވަރުންގެ ކާމިޔާބީ: އެންމެ ރަނގަޅަށް އުނގެނެވެނީ ސިކުނޑިންތޯ އެވެ؟

ނިއުރޯސައިންސް އާއި ތަޢުލީމު: ސިކުނޑި ދަސްކުރާ ގޮތް

ސިކުނޑި އުނގެނޭ ގޮތް: ނިއުރޯސައިންސް އާއި ތަޢުލީމީ ހުނަރު

އާބާދީގެ ތަޖުރިބާތަކާއި ސިކުނޑީގެ ހަރަކާތްތައް ގުޅުވާލުން
Brain learning illustration

ފާއިތުވެދިޔަ 40 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންސާނާގެ ސިކުނޑި އާއި ގުޅޭގޮތުން ހޯދުނު ހޯދުންތައް އޭގެ ކުރީގެ 400 އަހަރުގެ ތެރޭގައި ހޯދުނު ހޯދުންތަކަށްވުރެ މާގިނައެވެ. ނިއުރޯ ސައިންޓިސްޓުންނާއި އުނގަންނައިދިނުމުގެ ދާއިރާގެ ފަންނުވެރިން މަސައްކަތްކުރަމުން އެދަނީ ސިކުނޑިއާއި ބެހޭގޮތުން ހޯދިފައިވާ މަޢުލޫމާތު ކުލާހުގައި އަމަލީ ގޮތުން ބޭނުންކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލެމަށެވެ. އެހެނަސް، ހުރިހާ އުނގެނުމަކީވެސް ސިކުނޑިއަށް ބިނާވެވާ ކަމެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ. ތަޢުލީމުގެ ޒަރީއާއިން އަޅުގަނޑުމެން ކުރާ މަސައްކަތަކީ ސިކުނޑިއަށް ބަދަލު ގެނައުމެވެ. ޝައްކެއްނެތި އެނގޭ ކަމަކީ ހަގީގަތުގައިވެސް ސިކުނޑިއަށް، އަދި އުޅުމަށް، ތަޢުލީމުން ބަދަލު ގެނުވާކަމެވެ.

މީގެ މާނައަކީ ކޮންމެ ޓީޗަރަކީ ނިއުރޯ ސައިންޓިސްޓަކަށް ވުމެއްނޫނެވެ. ނުވަތަ ސަތޭކަ ނިއުރޯޓްރާންސްމިޓަރސް އެގުމެއްވެސް ނޫނެވެ. އެކަމަކު އޭގެ މާނައަކީ ސިކުނޑި އިހުސާސްކުރާ ގޮތާއި މައުލޫމާތު ރައްކާކުރާގޮތާއި ހަނދާންކުރާގޮތް އެނގުމުން މުދައްރިސުގެ މަސައްކަތަށް ފަސޭހަވާ ވަރަށް ބޮޑު ފައިދާ ކުރާނެކަމެވެ.

ހަށިގަނޑުގެ އެތެރޭގެ މަސައްކަތް ބަލައްޓާ ނިޒާމް ވަރުބަލިވުން

މީހަކު އެއްޗެއް ދަސްކުރާނަމަ، ނުވަތަ އުނގެނެން މަސައްކަތްކުރާނަމަ، ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ސަމާލުކަން ގުޅިފައިވަނީ ސިކުނޑީގެ ވަކި ޚާއްޞަ ބަޔަކާއިއެވެ. މެދުނުކެނޑި 3-5 މިނިޓް މަސައްކަތްކޮށްލުމުން ނިއުރޯންސްތައް ވަޅޯވާން ފަށައެވެ. އެއަށް އަރާމު ހޯދަން ބޭނުންވެއެވެ. އަބަދު އެއްގޮތަކަށް ބޭނުންކުރާނަމަ އެހާ ބަރާބަރެއް ނޫނެވެ.

ޕިއަނޯ އާއި އޯގަން ހިތަށް ގެންނާށެވެ. އޯގަނުގެ ފިތެއްގައި އިނގިލި އަޅާ އޮބާލައި އެގޮތަށް ތިރިއަށް ހިފަހައްޓަލުމުން އޯގަނުން ނިކުންނަ އަޑު އިވިއިވި ހުންނާނެއެވެ. އެކަމަކު ޕިއަނޯގެ ފިތަކުން ނިކުންނާނީ ކުރު އެންމެ އަޑެކެވެ. އިނގިލި އަޅާ އޮއްބާލައިގެން ހުރުމަކުން އަޑެއް ނުނިކުންނާނެއެވެ. ނިއުރޯންސް އެންމެ ބޮޑަށް ވައަތަރުވަނީ ޕިއަނޯ އާއިއެވެ. ނިއުރޯންސް މަސައްކަތްކުރަނީ ތަކުރާރުކޮށް ހަރަކާތްކުރުވާ ބާރަކަށް، ނުވަތަ ސްޓިމިއުލޭޝަނަކަށެވެ. ބަދަލެއް ނުގެނެސް ހިންގޭ ދިގުދެމިގެންދާ ހަރަކާތަކަށް ނިއުރޯންސް މަސައްކަތެއް ނުކުރެއެވެ. މިމައުލޫމާތު ޓީޗަރަށް މުހިންމުވަނީ ކީއްވެހެއްޔެވެ؟

ދަރިވަރުންނަށް ފަރިތަ އަދި ރައްކާތެރި މާހައުލުތަކުގައި ދަރިވަރުންގެ ސިކުނޑި މަސައްކަތްކުރާނީ އާކަމެއް ފެނޭތޯއެވެ. ހަގީގީ މައުލޫމާތު ހިމެނޭ ލެކްޗަރެއްގެ އަޑު އަހަން ދަރިވަރުންނަށް ތިބެވޭނީ ގިނަވެގެން 8 މިނެޓަށެވެ. އޭގެ ފަހަށް ސިކުނޑި ތެޅިފޮޅޭނީ އެހެން ކަމެއް ފެނޭތޯއެވެ. ޓީޗަރަށް އެފަދަ އާކަމެއް (ނޮވެލް) ގެނެސް ނުދެވޭނަމަ، ވަރުބަލިކަން ސިކުނޑިއަށް ވެރިވެއެވެ.

މޮޅު ހުށަހެޅުމެއްގެ ސިއްރު: ބޮބް އެންޑް ވީވް

އެންމެ މޮޅު ހުށަހެޅުމަކީ ނުވަތަ ކިޔަވައިދިނުމަކީ ދަރިވަރުން ގަޔާވާގޮތަށް އުނގަންނައިދެވޭ އުނގަންނައިދިނުމެވެ. މިކަމަށް "ބޮބް އެންޑް ވީވް" (Bob and Weave) ކިޔޭ އުޞޫލު ބޭނުންކުރެވެއެވެ. މޮޅު ހުށަހެޅުމެއްނަމަ، އެހުށަހެޅުން ނިއުރަލް ސިސްޓަމްގެ ތެރެއިން ގުޅިލާމެހިގެން ކުރިއަށާއި ފަހަތަށް ހަރަކާތްކުރާނެއެވެ. އެއް ނިއުރޯންސް ސަރަހައްދު (A) ހަރަކާތްތެރިކުރުވުމަށްފަހު، އަނެއް ސަރަހައްދު (B) ހަރަކާތްތެރިކުރުވުން މުހިންމެވެ.

މި އުޞޫލުގެ މުހިންމު ބައިތައް:

  • ފިލާވަޅުގެ މައިގަނޑާއި ގުޅޭ ވާހަކައެއް (story) ދަރިވަރުންނާ ހިއްސާކުރުން.
  • ވާހަކައިގެ ޒާރީއާއިން ސިކުނޑީގެ ޖަޒުބާތު އުފައްދާ ހިސާބުތައް ހޭލުންތެރިކުރުން (މަޖާ، ހިތާމަ، ބިރުވެރިކަން ފަދަ).
  • އެއް ނުވަތަ ދެ ހަގީގަތް (މައުލޫމާތު) ހިމެނޭ ގޮތަށް ބަޔާންކުރުން، އަދި އެމައުލޫމާތު ކޮންމެވެސް މަފުހޫމަކާއި (concept) ގުޅުވާލުން.
  • ވާހަކަ އަލުން ވިދާޅުވުން، މައުލޫމާތާއި ވާހަކައާއި ހުރި ގުޅުން ފާހަގަކުރުން، އަދި މަފުހޫމް އަލުން ފާހަގަކޮށްދިނުން.
  • ހަގީގީ މައުލޫމާތާއި، މަފުހޫމާއި، ވާހަކަ ކިޔައިދިނުން ނުވަތަ ހާދިސާއަކާއި ގުޅުވުން.

މިއީ މޮޅު ކިޔަވައިދިނުމެއްގައި ހިމެނޭ އުންޞުރުތަކެވެ. މިގޮތަށް ކިޔަވައިދިނުމުން، ދަރިވަރުންގެ ސިކުނޑީގެ ވިސްނުމުގެ ބައިތައް މައުލޫމާތު ރައްކާކުރުމަށް ހަރަކާތްތެރިވެ، ތައްޔާރުވާން ފަށައެވެ. ޖަޒުބާތު ހޭލުންތެރިކުރުމުން، މައުލޫމާތު ދޭހަކޮށްގަތުމާއި ހަޖަމުކުރުން ފަސޭހަވެއެވެ.

އިންސާނާއަކީ ވާހަކަ ދައްކާ މަޚްލޫގެއް

އިންސާނާއަކީ ވާހަކަ އަޑުއަހާ ހިތްވާ، ވާހަކަ ކިޔައިދޭ ހިތްވާ މަޚްލޫގެކެވެ. އަޅުގަނޑުމެންނަކީ ޝައުޤުވެރި ބައެކެވެ. އަދި އުނގެނުމަށް ލޯބިކުރާ ބައެކެވެ. މުދައްރިސުންނަށް އޮތް ގޮންޖެހުމަކީ އިންސާނުންގެ ސިކުނޑީގައިވާ އާކަންތައް ހޯދުމުގެ މާއްދާގެ ފައިދާ ނަގައި، އުނގެނުމަށް މަގުފަހިކޮށްދިނުމެވެ. ދަރިވަރުންގެ ސިކުނޑިއާއި ގުޅުވައިގެން، ވާހަކަ، ޖަޒުބާތާއި، އާކަން ގުޅުވާލުމަކީ ފައިދާހުރި ތަޢުލީމެއްގެ ހުރިހާ ކަމެކެވެ.

© މިލިޔުން އެކުލަވާލެވިފައިވަނީ ނިއުރޯސައިންސް ދިރާސާތަކާއި، އުނގެނުމުގެ އެންމެ ރަނގަޅު ސްޓްރެޓެޖީތަކަށް ބިނާކޮށެވެ. ތަޢުލީމީ މާހައުލުތަކުގައި ސިކުނޑިއާ ގުޅުވާލުމަކީ ކާމިޔާބު އުނގެނުމެއްގެ ހުރަސްތަކެވެ.

6/02/2015

ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން


ކެއްކުމަކީ، ގިނަފަހަރަށް، ކައްކާ މީހާއަށް ހިތްހަމަޖެހުން ގެނެސްދޭ ،  އަދި އާއިލީ ގުޅުން ބަދަހިކުރުވާ ,މަޖާކަމެކެވެ. އެއީ ކައްކާ މީހާގެ އުފެއދުންތެރިކަމާއި ރަނގަޅު ކާނާއަށް ހުންނަ ލޯބި ދައްކާލަދޭ ކަމެއްވެސްމެ އެވެ.

އެކަމަކު، ހަނދާން ބަހައްޓަންޖެހޭކަމަކީ، ގެތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ޒަޚަމު ތަކުގައި އެންމެ ބޮޑު މައިގަނޑު ރޯލެއް އަދާކުރަނީ ކެއްކުން ކަމެވެ. ވިސްނުންތެރިކަން އިސްކުރައްވައިފިނަމަ، ބަދިގެތަކުގައި ހިނގާ އަލިފާނުގެ ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ އެވެ.

ބަދިގޭތެރޭ ހިނގާ އަލިފާނުގެ ހާދިސާތަކުގެ ތަފާސް ހިސާބު


  • ބަދިގޭގައި ހިނގާ އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިހުރީ ކައްކާ ވަގުތު މީހަކު ބަދިގޭގައި ނެތީސް އެވެ.
  • ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގެ 67 އިން ސައްތަ ހާދިސާތައް ހިނގާފައިހުރީ ތެލީގައި ނުވަތަ ތަވާގައި ހުރި ކާއެއްޗެތީގައި އަލިފާން ރޯވެގެންނެވެ.
  • އެންމެ ފުރަތަމަ އަލިފާން ހިފާ އެއްޗެތީގެތެރޭގައި ކައްކާ މީހާ ލައިގެން ހުންނަ ހެދުން ހިމެނެ އެވެ. ހެދުމުގައި އަލިފާން ހިފައިގެން ޒަޚަމުވާ މީހުންގެ 15 އިން ސައްތަ މަރުވެ އެވެ.
  • ބަދިގޭގެ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު 57 އިން ސައްތަ ހާދިސާތަކަކީ ސީދާ އުދުނުގައި ރޯވެގެން ހިނގާ ހާދިސާތަކެވެ.
  • ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ، މީހުންނަށް ގިނައިން ގެއްލުން ލިބެނީ އަލިފާން ނިއްވަން އުޅުމުގެ ތެރޭގަ އެވެ.
  • އެންމެ ނުރައްކާތެރި ހާދިސާތައް ހިނގާފައިހުރީ ކާއެއޗެތި ތެލުލުމުގެރޭގަ އެވެ.

ސަމާލުކަން ދެއްވަންވީ ކަންތައްތައް:


  • ހޭލާ ހުންނަވާށެވެ! ނިދި އައިސްފައި ހުރިނަމަ، ނުވަތ ބާރުގަދަ ބޭހެއް ބޭނުންކުރައްވައިގެން ހުންނެވިނަމަ، އުދުނު ކައިރީގައި ނުހުންނަވާށެވެ.
  • މަސްފަދަ އެއްޗެއް ތެލުލާނަމަ ނުވަތަ ގްރިލް ކުރައްވާނަމަ ނުވަތަ ފެން ހޫނުކުރައްވާނަމަ، އަބަދުވެސް ބަދިގެ ތެރޭގައި ހުންނަވާށެވެ.
  • ކާއެއްޗެއް ފިހެނީނަމަ ނުވަތަ ކުކުޅެއްފަދަ އެއްޗެއް ރޯސް ކުރައްވަނީނަމ، ބަދިގެތެރޭގައި ހުންނަވާށެވެ. އަދި އިރުއިރުކޮޅުން ވަމުންދާގޮތް ބައްލަވާށެވެ.
  • އުދުންމަތީގައި ހަރުލާފައި ހުންނަ ކުނިކޮޅުތަކާއި ލަކުޑިންހަދާފައިހުންނަ ދޭފަތާއި ސަމުސާފަދަ ތަކެތި އަދި ޕެކްކުރާ ކަރުދާސްފަދަ ތަކެތި އުދުނާއި ދުރުގައި ބަހައްޓާވާށެވެ. އެ ތަކެތިގައި އަލިފާން ހިފުން އަވަސްވާނެ އެވެ.

ބަދިގެތރޭގައި އަލިފާން ރޯވެއްޖެނަމަ:


  • ބޭރަށް ނުކުންނަވާށެވެ. ބޭރަށް ނުކުންނަވަމުން، ބަދިގޭގެ ދޮރު ލައްޕަވާށެވެ.
  • އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އިމަރޖެންސީގައި ގުޅަންޖެހޭ ނަމްބަރު 118 އަށް ގުޅުއްވާށެވެ.
  • އަލިފާން ނިއްވަން އަމިއްލަފުޅަށް މަސައްކަތް ކުރައްވާނަމަ، އެހެންމީހުން ބޭރަށް ނިކުންނވަން ވިދާޅުވާށެވެ.  އަދި ތިމާ އަމިއްލައަށް ބޭރަށް ނިކުންނަވަން މަގުސާފުތޯ ބައްލަވާށެވެ.
  • ކައްކަވާއިރު، ތެލީގެ ނުވަތަ ތަވާ މަތީ އަޅާނެ މަތިގަނޑެއް ކައިރީގައި ބައްވަވާށެވެ. އެއީ ތެލާއި ނުވަތަ ބަޓަރު ނުވަތަ މާޖަރިން އާއިއެކު އުފެދޭ ގްރީހުގައި އުފެދޭ އަލިފާން ނިއްވާލުމަށްޓަކައެވެ. ރަނގަޅަށް އިހޫވަންދެން ތެލީގެ މަތިގނަޑު ނުނގާ ބަހައްޓާވާށެވެ. އުދުނުން ކައްއކަވާނަމަ، އުދުން ނިއްވާލުމަށްފަހު އުދުނުގެ ދޮރުފަތް ލައްޕަވާލައްވާށެވެ.

ތެޔޮބެނުންކޮށްގެން ކާއެއްޗެތި ތައްރުކުރައްވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް:

މިޒަމާނުގެ ގޭގޭގެ ބަދިގެ ތަކުގައި އެންމެ ހިންގާ އެއް އައިޓަމަކީ ކުކިންގ އޮއިލް އެވެ.. ގިނަ ބާވަތްތަކުގެ ތެޔޮ ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކުރައްވާއިރު، ތިރީގައި މިވާކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ.

  • ތެލުލާން އުދާފައިހުރި އެއްޗަކަށް އަބަދުވެސް ސަމާލުކަން ދެއްވާށެވެ.
  • ދުންބޯޅަ ފެންނަނަމަ، ނުވަތ މާގަދަޔަށް ތެޔޮވަސްދުވާނަމަ، ވަގުތުން އުދުން ނިއްވާލއްވާށެވެ. އެހެން ނޫނީ، ތަވާ ނުވަތަ ތެލި ފަރުވާތެރިކަމާއިއެކު އުދުން މަތިން ނަންގަވާށެވެ. ދުން އަރާނަމަ ، އެއީ، ތެޔޮ މާބޮޑަށް ހޫނުވެފައިވާކަމުގެ ނިޝާނެކެވެ.
  • ތެޔޮ ހޫނުކުރަމުން ދާންވާނީ ، ލަސްލަހުން، ބެނުންވާ ދަރަޖައަށް ހޫނުމިން މިންގެންދާގޮތަށެވެ.


  •  ހޫނު ތެލުތެރެއަށް ކާއެއްޗެތި އަޅުއްވަންވާނީ ، ތެޔޮ ބުރައިގެން ނުދާގޮތަށެވެ.
  • ތަވާ ނުވަތަ ތެލިތެރޭގައި އަލިފާން ރޯވެއްޖެނަމަ،  މަތިގަނޑު އަޅުއްވާށެވެ. އަދި ރަނގަޅަށް އަލފާން ނިވުނީމަނޫނީ މަތިގަނޑު ނުނަންގަވާށެވެ. އެހެންނޫނީ ، އަނެއްކާވެސް އަލިފާން ރޯވުމުގެ ފުރުސަތުބޮޑެވެ.  މިފަދަ ހާލަތްތަކުގައި ފެން ނުޖައްސަވާށެވެ.
  • އަލިފާން ނުނިއްވުނުނަމަ، ގޭގެ އެންމެން ބޭރަށްނެރެ، އިމަރޖެންސީ ނަމްބަރަށް ގުޅާށެވެ. އަދި އަވަށްޓެރިންނަށް އަނގާށެވެ.

މައުލޫމާތު:
ނެޝަނަލް ފަޔަރ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެން.އެފް.ޕީ.އޭ)
ދަ އޮތޯރިޓީ އޮން ފަޔަރ، އެލެކްޓްރިކަލް އެންޑް ބިލްޑިންގ ސޭފްޓީ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް
ފަޔަރ އެންޑް ރެސްކިއު ސަރވިސެސް / ސަދަރން އޭރިއާ