5/28/2013

އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ގޭމްތަކުން ކުޑަކުދިންނަށް ފޯރާ ގޯނާއިން ސަލާމަތް ކުރުމަށް ނަފުސާނީ އިލްމުވެރިންގެ އެހީތެރިކަން ހޯދުން

ނަފުސާނީ އިލްމުގެ ދިރާސާތައް ކަށަވަރު ކޮށްދޭ ގޮތުގައި (American Academy of Pediatrics, 2006)  އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ގޭމްތަކުގެ ސަބަބުން ކުޑަކުދިންގެ ކިބައިގައި ނުލަފާކަން އަށަގަންނުވަ އެވެ. ފަންސާހަކަށް އަހަރުވަންދެން ، އަނިޔާވެރިކަން ދައްކުވައިދޭ ޓީވީ ފިލްމު ތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދިރާސާކުރުމުން ޓީވި ތަކުން ފެންނަ އެފަދަ ފިލްމު ތަކުން ކުޑަކުދިންނަށް ނޭދޭވޭ އަސަރުކުރާކަން ވަނީ ކަށަވަރުވެފަ އެވެ. ވީޑިއޯ ގޭމް ތަކަކީ މާފަހުން އައިސްފައިވާ ތަކެއްޗަކަށް ވާއިރު އެ އާއިބެހޭ ގޮތުން ޓީވީ ޕްރޮގްރާމް ތަކުން ކުރާ އަސަރުތައް ދެނެ ގަތުމަށް ކުރެވުނުފަދަ ދިރާސާއެއް ކުރެފައި ނެތެވެ. އެހެން ނަމަވެސް، ނަފްސާނި އިލްމްވެރިއެއްކަމުގައިވާ ޑރ.އެންޑަރސަން (2004) ފާހަގަކުރައްވާ ގޮތުން ޓީ.ވީ ފިލްމުތަކުން ފެންނަ އަނިޔާ ވެރިކަން ދައްކުވައިދޭ މަންޒަރުތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރަށްވުރެ، ވީޑިއޯ ގޭމް ތަކުން ކުރާ އެފަދަ އަސަރު އެތައް ގުނައަށް ބޮޑެވެ. ސަބަބު ތަކަކީ:

1.     ވީޑިއޯ ގޭމް ތަކަކީ އާދައާއި ޚިލާފަށް ކުދިންގެ ބައިވެރިވުން(Interactive)   އޮންނަ އަދި ޝައުޤު ހިފަހައްޓާދޭގޮތަށް ތައްޔާރުކުރެވިފައިވާ އެއްޗަކަށްވާތީ
2.     ގޭމް ތަކުގައި ނުބައި ނުލަފާ އަނިޔާ ކުރުމުން ހިތްވަރުލިބި އިނާމް ލިބޭކަން
3.     ކުދިން ގޭމް ކުޅެމުންދާ ވަރަކަށް އެ ނުބައި ނުލަފާ އަމަލު ތަކުރާރުކުރެވޭކަން (ޖެންޓައިލް އަދި އެންޑަރސަން، 2007)

 ނަފުސާނީ އިލްމު ބުނާގޮތުން މި ދެންނެވި ހުރިހާ ކަންތައް ތަކަކީ ކަމެއް ރަނގަޅަށް އުގެނިގަތުމަށް ނުވަތަ ދަސްކުރުމަށް ބޭނުންވާ ކަންތައްތަކެވެ. އަމަލީ ގޮތުން ބައިވެރިވުމުން އުގެނުން އިތުރުވެ އެވެ. އިނާމް ލިބުމުން އުގެނުމަށް ހިތްވަރުލިބެ އެވެ. ތަކުރާރުކުރެ އެވެ. އެތައް ފަހަރަކު އެއްކަމެއް ތަކުރާރުކޮށް ކުރުމުން އުގެނުން އިތުރުވެގެންދެ އެވެ. ޑރ. އެންޑާރސަން އާއި ޑރ. ޖެންޓައިލް (2007) ގެ ދިރާސާ ތަކުން ދައްކާ ގޮތުން ކުޑަކުދިން އެފަދަ ގޭމްތައް ކުޅުމަށް ހޭދަކުރާ ވަގުތު ދަނީ އިންތިހާހަށް އިތުރުވަމުންނެވެ. ބައެއް ޤައުމު ތަކުގައި ހަފުތާއަކު އެވްރެޖްކޮށް 53 ގަޑިއިރު ގޭމް ކުޅުމުގައި ކުޑަކުދިން ހޭދަކުރެ އެވެ

ކުޑަކުދިން ކުޅޭ ގޭމްތަކުގައި އެކުލެވޭ ބައިތައް (ކޮންޓެންޓް) ވަޒަން ކުރުމުން އެފަދަ ގޭމްތަކުގެ ބޮޑުބައެއް ހިމެނެނީ ގޯނާކުރުން ކަމުގައި ފާހަނގަކުރެވުނެވެ. މީގެ ތެރެއިންވެސް ދެބައިކުޅަ އެއްބައި އަމަލުތަކަކީ އެފަދަ ކަމެއް ހަޤީޤަތުގައި ކޮށްފި ކަމުގައިވާނަމަ، ވަރަށް ނުރައްކާތެރި އަނިޔާއެއް ނުވަތަ މަރުވެދާފަދަ ކަންކަމެވެ.
މިހުރިހާ އަނިޔާވެރިކަން ދައްކައިދޭ ގޭމްތަކުން ނުކުންނާނެ އާޚިރު ނަތީޖާއަކީ ކުއްޖާގެ ހިތާއި ސިކުޑީގައި އަނިޔާވެރިކަމުގެ ފިކުރާއި ޝުއޫރާއި ހަރަކާތް އުފެދުމެވެ (އެންޑަރސަން އަދި ބުޝްމަން، 2001). މީގެ އިތުރަށް، މިފަދަ ގޭމްތައް ކުޅޭ ކުދިންގެ ކިބައިގައި އެހެން ކުދިންނަށް އަޅާލުމާ އެހީތެރިވުމުގެ އާދަތައް ކުޑަވެ ނެތިގެންދެ އެވެ.

ބެލެނިވެރިންގެ ދައުރު.

ކުޑަކުދިން ކުޅުމަށް ހޭދަކުރާ ވަގުތާއި ކުޅޭ ގޭމްތަކުގެ ވައްތަރު މަދުކުރުމުން ކުޑަކުދިންނަށް ގޭމްތަކުންކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެ އެވެ. މީގެ އިތުރަށް، ކުޑަކުދިން ކުޅޭ މިފަދަ ގޭމް ތަކުގައި ހުންނަށް ނޭދެވޭ ކަންތައް ތަކާއިމެދު ކުދީންނާއިއެކީ ބެލެނިވެރިން ވާހަކަ ދައްކައި ހަޤީޤީ ދިރިއުޅުމުގައި ދިމާވާ ވަގުތު ތަކުގައި ކަންތައްކުރާނީ ކިހިނެއްތޯ މަޝްވަރާ ކުރެވިދާނެ އެވެ. އަދި ގޯނާކުރާ ގޭމްތައް ކުޅުން މަދުކުރުމާއި އެފަދަ މީޑިޔާތައް ބެލުމުގައި ހޭދަކުރާ ވަގުތު މަދުކޮށް މީޑިޔާއިން ފެންނަ އެފަދަ ކަންތައްތައް ހައްލުކުރާނެ ކަންތައް ތަކާމެދު ދަރިފުޅާއި ވާހަކަ ދައްކައި ޙައްލު ފާހަގަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ (އެންޑަރސަން 2003).

މުހިންމު ނުކުތާއެއް

ފާހަގަ ކުރެވިފައިވާ ގޮތުން ކުޑަކުދިން، ގޯނާކުރާ ވީޑިއޯގޭމް ކުޅުމަށް ހޭދަކުރާ އުމުރަކީ، އެކުދިން އެހެން މީހުންގެ އިޙުސާސްތައް އުގެނި ދިމާވާ މައްސަލަތައް ސުލްޙަވެރި ކަމާއެކީ ޙައްލުކުރަންވާގޮތް އެނގިގަންނަން ޖެހޭ އުމުރެވެ. މުދައްރިސުންނާއި ބެލެނިވެރިންނާއި ސިޔާސަތު ކަނޑައަޅާ މީހުންނަށް  އެކަހަލަ ވީޑިއޯ ގޭމްތައް ހެޔޮގޮތުގައި ބޭނުންކުރާނެގޮތް އެނގި ގޭމްތަކުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރާނެގޮތް އެނގެން ޖެހެއެވެ. އެމެރިކާފަދަ ޤައުމެއްގައި މިކަމަކީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެކެވޭ ވަރުގެ މައްސަލައެއްކަމަށް މިއަދު ވެފައިވާއިރު އެކަމުން އަޅުގަނޑުމެން މިއަދު އިބުރަތްހޯދުން ކިތަންމެހާސް ރަނގަޅު ޥާނެކަމަށްފެނެ އެވެ.
ބައެއް ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް

1993 ގައި ވީޑިއޯގޭމް އުފައްދާ ސިނާޢަތުގެ ފަރާތުން ގޭމްތައް ރޭޓު ކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ. އެގޮތުން E ރޭޓުގެ ގޭމްތައް ހުރިހާ އުމުރުފުރާއަކަށް ބެލޭނެ ކަމަށާއި T ރޭޓްގެ ގޭމްތައް ޅަފުރާގެ އުމުރުގެ ކުދިންނަށް އަދި M އަކީ ބޮޑެތި މީހުންގެ ގޭމް ކަމުގައި ހަމަޖެއްސި އެވެ. ޑރ. ވޯލްޝް އަދި ޑރ. ޖެންޓައިލް (2010) ހިންގެވި ދިރާސާއެއްގައި ރޭޓު ކުރުމުގެ މުހިންމުކަމާއި ބޮޑެތިމީހުންނަށް ރޭޓު ކުރެވިފައިހުރި ގޭމެއް ކުޑަކުދިންނަށް ކިހާ ފަސޭހައެއްކޮށް ގަނެވިދާނެތޯ ބެއްލެވި އެވެ. މިދިރާސާ ދައްކާ ގޮތުން ބެލެނިވެރިންނަށް ރޭޓިން އާއިބެހެ މަޢުލޫމާތު އެނގޭމިންވަރު ކުޑަކަން ދައްކަ އެވެ. އަދި ކުދިން ބޭނުންވާ ގޭމެއް ގަތުމުގެ އިޚުތިޔާރު އޮއްކަން ފާހަގަ ކުރެވުނެވެ.

މިދިރާސާގެ ސަބަބުން ވީޑިއޯގޭމް އިންޑަސްޓްރީއަށް މަޖުބޫރުވީ އެމީހުން ރޭޓު ކުރުމަށް ބޭނުންކުރާ ނިޒާމް ހަރުދަނާ ކުރުމަށާއި ބޮޑެތި މީހުންނަށް ރޭޓުކުރާ ގޭމްތައް ކުޑަކުދިން ބޭނުން ކުރުމަށް ގެންގުޅޭ ސިޔާސަތު ހަރުދަނާ ކުރުމަށެވެ. ދިރާސާތަކުން ދައްކާގޮތުން، ގޯނާކުރާ ވީޑިއޯގޭމް ތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރާއި އެފަދަ ގޭމުތައް ކުޑަކުދިންނަށް ލިބެން ހުންނަ ފަސޭހަކަން ވަރަށްބޮޑު ދައުރެއް އަދާކުރެ އެވެ.
މިފަދަ ދިރާސާތަކުގެ ސަބަބުން، ފިލްމު ވިއްކާ ބޮޑެތި ކުންފުނިތަކަށް (ސިއަރސް، ޓާރގެޓު، ވޯލްމާރޓް) މަޖުބޫރުވީ 17 އަހަރުން ދަށުގެ ކުދިންނަށް ބޮޑެތި މީހުންގެ ގޭމްތައް ވިއްކުން މަނާ ކުރުމަށެވެ. ދިރާސާކުރާ ފަރާތްތަކުން މިހާރުވެސް ބަލަމުން އެދަނީ، އެކުންފުނި ތަކުން އެކަން ކިހައި ހަރުދަނާ ކަމާއިއެކު ކުރަމުން ގެންދޭތޯ އެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ ކުޑަކުދިން ސްކުރީން ކައިރީ  ކުޅޭ އެފަދަ ގޭމްތައް ބެލުމަށް ހޭދަކުރާ ވަގުތު މަދުކުރުމަށް ބާރުއަޅައި މުޤައްރަރެއް އެކުލަވާލާފަ އެވެ. (ރޮބިންސަން، 2001).

ބައެއް ޤައުމު ތަކުގައި ބޮޑެތި މީހުންގެ ގޭމްތައް ކުޑަކުދިންނަށް ވިއްކުން މަނާކުރުމަށް ޤާނޫނެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށްއެއަށް އަމަލީ ސިފަގެންނަން ކަނޑައަޅާފައިވެ އެވެ. މިސާލަކަށް ވަރަށްގިނަ ޤައުމު ތަކުގައި ކުޑަކުދިންނަށް ދުންފަތުގެ ބާވަށް ވިއްކުން މަނާކޮށްފައިވާ އުސޫލުންނެވެ.

ޑރ. އެންޑަރސަން އާއި އޭނާގެ ރަޙުމަތްތެރިން ގެންދަވަނީ، ގޯނާކުރާ ޙަރަކާތަތައް ހިމެނޭ ވީޑިއޯގޭމް ތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ކަންބޮޑުވުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ހިއްސާކުރައްވަމުންނެވެ. އެމެރިކާގެ ކޮންގްރެސްއަށް ޑރ. އެންޑަރސަން (2006) ހުށަހެޅުއްވި ބަޔާން ބައްލަވާލައްވާށެވެ. ގިނަ ޤައުމުތަކުގައި ކުޑަކުދިންގެ ޙައްޤު ތަކާއި މެދު ވަކާލާތު ކުރައްވާ އަމިއްލަ ފަރާތްތަކާއި ބެލެނި ވެރިންނަށް އެހީތެރިވެދޭ ޤުރޫޕު ތަކުން މިކަމާއި އިދިކޮޅަށް މަސައްކަތް ކުރައްވަމުންގެންދެ އެވެ.

ދިވެހިރާއްޖޭގައިވެސް، ކުޑަކުދިންނަށް ކުރާ ތަފާތު ގޯނާތަކާއި ނޭދެވޭ ޢަމަލު ތަކުގެ ވާހަކަ ދެކެވޭ މިދުވަސްވަރު ނުލަފާ، ވިޔާނުދާ، އަނިޔާވެރި އަމަލު ދައްކުވައިދޭ ގެމްތަކުން ކުޑަކުދިންނަށްކުރާ ނުރަގަޅު އަސަރުގެ ވާހަކަވެސް ދައްކަވަމާތޯ އެވެ. ރާއްޖެ އަކީ ނިސްބަތުން ވީޑިއީގޭމް، ކުޑަކުދިން ކުޅެއުޅޭ މިންވަރު ގިނަ ޤައުމަކަށް ވާނެކަމީ، ޔަޤީން ކަމެކެވެ. މިއަދު މުޖުތަމަޢު އިން މިފެންނަ ނުލަފާކަމާއި އަނިޔާވެރިކަމުގެ ފަހަތުގައިވަނީ ހަމަ އެކަނި މަސްތުވާ ތަކެތި ކަމުގައި ނުނިންމަވައި، އޭގެ އިތުރު އެހެން ކަންތައްވެސް އެބަހުރިކަން ވިސްނަމާތޯ އެވެ.


ޙަވާލާ ލިސްޓް:

އެންޑަރސަން، ސީ. އޭ.، ޖެންޓައިލް، ޑީ. އޭ.، އަދި ބަކްލޭ، ކޭ. އީ (2007) ވައަލަންޓް ވިޑިއޯ ގޭމް އިފެކްޓްސް އޮން ޗިލްޑްރެން އެންޑް އެޑޮލަސެންޓްސް. ނިއުޔޯކް: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
އެންޑަރސަން، ސީ. އޭ.، އަދި  ބުޝްމަން، ބީ.ޖޭ.،(2001) އިފެކްޓްސް އޮފް ވައަލަންޓް ގޭމްސް އޮން އެގްރެސިވް ބިހޭވިއަރ ، އެގްރެސިވް ކޮގްނިޝަން، އެގްރެސިވް އެފެކްޓް، ފިޒިއޮލޮޖިކަލް އެރައުޒަލް އެންޑް ޕްރޯސޯޝަލް ބިހޭވިއަރ : އަ މެޓަ-އެނަލެޓިކް ރިވިއު އޮފް ދަ ސައިންޓިފިކް ލިޓްރޭޗަރ .ސައިކޮލޮޖިކަލް ސައެންސް ، ވޮލިއުމް 12، ސ. 353-359.
ރޮބިންސަން، ޓީ.އެން. (2001) އިފެކްޓްސް އޮފް ރިޑިއުސިން ޗިލްޑްރެންސް ޓެލެވިޜަން އެންޑް ވިޑިއޯ ގޭމް ޔޫޒް އޮން އެގްރެސިވް ބިހޭވިއަރ : އަ ރޭންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރައިލް. އަރކައިވްސް އޮފް ޕީޑިއަޓްރިކް އެޑްލަސެންޓް މެޑިސިން. ވޮލިއުމް 155، ޞ. 17-23.
ވޮލްޝް، ޑީ. އޭ. އަދި ޖެންޓައިލް، ޑީ. އޭ. (2001) އަ ވެލިޑިޓީ ޓެސްޓް އޮފް މޫވީ ، ޓެލެވިޜަން އެންޑް ވިޑިއޯ ރޭޓިންގްސް. ޕީޑިއެޓްރިކްސް، ވޮލިއުމް 107، ޞ. 1302-1308.
އެންޑަރސަން، ސީ. އޭ. (2003) ދަ އިންފުލުއެންސް އޮފް މީޑިއާ ވައަލެންސް އޮން ޔޫތު. ސައިކޮލޮޖިކަމް ސައެންސް އިން ދަ ޕަބްލިކް އިންޓްރެސްޓް، ވޮލިއުމް. 12، ޞ. 81-110.

 


5/23/2013

އިސްލާމްކަމުގެ އިހުސާސް




_________________________________________________________________
މި ލިޔުމަކީ، ޢައިރު މުސްލިމު ޤައުމެއްގައި ތައުލީމު ޙާޞިލުކުރަމުންއަންނަ މުސްލިމްކުއްޖެއްގެ ހިތުގައި ކެކިއުތުރިއަރައިގެން ބަންޑުންވެފައިވާ އޭނާގެ ހިތުގެ އުދާސްތަކެވެ. އީމާންކަމުގެ މަތިވެރި އިޙުސާސްތަކެވެ. އިނގިރޭސިބަހުން ލިޔެވިފައިވާ އެ ލިޔުންކިޔާލުމުން ކުރެވުނު އިޙުސާސެއްގެ ބޮޑުކަމުން ލިޔުން ދިވެހިބަހަށް ގެނެސް ކިޔުންތރިންނާއި ޙިއްޞާ ކޮށްލާހިތްވީ އެވެ.
_________________________________________________________________

އަހަރެންގެ އުމުރަކީ 17 އަހަރެވެ. މުސްލިމް އާއިލާ އަކަށް އުފަންވި ކަމުގައިވިޔަސް އިސްލާމް ދީނާއި ބެހޭގޮތުން ކުރީން އަހަންނަށް އެކައްޗެއްވެސް ނޭނގެ އެވެ. މީސްމީހުންގެ ބޭރުފުށުގެ އުޅުންތަކާއި ގުޅުންހުންނަ ގޮތަށް ބަލާފައި އެއީ، އިސްލާމްދީން ކަމަށް އަހަރެން އައީ، ނިންމަމުނެނެވެ. އެ ދީނުގެ ރިވެތިކަމާއި ފުރިހަމަކަން އޭރަކު ތަޞައްވުރެއް ނުކުރެވެއެވެ. އެއީ އަހަރެންގެ މައިންބައިންގެ ކުށްހެއްޔެވެ؟ ނޫނީ އަހަރެންގެ ކުށްހެއްޔެވެ؟

އޯގާވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމުން އިސްލާމް ދީނުގެ ފުރިހަމަކަން ހޯދާބެލުމުގެ ފުރުޞަތު އަހަންނަށް ލިބުނެވެ. އެ ކަލާނގެއީ ކާއިނާތުގެ ވެރި ، ރަޙުމާން ވަންތަ ، ރަޙީމް ވަންތަ ، ޢަޛާބާއި ޘަވާބު ދެއްވާދުވަހުގެ ވެރި ރަސްކަލާނގެ އެވެ.

ކުރީގައި އަހަންނަކީ، ވަރަށް އެކަނިވެރި މީހެކެވެ. އުމުރުން 14 އަހަރުގައި ވަރަށް ގިނައިރުވަންދެން ދެރަވެފައި ހުރެވެއެވެ. އެކަމަކު މިހާރު އަހަރެމެންނަކީ އެކަނިވެރި ބައެއްނޫންކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ  ކީރިތި ޤުރުއާނުގައި އަންގަވަނީ ތިމަންއިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ހިތަށް އަރާހާ ކަމެއް ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ މައިނާރަށްވުރެވެސް ތިމަންއިލާހު އޭނާއާއި 
.ގާތްކަން ބޮޑެވެ.  މިފަދައިންނެވެ. އަހަރެންގެ ކުރީގެ އެކަނިވެރިކަން ފިލުވައިދިނީ އިސްލާމްދީނެވެ

އެރިކް ސެގަލް ގެ "އެކްޓްސް އޮފް ފެއިތް" އަހަރެން ކީމެވެ. އަހަރެން ބަދަލުވީ އެފޮތުގެ ސަބަބުންކަމުގައިނުވާނަމަ އަހަރެން ބަދަލުވުމުގައި
 އެހެންކޮންމެވެސް ބާރެއްވާނެއެވެ. މިހާރު އަހަރެން ގެ ހަނދާނަށް އަންނަނީ މާޒީގެ ޙަޔާތުން ދުވަހެކެވެ. އެއީ ޓަރމްގެ ކިޔެވުން ނިމުނު ދުވަހެވެ. ކުލާހުގެ އެހެން ދަރިވަރުންނާއި އަހަންނާއި ދެމެދު އޮތީ ގޮތްނޭގޭ ދުރުކަމެކެވެ. އަހަރެމެން ކުލާހުގެ ކުދިން ހީކުރަނީ އެމީހުންނަކީ މާ މަތިވެރި ބައެއްކަމަށެވެ. އެހެންކަމުން އެކުދިން މުސްލިމުންނާއި މެދު ދެކެނީ ނަފުރަތުގެ ލޮލަކުންނެވެ. އަމަލުން ދައްކައިދޭން ބޭނުންވަނީ ގަބޫލުނޫންކަމެވެ. ހަރުކަށިކުދިން ކުލާހުގައިތިބި އެންމެ ޚުލްޤުހެޔޮ ކުދިންގެ ހިތްކުގައި މުސްލިމުންނާއިމެދު އިންދާފައިވާ އިދިކޮޅު އޮށްތަކުގެ ސަބަބުން އެކުދިންގެ ހިތްތަށްވެސްވަނީ ކިލަނބުވެފައެވެ. އަހަންނަކީ ކުލާހުގައިތިބީ މުސްލިމް ދެކުދިންގެތެރެއިން އެއްކުއްޖަކީމެވެ. އެހެންކުދީން 
ެ.މުސްލިމުންދެކެ އެހާ ރުޅި އަންނަނީ ކީއްވެހެއްޔެވެ؟ ތަކުރާރުކޮށް އަހަންނަށް އިވެނީ މިކަހަލަ އަޑުތަކެކެވ

މުސްލިމުން ވަރަށް ގިނައިން އެއްގަމު މަސް ކައެވެ.،
ބައެއް މުސްލިމުން ތުބުޅި ދިގުކުރެއެވެ. ،
މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. ،
މުސްލިމުން މުސަޅު ވިހާހެން ވިހައެވެ. ،
މުސްލިމް ފިރިހެނުން ހަތަރު އަނބިން ގެންގުޅެއެވެ.
މުސްލިމް ފިރިހެނުން އެމީހުންގެ އަނބިންނާއިމެދު ކަންތައްކުރަނީ ވަލުއޫރަށް ކަންތައްކުރާވަރަށްވުރެވެސް ނުބައިކޮންނެވެ.

ހުރިހާ ޙާދިސާތައް ހިނގާފައިވާގޮތުގެ ތަފުސީލެއް އަހަރެން ކިޔައިނުދޭނަމެވެ. އެކަމަކު އަހަރެންގެ ސުވާލަކީ އެހާވަރަށް ނަފުރަތުކުރަނީ ކީއްވެހެއްޔެވެ؟ އަހަރެމެންގެ އެންމެ ގާތްރަށްޓެހި ކުދިންވެސް އަހަރެމެން ފެނުމުން މޫނު އަނބުރާލަނީ ކީއްވެހެއްޔެވެ؟ އިސްލާމް ދީނަކީ މި ބިންމަތީގައިވާ އެންމެ ހަމަހަމަކަމުގެ ދީނެވެ. އެދީން ގޮވާލަނީ ޢާލަމީ އަޚުވަންތަކަމަށެވެ. އިންސާނުންނަކީ އެއްބަނޑު އެއްބަފާ ބައެއްނޫން  ހެއްޔެވެ؟ އެއްބަނޑު އެއްބަފާކަމުގެ ލޯބިވެތިކަން ކޮބައިހެއްޔެވެ؟

އަހަންނަށް އެކަލާނގެ ދަސްނުވާއިރު އަހަންނަކީ ހަމއާދައިގެ މީހަކީމެވެ. އަހަންނަށް އެކަލާނގެ ދަސްވިފަހުން އަހަރެންގެ ސިކުނޑި ހޭލައިފިއެވެ. އެކި ދިމަދިމާލަށް ޚިޔާލުކުރެވެންފަށައިފި އެވެ. ކޮންމެ ދުވަހަކުވެސް އެހެންމީހުންނާއިދޭތެރޭ އޯގާތެރިވުމަކީ އަހަރެންގެ އާދައަކަށް ވެއްޖެއެވެ. އެހެންމީހުންނަށް ކަމޭ ހިތެވެންފަށައިފި އެވެ.  އަހަރެން ވާހަކަވެސް ލިޔަންފަށައިފީމެވެ. އިނގިރޭސި ޓީޗަރު ހީކުރައްވަނީ އަހަރެންގެ ހިތާމަތައް ލަފުޒުތަކެއްގެ ސިފައިގައި އޮއްސާލަނީކަމަށެވެ. އެކަމު އެއީ، އަހަރެންގެ ސިކުނޑި ހޭލަންފެށީ އެވެ!

ހުރިހާ ޝުކުރަކާއި ސަނާއެއް ހައްގުވެގެންވަނީ އިނބަ އިލާހަށެވެ! އެއީ، ހުރިހަކަމަކަށްޓަކައެވެ. އަހަންނަކީ ޖާހިލުކަމުގެ ސަބަބުން އަހަރެންގެ މަންމަގެ ޤަދަރު ކުޑަކޮށްލާފައިވާ މީހަކީމެވެ. އެނުބައި ފާފައިން އަހަރެން ސަލާމަތްކޮށްދެއްވައި މަންމައާއި އަހަރެން ގުޅުވައިދިނީ އިސްލަމް ދީނެވެ. އިނބަ އިލާހެވެ!

އިސްލާމް ދީނަކީ މުޅި ހަޔާތެވެ. އެކަމަކު އަހަންނަކީ ދީނީ ޢިލްމުވެރިއެއްނޫނެވެ. އާދައިގެ މުސްލިމަކީމެވެ. އަހަރެން ކިޔަވަނީ މެޑިސިނެވެ. ސައެސްކިޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން އަހަންނަކަށް ޔަޤީންކަމާއިއެކު ބުނެވޭނީ ސައެންސާއި ހެއްދެވިފަރާތާއި އެއްފަދަ ނުކުރެވޭނެކަމުގައެވެ.. އެކަމަކު މުސްލިމެއްގެ ހައިސިއްޔަތުން ހަޔާތަކީ ﷲ ސުބުހާނަހޫ ވަތަޢާލަގެ އުފެއްދެވުމެއްކަމާއިމެދު އަހަރެން ޝައްކެއްނުކުރަމެވެ.

5/22/2013

ދަރިވަރުންނަށް މިހާރަށްވުރެ ހިތްގައިމު އެއްޗަކަށް ހޯމްވޯކް ހެދިދާނެ ހެއްޔެވެ؟

Blog Post - Homework Insights


ހެދިދާނެއެވެ. އެކަމަކު އެއީ މުދައްރިސުންގެ ވިސްނުމާއި ކަންކުރައްވާގޮތަށް ވަރަށްބޮޑު ބަދަލެއް ގެންނަވައިފިނަމައެވެ. މިހާރަށްވުރެ ކުދިންކުރާހިތްވާ މަސައްކަތަކަށް ހޯމްވޯކް ހެދުމަށްޓަކައި ހެދިދާނެ ގޮތްތަކުގެ ބައެއް ޚިޔާލުތައް ހިއްސާކުރުމުގެ ކުރިން ހޯމްވޯކްއާއި ގުޅޭ ބައެއް ޙަޤީޤަތްތަކަށް ބލާލަމާތޯއެވެ؟

ހޯމްވޯކަކީ ކޮބާ؟

·        ހޯމްވޯކްއަކީ އިތުރު މަޢުލޫމާތު ހޯދައި ލިބިގަތުމަށް، ފިލާވަޅު ފަރިތަކުރުމަށް، ނުވަތަ ކުލާހުގައި ފެށި މަސައްކަތެއް ގޭގައި ކޮށްނިންމާލުމެވެ ( މެޔަރ، 2005).
·   ހޯމްވޯކަކީ ސްކޫލް ގަޑީގައި ނޫން އެހެން ގަޑިތަކުގައި ކޮށްނިންމަންޖެހޭ ގޮތަށް ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތެކެވެ (ކޫޕަރ 1989).

· ހޯމްވޯކަކީ ކުލާސް ގަޑީގައި ކިޔަވައިދިން މަޢުލޫމާތުތައް އިތުރަށް ފަރިތަކުރުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ  (ޑެވިސް، 2008).

ޙޯމްވޯކާއި ކުދިންގެ ކާމިޔާބީއާއި ހުރި ގުޅުމަކީ ކޮބާ؟

·  ހޯމްވޯކުގެ  ސަބަބުން ބޮޑަށް ފައިދާކުރަނީ، މަތީޘާނަވީ މަރުޙަލާ ތަކުގައި ނުވަތަ އެއަށްވުރެ މަތީ މަރުޙަލާތަކުގައި ކިޔަވާ ކުދިންނަށެވެ.

·  ދަށުޘާނަވީ މަރުޙަލާގައި ހޯމްވޯކާއި ދަރިވަރު ޓެސްޓްތަކުގައި ހޯދާ ނަތީޖާއާއި ހުންނަގުޅުން ވަރަށްކުޑައެވެ  (ކޫޕަރ ވެލެންޓައިން، 2001).

·    ގްރޭޑް 3-5 ގެ ދަރިވަރުންގެ ހޯމްވޯކާއި އެކުދިން ހޯދާ ކާމިޔާބީގެ ގުޅުން (ކޯރރިލޭޝަން) ހުންނަނީ ގާތްގަޑަކަށް "0" ގައެވެ. ގްރޭޑް 5-9 ގެ ދަރިވަރުންގެ ކާމިޔާބީއާއި ހޯމްވޯކްއާއި ހުންނަ ގުޅުމުގެ މިންވަރަކީ 0.07 އެވެ. ގްރޭޑް 9-12 ގެ ދަރިވަރުންގެ ކާމިޔާބީއާއި ހޯމްވޯކާއި ގުޅުން ހުންނަ މިންވަރަކީ، 0.25 އެވެ  (ކޫޕަރ،2007).

ހޯމްވޯކާއިމެދު ދެކެނީ ކޮންގޮތަކަށް؟

·  ދަރިވަރުން ދެކޭގޮތުގައި ހޯމްވޯކަކީ އެކުދިންނަށް އެއާއި ބެހޭގޮތުން މާބޮޑު ތަފްސީލެއް ދެވޭނެ އެއްޗެއްނޫނެވެ. ދަރިވަރުން ބުނެފައިވާގޮތުން ހޯމްވޯކް ހަދާނީ، މައިންބަފައިންނާއި މުދައްރިސުންގެ ރުހުން ޙޯދުމަށެވެ (ވޯޓަން. 2001)
·        ދަރިވަރުން ދެކޭގޮތުގައި މުދައްރިސުން މާގިނައިން މަސައްކަތް ދެއްވައެވެ.

·        ބެލެނިވެރިން ހީކުރައްވަނީ ހޯމްވޯކުގެ ސަބަބުން ދަރިވަރުންގެ ފެންވަރު މަތިވާނެ ކަމުގައެވެ. އެހެންއެކަން ނުވާނެނަމަ މުދައްރިސުން ހޯމްވޯކެއް ނުދެއްވީސް ކަމުގައެވެ  (ވޯޓަން، 2001).

·   މުދައްރިސުން ދެކިލައްވާ ގޮތުގައި، ޙޯމްވޯކްގެ ސަބަބުން ކުދިންގެ ފެންވަރު މަތިވެއެވެ. އާއިލާއާއި، މުދައްރިސާއި، ދަރިވަރާއި މުއާސަލާތު ކުރުމަށް މަގުފަހިވެގެންދެއެވެ  (ހެރިސް ލިންޑެސް، ނައި، ގްރީންހައުސް،1998).

·        އާންމު ރައްޔިތުން ދެކޭގޮތުގައި، ހޯމްވޯކްއަކީ ދަރިވަރުންނާއި، އެދަރިވަރުންގެ މައިންބަފައިން ހާސްކަމެއްގެ ތެރެއަށް ވައްޓާލަދޭ "ބޮޑުކަމެކެވ"  (ކޯނޯޒޫ، 2004).

ހޯމްވޯކްދޭންވީ ކިހާވަރަކަށް؟

·        ދަރިވަރުންނަށް އެއްދުވަހަށް ހޯމްވޯކް ހަދަން ޖައްސާ މިންވަރު މުޅި ޖުމުލަ 60-120   މިނިޓަށްވުރެ އިތުރު ކުރެވިގެންނުވާ ނެ އެވެ. ދަރިވަރުގެ އަމިއްލަ ޝައުޤު ހުރެގެން އިތުރު މަސައްކަތް ކުރުން މިއުސޫލާއި އިސްތިސްނާވެ އެވެ. ގިނައިން ހޯމްވޯކް ހަދާ ދަރިވަރުންނަށްވުރެ އާދައިގެ ވަރަކަށް ހޯމްވޯކް ހަދާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކަން ފާހަގަ ކުރެވެ އެވެ.

ހޯމްވޯކަކީ ކުދިން ގަޔާވެގެން ކުރާމަސައްކަތައް ހެދިދާނެ ގޮތްތަކެއްގެ ބައެއް ޚިޔާލުތައް

ü ދަރިވަރަށް އިޚްތިޔާރެއް އޮންނަގޮތަށް މަސައްކަތް ދެއްވާށެވެ.

ގިނަފަހަރަށް މަސައްކަތް ޙަވާލު ކުރެވެނީ 'އިތުރު ވާހަކަ ނުދައްކައި' ބުނިގޮތަކަށް ކުރާ އުސޫލަށެވެ.

  û "ސަފްހާ 36 ގައިވާ 10 ނަމްބަރު ހަދާށެވެ."

އިޚުތިޔާރެއް އޮންނަގޮތަށް މަސައްކަތް ދެއްވުމުން، ތިމާގެ އަމިއްލަ ޒިންމާ އޮންނަ ގޮތަށް މަސައްކަތް ކުރުމުގެ އާދަ ހަރުލަ އެވެ. މީގެ އިތުރަށް ދަރިވަރުގެ ޒާތަށް  އިޙުތިރާމް ކުރެވި އޭނާގެ ކިބައިގައި ހުންނަ ދަސްކުރުމުގެ ފަރުދީ ޤާބިލުކަން ދިރިގެންދެ އެވެ.

ü މަސައްކަތް ކުރަންޖެހޭ މިންވަރުގެ އިޚްތިޔާރު ދެއްވާށެވެ.

މިފިލާވަޅަށް ބޮޑަށް ފަރިތަވެލުމަށްޓަކައި ހަދަންޖެހޭނެ ކަމަށް  ފެންނަ އެންމެގިނަ އަދަދަކަށް  ތަމްރީނު ހަދާށެވެ.

ü ކުރަންވީ ކޮންކަމެއްކަމުގެ ބާރު ދަރިވަރަށް އޮންނަގޮތަށް އިޚުތިޔަޜުދެއްވާށެވެ.
          
"ފިލާވަޅުގައި ހިމެނޭ އުދަގޫ ބަސްތަކުގެ ތެރެއިން ކޮންމެ ބަހެއް މަދުވެގެން 4 ފަހަރު ލިޔާށެވެ."


ކުރަންވީ ކޮންކަމެއްކަން ދަރިވަރަށް އެގެން އޮންނަގޮތަށް އިޚްތިޔާރު  ދެއްވާ  އެފަދަގޮތަކަށް ހޯމްވޯކް ދެއްވުމުން، ދަރިވަރުންގެ ސަމާލުކަން ވަކި މަސައްކަތަކަށް އަމާޒުވެއެވެ.

ü ދަރިވަރުގެ އަމިއްލަ ހޯމްވޯކެއް އުފައްދަން ފުރުސަތު ދެއްވާށެވެ.

"މި ފިލާވަޅާއި ގުޅޭގޮތުން ހިތްހަމަޖެހޭފަދަ އެސައިންމެންޓެއް ފަރުމާކުރާށެވެ." 


ހޯމްވޯކަށް ކުދިން ހިތްހަމަޖެއްސުމަށް ކުރެވިދާނެ އިތުރުކަންތައްތައް:

·        ދަރިވަރުންގެ އުމުރާއި ދަރިވަރަށް އެނގޭ މިންވަރާއި ދެއްވަން އުޅުއްވާ މަސައްކަތް އެކަށޭނަތޯ ޔަޤީން ކުރައްވާށެވެ.

·        މިހާރު ދަރިވަރަށް އެނގޭ އެއްޗެއް އިތުރަށް ފުޅާކުރުމަށްޓަކައިދެވޭ  އެއްޗަކަށް ހޯމްވޯކު ހައްދަވާށެވެ.

·        އުނގެނުމުގެ މައްސަލަތައް ހުންނަ ކުދިންނަށް ހޯމްވޯކު ދިނުމުގައި ދެވޭ މަސައްކަތާއި ސުންގަޑިއާއި އަޅުއްވައި ކިއުއްވާށެވެ (އެޕްސްޓިން/ވޫރިޝް، 2001).

·        ވަކިވަކި ކުދިންގެ ވަކިވަކި މައްއސަލަތައް ޙައްލު ކުރުމަށް ވަކިވަކި މަސައްކަތް ވިސްނުންތެރި ކަމާއެކު ޙަވާލު ކުރައްވާށެވެ (ކޫޕަރ،2001).

·        ދަރިވަރުގެ ކިބައިގައި އުފެއްދުންތެރި ޚިޔާލުތައް އޮހި ބަންޑުން ވެގެންދާފަދަ ގޮތް ހެދުމަށްޓަކައި، ޖަމާޢަތުގެ ބައިވެރިވުން، ކުދިން ކުދިންނަށް ގުޅިގެން ކުރާމަސައްކަތެއްގެ ގޮތުގައި ހޯމްވޯކް ފަރުމާ ކުރައްވާށެވެ (ކޯރނޯ،2000).

·        ހޯމްވޯކް ފަރުމާކުރާއިރު، ރީތިކޮށް ބަލާލަން ހިތްގައިމް އެއްޗެއްގެ ގޮތުގައި ފަރުމާ ކުރައްވާށެވެ.

·        އިރުޝާދުތައް ކުރުކޮށް ލިޔުއްވާށެވެ. ލިޔަންދެއްވާ ހުސްފޮޅުވަތުގެ ޖާގަ ތަނަވަސްކޮށް ބަހައްޓާށެވެ.

·        ހޯމްވޯކް ފަރުމާކުރެއްވުމުގައި، ދަތިނޫންނަމަ، ތަސްވީރާއި ކުލަ ބޭނުން ކުރައްވާށެވެ.

ޓަކަޝީ ޝިމަމޫރާ (ޝިމާ) ގެ ބަސްދީގަތުމެއް




ޖަޕާން ގައި ހިންގާ ނައިކު ކުންފުނީގެ ހިއުމަން ރިސޯސް ބިޒްނަސް ޕަރޓްނަރެއްގެ ގޮތުގައި 2006 ނެފެށިގެން މަސައްކަތްކޮށްފައިވާ ޓަކަޝީ ޝިމަމޫރާ އަކީ ރޭވުންތެރިކަމުގެ ރޮގުންނާއި ޖަޕާނުގެ ވިޔަފާރި ދުނިޔެ އާއި ގުޅުވާލަދިނުމުގެ ރޮގުގައި ވަރަށް މުއްސަނދި ތަޖުރިބާ ތަކެއް ޙާޞިލުކުރައްވާފައިވާ ހުނަރުވެރިއެކެވެ. ނައިކް ކުންފުނީގައި މަސައްކަތްކުރުމުގެ ކުރިން، ޔުނިވަރސަލް ސްޓޫޑިއޯސް ޖަޕާން އަދި ޖުޕިޓަރ ޓެލެކޮމް ގައި ހިއުމަން ރިސޯސް ހެޑެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ. އޭނާގެ ފާހަނަގަކޮށްލެވޭ ހުނަރެއްގެ ގޮތުގައި ކުންފުންޏަށް ބެނުންވާ މީހުން ހޯދައިގަތުމާއި ކުންފުނީގެ އެޖެންޑާ ދެނެގަތުމާއި ސްޓްރެޓެޖީ އެކުލަވާލުން ހިމެނެއެވެ.  މިކަންތައް އޭނާ ކުރަނީ ތިއަރީ ބުނާގޮތާއި ޚިލާފަށް ގޮތްދޫކުރުމުގެ ސިޔާސަތެއް ގެންގުޅެގެންނެވެ.

ޓަކްޝީ ޝިމަމޫރާ ވަނީ ސޯޝިއޮލޮޖީ އާއި ޖަރމަން ލިޓްރޭޗަރ އިން  BAޑިގްރީ ހޯއްދަވާފައެވެ. ވަޒީފާ އެންމެފުރަތަމަ ފެށްޓެވީ ސްޓީލް ކުންފުންޏެއްގައެވެ. އޭގެ ހަތަރު އަހަރުފަހުން ހިއުމަން ރިސޯސް ދާއިރާ އަށް ވަޒީފާ ބަދަލުވިގޮތަށް މިހާތަނަށްވެސް ހުންނެވީ އެދާއިރާގައެވެ. 2010 ޖެނުއަރީ މަހުން ފެށިގެން ނައިކް ކުންފުންޏާއި ޖަޕާން އެޗް.އާރ.ބީ.ޕީ ގެ އޭޝިއާ ޓެލެންޓް އެކުއިޒިޝަން ޑިރެކްޓަރ ގެ ވަޒީފާވެސް އޭނާ ގެންދަވަނީ އަދާކުރައްވަމުންނެވެ. ތިރީގައިމިވަނީ، ޖޫލިއެޓް ނޯޓަން އަށް ޓަކްޝީ ޝިމަމޫރާ (ޝިމާ) ދީފައިވާ ބަސްދީގަތުމެކެވެ. މި ބަސްދީގަތުން ނަގާފައިވަނީ، ހިއުމަން ރިސޯސް މެނެޖްމަންޓް ޑައިޖެސްޓް ގެ 2010 ގެ ވޮލިއުމް 18 ގެ 4 ވަނަ އަދަދުގެ 43 ވަނަ ސަފުހާއިންނެވެ.

n ވަރަށްފަހުން ތިޔަވަނީ ނައިކުގެ ހިއުމަން ރިސޯސް ޑިރެކްޓަރ ކަމުގެ ވަޒީފާއިން އޭޝިއާ ޓެލެންޓް އެކުއިޒިޝަން ޑިރެކްޓަރަކަށް ބަދަލުވެފައި. އަލަށް ލިބުނު މަގާމުގެ އެންމެ ޝައުގުވެރިކުރުވަނިވި ކަމަކީ ކޮބާ؟
l އަހަރެން ބޭނުވީ " ޖަޕާނަށްވުރެ " ބޮޑުކަމެއްކުރަން. ޚާއްޞަކޮށް ބާރަށް ކުރިއަރަމުންދާ ވިޔަފާރިގެ ވެށްޓެއްގައި، އަދި ކުރިނައަރާ އޮތް ހުނަރުވެރިންގެ މަރކެޓެއްގައި.

n މުއައްޒަފުންގެ ބައިވެރިވުމުގެ މިންވަރަށް ބަލާއިރު ނައިކް ބްރޭންޑް މިއީ ކިހާ މުހިންމު އެއްޗެއްގެ ގޮތުގައި ފާހަނގަކުރާނަންތަ؟
l ވަރަށް މުހިންމު... އުފެއްދުމެއްގެ ގޮތުގައި ނައިކް ފާހަނގަކުރެވޭގޮތަށް ވަޒީފާ ގެ ބްރޭންޑެއްގެ ގޮތުގައިވެސް ނައިކް ފާހަނގަކުރެވޭ. ނައިކްގައި މަސައްކަތްކުރުމަކީ ވަރަށްބޮޑު ފަޚުރަކަށްވާ ފަދައިން ނައިކްގައި މަސައްކަތްކުރުމުން ލިބޭ ތަޖުރިބާ އަކީ ނައިކުގެ މުއައްޒަފުންގެ ބައިވެރިވުން ކުންފުންޏަށް ލިބުމުގެ އެންމެ ވަރުގަދަ އަސާސް.

n މުއައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ވަޒީފާ ދޭފަރާތުން އަމަލުކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟
l އެކަންތައް އެކި ގައުމުތަކުގައި ތަފާތުވެދާނެ. މުއައްޒަފުންނަށް ވަކި ޙައްދެއްނެތި ކުރިއެރުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ، ރަނގަޅުގޮތަކަށްވެދާނެ. އަނެއްބައި ގައުމުތަކުގައި އުފާވެރި މަސައްކަތު މާހައުލެއް ގާއިމުވެފައި އޮތުމާއި ޓީމެއްގެގޮތުގައި މަސައްކަތްކުރެވޭނެ ގޮތް ރޭވިފައި އޮތުމަކީ މުއައްޒަފުންގެ ބައިވެރިވުން އިތުރުވެގެންދާނެ ގޮތެއް. އެކަމަކު، އާންމުގޮތެއްގައި، ވަޒީފާގެ ކުރިއެރުމުގެ ފުރުސަތާއި އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިދިނުމަކީ އެންމެ މުހިންމުކަންތައް.

n ނައިކް އިން ހުނަރު ވެރިން ހޯދުމުގައި މިވަގުތުގެންގުޅޭ ގޮތްތަކަކީ ކޮބާ؟
l ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއްގެ ގޮތުންނާއި އަދި ބާރަށް ކުރިއަރައި ފައްކާވަމުންދާ  ކުންފުންޏެއްގެ ގޮތުން، އަޅުގަނޑުމެން އަބަދުވެސް ބަލަނީ މަތީފެންވަރުގެ ހުނަރުވެރިންނަށް. އެއީ ދުނިޔޭގެ ފެންވަރުގައި ވިސްނާ ރަށުފެންވަރާއި ގުޅޭގޮތަށް މަސައްކަތްކުރެވޭނެ ހުނަރުވެރިންނަށް . އަދި ވަރަށް އާދަޔާއި ޚިލާފު ވިސްނުން ގެންގުޅޭ އުފެއްދުންތެރި މީހުންނަށް. ޚިޔާލު  ހޯދަން ސީދާ މާކެޓަށްވެސް އަޅުގަނޑުމެން ދަން. އަދި ތަފާތު ދިމަދިމާލުން ޚިޔާލު ލިބިގަންނަން. އެއީ އަޅުގަނޑުމެންގެ ވާދަވެރިންނާއި ތަފާތު އެއްޗެއް އުފެއްދުމުގެ ބޭނުމުގައި.

n ވަޒީފާ ގެ ވެށީގައި ލިބެންޖެހޭ ކަންތައްތަކާއި ކުރާ އުއްމީދުތަކުގައި  ވަކި މިޖީލުގެ މީހުންގެ މާބޮޑު ތަފާތެއްވަކަމަށް ގަބޫލުކުރަންތަ؟
l މާބޮޑު ތަފާތެއް ނުފެނޭ. ކޮންމެ ޖީލެއްގެ ވިޔަސް މުއައްޒަފުން ބޭނުންވަނީ ކުރިޔަށްދާން. މިހާރުގެ މީހުން ވަރަށް ތެދުބަހުން ބުނާނެ އެމީހުން ވަޒީފާއިން ކުރިޔަށް ދާން ބޭނުންވާ ހިސާބާއި ލިބުމަށް އުއްމިދުކުރާ މުސާރައަކީ ކޮބައިކަން.

n މުއައްޒަފުންގެ މުޅި ހިތްހަމަޖެހުން ވަޒަންކުރުމަށް ގެންގުޅޭ މިންގަނޑަކީ ކޮބާ؟
l އަޅުގަނޑުމެން ތަފާތު ގޮތްގޮތް ބޭނުންކުރަން. މުއައްޒަފުން ހާޒިރުވާމިންވަރު، އެމީހުންގެ ހިތްހަމަޖެހުން ފަދަ އެތައްކަމެއް. މިކަމުގައި އެންމެ ރަނގަޅުގޮތަކީ، މުސްތަގުބަލާއި މެދު ވާހަކަދައްކަނީ ކިތައް މުއައްޒަފުންތޯ ބެލުން، އޮފީހުގެ ކަނެއްގައި ހުންނަ މޭޒެއްގެ ދޮށުގައި ނުރަސްމީ ގޮތެއްގައި ކުންފުނީގެ ވިޔަފާރިއާއިބެހޭގޮތުން ވާހަކަދައްކަނީ ކިތައް މުއައްޒަފުންތޯ ބެލުން. އަޅުގަނޑުގެ އެންމެ ޚާއްޞަގޮތަކީ، ' ހެދުނު ހޭލެވުމާއިއެކު ވަޒީފާއަށް ދާހިތުންދާން ބޭނުންވެފައި ތިބެނީ ކިތައް މީހުން ' ތޯބެލުމެވެ.

n އަލަށް ހަވާލުވި ވަޒީފާގެ ގޮންޖެހުމަކަށްވާނީ ކޮންކަންތަކެއް؟
l ހިންގުންތެރިކަމުގެ ނަޒަރަކުން ބަލާނަމަ، ޖަޕާނުގެ ޓޯކިޔޯ ގައި އަޅުގަނޑު މަސައްކަތްކުރަމުން ، ޝަންހާއި އާއި، ހޮންކޮންގާއި ސިންގަޕޯރާއި ސިއޯލް ގައި ތިބި އަޅުގަނޑުމެންގެ ޓީމުތައް މެނެޖް ކުރުން. ވިޔަފާރިއަށް ބަލާނަމަ، އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ، އޭޝިއާގައި ބާރަށް ކުރިއަރަމުންދާ ވިޔަފާރީގައި ފަހަތަށް ނުޖެހި ހިފަހައްޓާލުން. މިކަމަށް ބޭނުންވަނީ، ހުނަރުވެރިކަމާއި އިސްނެގުން. 

އަޚުލާޤީ ރިވެތިސިފަތަކުން ދަރިން ޒީނަތްތެރިކުރުމާއިމެދު ކިނަލިޒާދޭ ދެކިލައްވާގޮތް

ކިނަލިޒާދޭ އަލާއައްދީން އަފަންދީ - އަޚުލާޤީ ފަލްސަފާ

ކިނަލިޒާދޭ އަކީ ކާކު؟

އުޘްމާނީ ޚިލާފަތުގެ ޢިލްމުވެރިޔާ އަޚުލާޤީ ފިލޯސަފަރ

ކިނަލިޒާދޭ އަލާއައްދީން އަފަންދީ (1510-1572) އަކީ އުޘްމާނީ ޚިލާފަތުގެ ޒަމާނުގައި އުޅުއްވި އަޚުލާޤިއްޔާތަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވި ބޭކަލެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ، 1510 ވަނަ އަހަރު އިސްޕަޓާގައެވެ. ތަޢުލީމީ ހަޔާތް ނިއްމަވާލެއްވުމަށްފަހު ސާނަވީ މަދަރުސާތަކުގައި ކިޔަވާ ދެއްވިއެވެ. އަދި އިސްތަންބޯލާ، ބަރުސާ، ޤާހިރާ، ދިމިޝްޤުގައި ޤާޒީކަން ކުރެއްވިއެވެ. އޭގެ އިތުރަށް ދޭދޭ މީހުންގެ މެދުގައި ދިމާވާ މައްސަލަތައް އިސްލާމީ އުސޫލުތަކާ އެއްގޮތައް ޙައްލުކޮށް ދެއްވުމުގެ މަސްއޫލިއްޔަތު އުފުލެއްވިއެވެ. އަދި ކުރު މުއްދަތަކަށް، އެނަޓޯޕިޔާގެ އުއްތަމަ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.

ދަރިކަލުން ޙަސަނު ސިފަކުރައްވާ ގޮތުން އޭނާގެ ބައްޕައަކީ ވިސްނުންތޫނު ކަމަށް ބަލާއިރު އިބުނިސީނާއާ އެއްފެންވަރުގެ ބޭކަލެކެވެ. ކިނަލިޒާދޭ ވަރަށްގިނަ އަދަދެއްގެ ފޮތް ލިޔުއްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ، އަޚުލާޤީ އަލާއީ އެވެ.

އަޚުލާޤީ އަލާއީ

މި ފޮތުގައި ތިން ބައެއް އެކުލެވެއެވެ. ފުރަތަމަ ބައިގައި ބައްލަވާފައި ވަނީ ފަރުދީ އަޚުލާޤިއްޔަތާއި މުޖުތަމަޢުގައި ހަރުލާފައި ހުރި އަޚުލާޤީ ފަލްސަފާގެ ބައިތަކުގެ މައްޗަށެވެ. އަޚުލާޤު ބަދަލުވާގޮތާއި ބަދަލުނުވުން، ނަފުސުގެ މަފްހޫމު، ނަފުސުގެ ބާރު، ނަފުސުގެ އަގު މަތިވެރިވާ ގޮތް ހިމެނެއެވެ. ފޮތުގެ ދެވަނަ ބައިގައި ކިނަލިޒާދޭ، އަޅައި ކިޔުއްވާފައިވަނީ، އާއިލީ ސުލޫކާއި މުއައްސަސާއެއްގެ ގޮތުގައި އާއިލީ މެންބަރުންގެ މަސްއޫލިއްޔަތަށާއި ދަރިވަރުންގެ ތަޢުލީމަށެވެ. ތިންވަނަ ބައިގައި ސިޔާސަތާއި ޤަދީމީ އަޚުލާޤިއްޔަތުގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ. އަދުލު އިންސާފާއި ލޯބިވެތިކަން ޤާއިމުވުމުން ޤައުމެއްގެ އަޚުލާޤު ފުރިހަމަވާނެ ކަމަށް ވިދާޅުވެއެވެ.

ދަރިވަރުންގެ އަޚުލާޤީ ތަޢުލީމު

ކިނަލިޒާދޭ ކަނޑައަޅުއްވާގޮތުގައި ދަރިވަރުންގެ ތަޢުލީމަކީ އާއިލާއެއްގެ އެންމެ މުހިންމު އަޚުލާޤީ ވާޖިބެވެ. ބެލެނިވެރިން ހޭލުންތެރިވުމަށް ބާރުއަޅުއްވައެވެ. ސޯޅަ ވަނަ ޤަރުނުގައި ކިނަލިޒާދޭ ޤަބޫލުކުރެއްވި އުސޫލުތަކަކީ މިއަދުވެސް މުޖުތަމަޢުގައި ވިސްނަންޖެހޭ ޚިޔާލުތަކެކެވެ.

“ކަލޭމެން ވިހެއުމުގެ ކުރިން އަދި އުފަންވުމަށް ފަހު ކަލޭމެންނަށް ހެޔޮކަމެއް ކޮށްދިނީމެވެ. ވިހެއުމުގެ ކުރިން ހެޔޮލަފާ މަޔަކު ހޯދާދިނީމެވެ. ވިހޭއިރު މުޅި އުމުރަށް އެނަމަކާއި އެކު ދިރިއުޅެވޭނެ ރީތި ނަމަކުން ނަންދިނީމެވެ. ވިހެއުމަށްފަހު ބޮޑުކުރީމެވެ. ތަޢުލީމުދިނީމެވެ.” (ކިނަލިޒާދޭ، ސ. 62)

ރީތި އާދަތަކުގެ މުހިންމުކަން

ކިނަލިޒާދޭ ޤަބޫލުކުރައްވާ ގޮތުގައި ކުޑަކުއްޖާ އުފަންވަނީ ވިސްނުމުގެ ސާފު ތާހިރުކަން މަތީގައެވެ. ރަނގަޅު ކަންތައްތަކަށް މަގުދެއްކުމާއި ގޯސް ކަންތައްތަކުން ރައްކާކުރުމަކީ ބެލެނިވެރިޔާގެ ވާޖިބެވެ. މީގެ އިތުރަށް ކުޑަކުދިން ނަކަލުކުރަނީ އެކުދިންގެ ވަށައިގެންފެންނަ ބޮޑެތި މީހުންގެ ސުލޫކެވެ. ވީމާ ޢާއިލާގެ ހުރިހާ މެންބަރުން ރީތި މިސާލު ދެއްކުމަކީ މުހިންމު ކަމެކެވެ.

ރަނގަޅު ޝަޚުޞިއްޔަތަކަށް ވުން މާތްކަމެއްކަން ދަރިފުޅަށް ތަކުރާރުކޮށް ބުނެދޭންވާނެއެވެ. ޚާއްޞަކޮށް މަސްތުވާތަކެތީގެ އަމަލުކުރާ މީހުންނާ ދުރުކޮށް، ނުބައި އަމަލުތަކުން ރައްކާތެރި ކުރަންވާނެއެވެ. ކިނަލިޒާދޭ ވިދާޅުވާ ގޮތުގައި ރަނގަޅު އަޚުލާޤެއް ލިބިގަތުމަކީ ބަރު ހިލަގަޑެއް ފަރުބަދައެއްގެ މައްޗަށް އުފުލުމެވެ.

ދަރިފުޅު ބޮޑުވުމުގެ މަރުޙަލާގައި ކުޅިވަރުގެ މުހިންމުކަން

ކުޅިވަރުތަކުގައި ބައިވެރިވުމުން އިޙުތިރާމްކުރުމާއި ހިއްސާކުރުން ދަސްވެއެވެ. އަލްޣަޒާލީ ވިދާޅުވާ ގޮތުގައި ސުކޫލް ގަޑީގައި ވަރުބަލިވާ ކުދިން ތާޒާކުރުމަށް ކުޅިވަރު ހަމަޖެހިފައި އޮތުން މުހިންމެވެ. ކިނަލިޒާދޭ ވިދާޅުވަނީ ދަރިފުޅު ކުޅޭ ކުޅިވަރުތަކަކީ އެކަށީގެންވާ ކުޅިވަރުތަކެއްތޯ ބެލުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. މިއީ މިއަދުގެ ކޮމްޕިއުޓަރ ގޭމްތަކާއި މޫވީތަކުގެ މައްސަލަތަކަށް ވެސް ފުޅާކޮށް އަޅާލެވޭ ނުކުތާއެކެވެ.

ރަސްމީ ތަޢުލީމުގެ މަރުޙަލާ

ރަނގަޅު މުދައްރިސެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކިނަލިޒާދޭ ލިސްޓުކުރައްވާ ސިފަތަކުގެ ތެރޭގައި ހަރުދަނާ ޝަޚުޞިއްޔަތު، ރީތި އުޅުން، ދީނީ ކަންތައްތަކަށް ސަމާލުވުން، އަދި ދަރިވަރުންނާ މާހަރުކަން ހިފަހައްޓައި ނުވަތަ މާދޫދާ ނުހިފުން ހިމެނެއެވެ. މައިންބަފައިން ދަރިފުޅުދެކެ ވާ ލޯބި ކުޑަދަރަޖަކަށް ތިރިކުރުމަށް ލަފާދެއްވަނީ، އެހެންނޫނީ މުދައްރިސުންދެކެ ދަރިފުޅުގެ ލޯބި އުނިވެ އުގެނުމުގެ ޝައުޤު ދަށަށް ހިނގައިދާނެތީއެވެ.

ކިނަލިޒާދޭ ވިދާޅުވާ ގޮތުން ބޮޑެތިމީހުންގެ އަމަލުތައް ކޮޕީކުރުމަކީ ކުޑަކުދިން ކުރާ ކަމެކެވެ. ފުރަތަމަ ލޮޖިކަލް ސައިންސް (ވިސްނުމުގެ ހުނަރު) އަދި ފަހުން ޠަބީޢީ އިލްމު ދަސްކޮށްދޭން ޖެހޭނެއެވެ. ރަނގަޅަށް އެކުލަވާފައިވާ މުޤައްރަރެއް ބޭނުންކުރަންވާނެއެވެ. ކިނަލިޒާދޭގެ ޚިޔާލުތަކުން ދައްކާނީ ތަޢުލީމު ދިނުމުގެ ޒިންމާ ބެލެނިވެރިޔާގެ އަތުގައި އޮންނަ ކަމަށެވެ.

އަޚުލާޤީ ރީތި ސިފަތަކުން ޒީނަތްތެރި ކުރުން

ދަރިން ތަރުބިއްޔަތުކުރަންޖެހޭނީ އެކުދިން އުޅޭ މުޖުތަމަޢުގައި އަމާންކަމާއެކު އުޅެވޭނެ ފަދައިން، ރައްޓެހީންނަށް ކަމޭހިތުން ދަސްކޮށްދީގެންނެވެ. ޞަދަޤާތް ދިނުމުގެ ޢަމަލުތަކުގައި ދަރިން ބައިވެރިކުރުމަށް ވާނެއެވެ. ކައިވެންޏަށް ތައްޔާރުވުމުން، އަޚުލާޤީ ޒީނަތްތެރި ޝަޚުޞިއްޔަތެއްގެ މީހަކާ ކައިވެނި ކުރުވާށެވެ. މާއްދީ މުއްސަދިކަން އެންމެ މުހިންމެއް ނޫނެވެ.

އެހެންކަމުން ކިނަލިޒާދޭގެ ޚިޔާލުތަކާއި މިޒަމާނުގެ ދަރިން ތަރުބިއްޔަތުކުރުމުގެ އުސޫލުތައް ވަރަށް ގާތްކަން ފާހަގަކުރެވެއެވެ. އޭނާގެ ފޮތް "އަޚުލާޤީ އަލާއީ" އަކީ އެކާވީސް ވަނަ ޤަރުނަށްވެސް ވަރަށް ގިނަ މުހިންމު މެސެޖުތައް ރައްދުކޮށްދޭ އަގުހުރި އަޚުލާޤީ މައުޟޫޢުތަކެކެވެ.

© މިލިޔުން އެކުލަވާލެވިފައިވަނީ ކިނަލިޒާދޭ އަލާއައްދީން އަފަންދީގެ ތާރީޚީ ލިޔުންތަކާއި "އަޚުލާޤީ އަލާއީ" ފޮތުގެ މައްޗަށެވެ.

Implementing Professional Learning Communities in Low-Enrolment Schools Part 2 – Building and Sustaining the Practice ...