ކިނަލިޒާދޭ އަކީ ކާކު؟
ކިނަލިޒާދޭ އަލާއައްދީން އަފަންދީ (1510-1572) އަކީ އުޘްމާނީ ޚިލާފަތުގެ ޒަމާނުގައި އުޅުއްވި އަޚުލާޤިއްޔާތަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވި ބޭކަލެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ، 1510 ވަނަ އަހަރު އިސްޕަޓާގައެވެ. ތަޢުލީމީ ހަޔާތް ނިއްމަވާލެއްވުމަށްފަހު ސާނަވީ މަދަރުސާތަކުގައި ކިޔަވާ ދެއްވިއެވެ. އަދި އިސްތަންބޯލާ، ބަރުސާ، ޤާހިރާ، ދިމިޝްޤުގައި ޤާޒީކަން ކުރެއްވިއެވެ. އޭގެ އިތުރަށް ދޭދޭ މީހުންގެ މެދުގައި ދިމާވާ މައްސަލަތައް އިސްލާމީ އުސޫލުތަކާ އެއްގޮތައް ޙައްލުކޮށް ދެއްވުމުގެ މަސްއޫލިއްޔަތު އުފުލެއްވިއެވެ. އަދި ކުރު މުއްދަތަކަށް، އެނަޓޯޕިޔާގެ އުއްތަމަ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ.
ދަރިކަލުން ޙަސަނު ސިފަކުރައްވާ ގޮތުން އޭނާގެ ބައްޕައަކީ ވިސްނުންތޫނު ކަމަށް ބަލާއިރު އިބުނިސީނާއާ އެއްފެންވަރުގެ ބޭކަލެކެވެ. ކިނަލިޒާދޭ ވަރަށްގިނަ އަދަދެއްގެ ފޮތް ލިޔުއްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ، އަޚުލާޤީ އަލާއީ އެވެ.
އަޚުލާޤީ އަލާއީ
މި ފޮތުގައި ތިން ބައެއް އެކުލެވެއެވެ. ފުރަތަމަ ބައިގައި ބައްލަވާފައި ވަނީ ފަރުދީ އަޚުލާޤިއްޔަތާއި މުޖުތަމަޢުގައި ހަރުލާފައި ހުރި އަޚުލާޤީ ފަލްސަފާގެ ބައިތަކުގެ މައްޗަށެވެ. އަޚުލާޤު ބަދަލުވާގޮތާއި ބަދަލުނުވުން، ނަފުސުގެ މަފްހޫމު، ނަފުސުގެ ބާރު، ނަފުސުގެ އަގު މަތިވެރިވާ ގޮތް ހިމެނެއެވެ. ފޮތުގެ ދެވަނަ ބައިގައި ކިނަލިޒާދޭ، އަޅައި ކިޔުއްވާފައިވަނީ، އާއިލީ ސުލޫކާއި މުއައްސަސާއެއްގެ ގޮތުގައި އާއިލީ މެންބަރުންގެ މަސްއޫލިއްޔަތަށާއި ދަރިވަރުންގެ ތަޢުލީމަށެވެ. ތިންވަނަ ބައިގައި ސިޔާސަތާއި ޤަދީމީ އަޚުލާޤިއްޔަތުގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ. އަދުލު އިންސާފާއި ލޯބިވެތިކަން ޤާއިމުވުމުން ޤައުމެއްގެ އަޚުލާޤު ފުރިހަމަވާނެ ކަމަށް ވިދާޅުވެއެވެ.
ދަރިވަރުންގެ އަޚުލާޤީ ތަޢުލީމު
ކިނަލިޒާދޭ ކަނޑައަޅުއްވާގޮތުގައި ދަރިވަރުންގެ ތަޢުލީމަކީ އާއިލާއެއްގެ އެންމެ މުހިންމު އަޚުލާޤީ ވާޖިބެވެ. ބެލެނިވެރިން ހޭލުންތެރިވުމަށް ބާރުއަޅުއްވައެވެ. ސޯޅަ ވަނަ ޤަރުނުގައި ކިނަލިޒާދޭ ޤަބޫލުކުރެއްވި އުސޫލުތަކަކީ މިއަދުވެސް މުޖުތަމަޢުގައި ވިސްނަންޖެހޭ ޚިޔާލުތަކެކެވެ.
“ކަލޭމެން ވިހެއުމުގެ ކުރިން އަދި އުފަންވުމަށް ފަހު ކަލޭމެންނަށް ހެޔޮކަމެއް ކޮށްދިނީމެވެ. ވިހެއުމުގެ ކުރިން ހެޔޮލަފާ މަޔަކު ހޯދާދިނީމެވެ. ވިހޭއިރު މުޅި އުމުރަށް އެނަމަކާއި އެކު ދިރިއުޅެވޭނެ ރީތި ނަމަކުން ނަންދިނީމެވެ. ވިހެއުމަށްފަހު ބޮޑުކުރީމެވެ. ތަޢުލީމުދިނީމެވެ.” (ކިނަލިޒާދޭ، ސ. 62)
ރީތި އާދަތަކުގެ މުހިންމުކަން
ކިނަލިޒާދޭ ޤަބޫލުކުރައްވާ ގޮތުގައި ކުޑަކުއްޖާ އުފަންވަނީ ވިސްނުމުގެ ސާފު ތާހިރުކަން މަތީގައެވެ. ރަނގަޅު ކަންތައްތަކަށް މަގުދެއްކުމާއި ގޯސް ކަންތައްތަކުން ރައްކާކުރުމަކީ ބެލެނިވެރިޔާގެ ވާޖިބެވެ. މީގެ އިތުރަށް ކުޑަކުދިން ނަކަލުކުރަނީ އެކުދިންގެ ވަށައިގެންފެންނަ ބޮޑެތި މީހުންގެ ސުލޫކެވެ. ވީމާ ޢާއިލާގެ ހުރިހާ މެންބަރުން ރީތި މިސާލު ދެއްކުމަކީ މުހިންމު ކަމެކެވެ.
ރަނގަޅު ޝަޚުޞިއްޔަތަކަށް ވުން މާތްކަމެއްކަން ދަރިފުޅަށް ތަކުރާރުކޮށް ބުނެދޭންވާނެއެވެ. ޚާއްޞަކޮށް މަސްތުވާތަކެތީގެ އަމަލުކުރާ މީހުންނާ ދުރުކޮށް، ނުބައި އަމަލުތަކުން ރައްކާތެރި ކުރަންވާނެއެވެ. ކިނަލިޒާދޭ ވިދާޅުވާ ގޮތުގައި ރަނގަޅު އަޚުލާޤެއް ލިބިގަތުމަކީ ބަރު ހިލަގަޑެއް ފަރުބަދައެއްގެ މައްޗަށް އުފުލުމެވެ.
ދަރިފުޅު ބޮޑުވުމުގެ މަރުޙަލާގައި ކުޅިވަރުގެ މުހިންމުކަން
ކުޅިވަރުތަކުގައި ބައިވެރިވުމުން އިޙުތިރާމްކުރުމާއި ހިއްސާކުރުން ދަސްވެއެވެ. އަލްޣަޒާލީ ވިދާޅުވާ ގޮތުގައި ސުކޫލް ގަޑީގައި ވަރުބަލިވާ ކުދިން ތާޒާކުރުމަށް ކުޅިވަރު ހަމަޖެހިފައި އޮތުން މުހިންމެވެ. ކިނަލިޒާދޭ ވިދާޅުވަނީ ދަރިފުޅު ކުޅޭ ކުޅިވަރުތަކަކީ އެކަށީގެންވާ ކުޅިވަރުތަކެއްތޯ ބެލުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. މިއީ މިއަދުގެ ކޮމްޕިއުޓަރ ގޭމްތަކާއި މޫވީތަކުގެ މައްސަލަތަކަށް ވެސް ފުޅާކޮށް އަޅާލެވޭ ނުކުތާއެކެވެ.
ރަސްމީ ތަޢުލީމުގެ މަރުޙަލާ
ރަނގަޅު މުދައްރިސެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކިނަލިޒާދޭ ލިސްޓުކުރައްވާ ސިފަތަކުގެ ތެރޭގައި ހަރުދަނާ ޝަޚުޞިއްޔަތު، ރީތި އުޅުން، ދީނީ ކަންތައްތަކަށް ސަމާލުވުން، އަދި ދަރިވަރުންނާ މާހަރުކަން ހިފަހައްޓައި ނުވަތަ މާދޫދާ ނުހިފުން ހިމެނެއެވެ. މައިންބަފައިން ދަރިފުޅުދެކެ ވާ ލޯބި ކުޑަދަރަޖަކަށް ތިރިކުރުމަށް ލަފާދެއްވަނީ، އެހެންނޫނީ މުދައްރިސުންދެކެ ދަރިފުޅުގެ ލޯބި އުނިވެ އުގެނުމުގެ ޝައުޤު ދަށަށް ހިނގައިދާނެތީއެވެ.
ކިނަލިޒާދޭ ވިދާޅުވާ ގޮތުން ބޮޑެތިމީހުންގެ އަމަލުތައް ކޮޕީކުރުމަކީ ކުޑަކުދިން ކުރާ ކަމެކެވެ. ފުރަތަމަ ލޮޖިކަލް ސައިންސް (ވިސްނުމުގެ ހުނަރު) އަދި ފަހުން ޠަބީޢީ އިލްމު ދަސްކޮށްދޭން ޖެހޭނެއެވެ. ރަނގަޅަށް އެކުލަވާފައިވާ މުޤައްރަރެއް ބޭނުންކުރަންވާނެއެވެ. ކިނަލިޒާދޭގެ ޚިޔާލުތަކުން ދައްކާނީ ތަޢުލީމު ދިނުމުގެ ޒިންމާ ބެލެނިވެރިޔާގެ އަތުގައި އޮންނަ ކަމަށެވެ.
އަޚުލާޤީ ރީތި ސިފަތަކުން ޒީނަތްތެރި ކުރުން
ދަރިން ތަރުބިއްޔަތުކުރަންޖެހޭނީ އެކުދިން އުޅޭ މުޖުތަމަޢުގައި އަމާންކަމާއެކު އުޅެވޭނެ ފަދައިން، ރައްޓެހީންނަށް ކަމޭހިތުން ދަސްކޮށްދީގެންނެވެ. ޞަދަޤާތް ދިނުމުގެ ޢަމަލުތަކުގައި ދަރިން ބައިވެރިކުރުމަށް ވާނެއެވެ. ކައިވެންޏަށް ތައްޔާރުވުމުން، އަޚުލާޤީ ޒީނަތްތެރި ޝަޚުޞިއްޔަތެއްގެ މީހަކާ ކައިވެނި ކުރުވާށެވެ. މާއްދީ މުއްސަދިކަން އެންމެ މުހިންމެއް ނޫނެވެ.
އެހެންކަމުން ކިނަލިޒާދޭގެ ޚިޔާލުތަކާއި މިޒަމާނުގެ ދަރިން ތަރުބިއްޔަތުކުރުމުގެ އުސޫލުތައް ވަރަށް ގާތްކަން ފާހަގަކުރެވެއެވެ. އޭނާގެ ފޮތް "އަޚުލާޤީ އަލާއީ" އަކީ އެކާވީސް ވަނަ ޤަރުނަށްވެސް ވަރަށް ގިނަ މުހިންމު މެސެޖުތައް ރައްދުކޮށްދޭ އަގުހުރި އަޚުލާޤީ މައުޟޫޢުތަކެކެވެ.
No comments:
Post a Comment