6/23/2015

އެއަރޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަކަށް ބަލައިގެން ކުލާސްރޫމު ބެލެހެއްޓުން

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާ

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާ

ކުލާސްރޫމު ހިންގުމަށް އެއިން ލިބޭ އިބުރަތްތައް

ސްކޫލްތަކުން މިއަދު ވާހަކަ ދައްކަން ޖެހިފައިވަނީ އޮޅުންބޮޅުންތައް ގިނަ އަދި އޮޅުންބޮޅުންތައް އިތުރުވަމުންދާ ދަރިވަރުންގެ އާބާދީއަކަށް ދިމާވާ މައްސަލަތަކާ މެދުގައެވެ. މިފަދަ ތަފާތު މައްސަލަތައް ދަރިވަރުންގެ ފަރާތުން ކުރިމަތިވަމުން ދާއިރު، އެކަންތައްތަކަށް ދުރާލާ ތައްޔާރުވެ ބިނާކުރަނިވި ފިޔަވަޅު އެޅުއްވުމަކީ މުދައްރިސުން ކުރައްވަން ޖެހިލައްވާ ކަމެކެވެ.

މި ކަންތައް މުދައްރިސުން ކުރައްވަން ޖެހިލައްވަނީ ޖަޒުބާތީ އަދި ސުލޫކީ މައްސަލަތައް ހުންނަ ދަރިވަރުންނާއި އަދި އެނޫން ދަރިވަރުންގެ އުނގެނުން މަތިކުރައްވަން ކުރައްވާ މަސައްކަތާއި އެކު އެކީގައެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރ ނަމޫނާއަށް ބަލަންވީ ކީއްވެ؟

އެއަރ ޓްރެފިކް ކޮންޓްރޯލަރަކީ، މަތިންދާ ބޯޓުތައް ރަންވޭގައި ދުއްވާއިރު، ޖައްސާ ނައްޓާލާއިރު، ޕައިލެޓަށް ބޭނުންވާ އިރުޝާދު ދޭ މީހާއެވެ. އެމީހުން ދޭ އިރުޝާދުގެ ތެރޭގައި ބޯޓު ޖައްސަން އަދި ނައްޓާލުމާ ދެމެދުގެ ވަގުތު، އެއަރ ސްޕޭސްގެ ތެރެއަށް ވަންނަ ބޯޓަށް މަގު ދެއްކުން، އަދި ބޯޓު އެއް ޓަވަރުން އަނެއް ޓަވަރަށް ޙަވާލުކުރުން ހިމެނެއެވެ.

މި ނަމޫނާއިން ކުލާސްރޫމު ހިންގުމަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބެއެވެ. މި ލިޔުމުގައި، އެއިން ތިން ކަމަކަށް ވަކިން ސަމާލުކަން ދޭނީއެވެ.

  • (1) ފްލައިޓް ޕްލޭނެއް ތައްޔާރުކުރުން
  • (2) އަމާން އޮމާން ދަތުރެއްކަން ޔަޤީން ކުރުން
  • (3) ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ދަތުރު ނިންމުވުން

1. ފްލައިޓް ޕްލޭން ތައްޔާރުކުރުން

ފްލައިޓަށް ދަތުރުގައި ދެވިދާނެ ތަނާއި، ކުރެވިދާނެ ކަންތައްތަކާ ބެހޭ ސާފު މިންގަޑުތައް ކަނޑައެޅުމަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހުރިހާ ގިންތިއެއްގެ ދަރިވަރުން ހިމެނޭ ކުލާހަށްވެސް، މިފަދަ މިންގަޑުތަކެއް ކަނޑައެޅިފައި އޮތުމަކީ އަޚުލާޤީ މައްސަލަތައް މަދު ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ދަރިވަރުން އަމަލު ކުރަންޖެހޭ ގޮތްތައް ކިޔައިދީ، މައްސަލަތައް ދިމާވެދާނެ ދިމާތައް ފާހަގަކޮށް، އެކަމަށް ތައްޔާރުވެ ބިނާކުރި ފިޔަވަޅު އެޅުމަކީ މުދައްރިސުން ކުރަންޖެހޭ ކަމެކެވެ. ރަނގަޅު އޮނިގަނޑެއް ކަނޑައެޅި، އެއާ އެއްގޮތަށް އަމަލުކުރެވޭ ކުލާސްރޫމުތަކަކީ އުފެއްދުންތެރި އަދި އުނގެނުމުގެ ރަނގަޅު މާހައުލަކަށް ވެގެންދެއެވެ.

ކުލާސްރޫމު ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޑު، އަލި، ފިނިހޫނުމިން، އަދި ގޮނޑިތައް ރާވާފައިވާ ގޮތް ހިމެނެއެވެ. އެއަރ ޓްރެފިކް ކޮންޓްރޯލަރުން ޕައިލެޓުގެ މަސައްކަތް ފަށަންވާނީ، ރަންވޭ ސާފުވެ ހަމަހިމޭން ވުމަށް ފަހުގައެވެ.

އަމިއްލަ ސަރަހައްދު (ޕާރސަނަލް ސްޕޭސް)

ދަރިވަރުން ކުލާސްރޫމުގައި ހަރަކާތްތެރިވުމަށް ވަކި އިންތަކެއް ކަނޑައެޅުމާއި، ހަރަކާތްތެރިވެވޭނެ ސަރަހައްދު ކަނޑައެޅުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މިސާލަކަށް، ޑެސްކު ހިމެނޭ ސަރަހައްދުގައި ރަތްކުލައިގެ ޓޭޕުން ފާހަގަކޮށް، އެއީ އެ ދަރިވަރުގެ އަމިއްލަ ސަރަހައްދު ކަމަށް ބުނެދެވިދާނެއެވެ. ދަރިވަރަކަށް އެ ސަރަހައްދުން ބޭރަށް ދާންވާނަމަ، މުދައްރިސުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

2. އަމާން އޮމާން ދަތުރެއްކަން ކަށަވަރުކުރުން

އަލްފާ ކޮމާންޑްސް

އެއަރ ޓްރެފިކް ކޮންޓްރޯލަރުން ވާހަކަ ދައްކާނީ މަޑުމައިތިރި އަޑަކުންނެވެ. އެންމެ ހާސްކަންބޮޑު ވަގުތުތަކުގައިވެސް، އެމީހުން ޕައިލެޓަށް ބޭނުންވާ މައުލޫމާތު ސާފުކޮށް ބުނެދޭނެއެވެ. ޖަޖު ނުކުރާނެއެވެ. ހިތްވަރު އެލޭފަދަ ވާހަކައެއް ނުދައްކާނެއެވެ.

މުދައްރިސުންވެސް ދަރިވަރުންނަށް އިރުޝާދު ދެއްވާއިރު، އެ އިރުޝާދުތައް ވީހާވެސް ކުރުކޮށް ސާދާކޮށް (10 ލަފުޒު ނުވަތަ އެއަށްވުރެ މަދު) ވިދާޅުވާށެވެ. ދެމާނަ ދޭހަވާގޮތަށް ނުވިދާޅުވާށެވެ. ތަކުރާރު ނުކުރައްވާށެވެ. މިސާލަކަށް، "ވާހަކަ ހުއްޓާލާ" ބުނުމަށްވުރެ، "ފިލާވަޅުގެ މަސައްކަތް ފަށާ" ބުނުން މާ ބާރުގަދަވާނެއެވެ.

ދަތުރުގެ ޙާލަތްތައް ޗެކް ކުރައްވާށެވެ

އަމާން އޮމާން އުފާވެރި ދަތުރަކަށް ހެދުމަށް ޕައިލެޓު ބަލާ ކަންތައްތަކުގެ ތެރޭގައި، ފްލައިޓް ޕްލޭން ބެލުމާއި މައުލޫމާތު ތާޒާކުރުން ހިމެނެއެވެ. ހަމަ މިގޮތަށް، ދަރިވަރުންވެސް އެމީހުންގެ އުޅުން އަމިއްލައަށް ބެލުމަކީ އުނގެނުމުގެ ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފުސު ބެލެހެއްޓުމުގެ އުސޫލު

ނަފުސު އަމިއްލައަށް ވަޒަން ކުރުމަކީ، ދަރިވަރުންގެ ސުލޫކާއި އުނގެނުމުގެ ކުރިއެރުން ސާފުކޮށް އެނގޭނެ ގޮތެކެވެ. މިސާލަކަށް، ސްޕެލިންގ ޓެސްޓް ނުވަތަ މެތުސް ކުއިޒްތަކުގެ ނަތީޖާ އަމިއްލައަށް ގްރާފެއްގައި ފާހަގަކޮށް، ކުރިއެރުން ފެންނަގޮތަށް ހެދިދާނެއެވެ. މިއީ ދަރިވަރަށާއި، މުދައްރިސަށާއި، ބެލެނިވެރިންނަށްވެސް މުހިންމު މައުލޫމާތެކެވެ.

ފެންނަގޮތް ހެދުން (ވިޝުއަލް ޕްރޮމްޕްޓް)

ކުލާސްރޫމުގައި، ބައެއް ފަހަރު ދަރިވަރުންގެ މަސައްކަތުގެ މިސްރާބު ގެއްލޭގޮތްވެއެވެ. މި ކަމަށް ހެއްދެވިދާނެ އެއްގޮތަކީ، މުދައްރިސު ދަރިވަރުންގެ މަސައްކަތް ބައްލަވާ، ނިމޭ ހިސާބުގައި ރަތްކުލައިގެ ރޮގެއް ނުވަތަ ފާހަގައެއް ޖެއްސެވުމެވެ. އެއަށްފަހު، ދަރިވަރު އެ ފާހަގައަށްވުރެ ކުރިއަށް މަސައްކަތް ކުރުމަކީ އަމާޒެއްކަމަށް ވިދާޅުވެދެވިދާނެއެވެ. މިއީ ދަރިވަރަށް އިތުރަށް މަސައްކަތް ކުރެވުނު މިންވަރުގެ ހެއްކެއް ދޭ ކަމެކެވެ.

ކޮންޓްރޯލް ރޭޑިއޯ ކޮންޓެކްޓް

އެއަރ ޓްރެފިކް ކޮންޓްރޯލަރެއްގެ އިރުޝާދަށް ތަބާވުމަކީ ޕައިލެޓް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަކު، ކޮންމެ ފަސް މިނިޓަކުން ކޮންޓްރޯލަރ ގުޅާނަމަ، އެކަން ޕައިލެޓަށް ނުހަނު އުދަގޫވާނެއެވެ.

ކުލާހުގައި، ބައެއް ދަރިވަރުން މުދައްރިސު ގާތަށް އަންނަނީ އެމީހުން މަސައްކަތް ކުރަމުންދާގޮތް ކަމުދޭތޯ ޔަޤީންކޮށްލުމަށް ނުވަތަ ސަމާލުކަން ހޯދުމަށެވެ. ރަނގަޅު ރޭވުމެއްނެތި ހުރިހާ ދަރިވަރުންގެ ސުވާލުތަކަށް އިޖާބަދެއްވަން ފައްޓަވައިފިނަމަ، ކުލާހުގައި މާގިނަ މަސައްކަތްތަކެއް ނުކުރެއްވޭނެއެވެ.

"ވަކި ވަގުތެއް ވަންދެން ހިފެހެއްޓުމުގެ އުސޫލް" އަކީ މި ހާލަތު ރަނގަޅު ކުރެވިދާނެ ގޮތެކެވެ. މި އުސޫލުގައި، މުދައްރިސު ދަރިވަރުންގެ ސުވާލުތަކަށް އިޖާބަދެއްވާނީ ވަކި ވަގުތެއްގެ ތެރޭގައެވެ.

ދަރިވަރުން އަމިއްލައަށް މައްސަލަތައް ހައްލުކުރަން އެހީތެރިވެދިނުމަށް، "ރައްޓެހި ކުއްޖެއްގެ ގާތު އަހާށެވެ."، "ޑިކްޝަނަރީ އިން ހޯދާށެވެ." ފަދަ އިރުޝާދުތައް ލިސްޓެއްގައި ހިމަނާލެވިދާނެއެވެ.

3. ރައްކާތެރިކަމާއެކު ބޯޓު ޖެއްސުވުން

މަގު ސާފުވުމުން ބޯޓު ތިރިކުރުވުން

ރަންވޭގައި ޖައްސަން އަންނަ ބޯޓުތައް ވަކި ތަރުތީބަކުން ޖައްސަން އިހަށް މަޑުކުރުވުމަކީ ކާރޫބާރޫ ބޮޑު އެއަރޕޯޓުތަކުގައި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ގެންގުޅެންޖެހޭ އުސޫލެކެވެ.

ކުލާސް ފެށުމުގައްޔާއި، އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވާ ވަގުތުތަކުގައި، ވަކި ދަރިވަރަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ޖެހިލައްވަފާނެއެވެ. އެ ދަރިވަރު ރުޅިގަދަވަމުންދާނަމަ، ނުވަތަ އެހެން ދަރިވަރުންނަށް މާބޮޑަށް އުދަގޫކުރާނަމަ، އެކަހެރިކޮށްލުމަކީ ބޭނުންތެރި ކަމެކެވެ. އެކަމަކު، މުދައްރިސު އެކަމުގެ ތެރެއަށް ވަންނަވަންވާނީ އީޖާބީ ގޮތަކުންނެވެ.

އެންޓިސެޕްޓިކް ބައުންސިންގ (ދަރިވަރު ވަގުތީގޮތުން އެކަހެރިކޮށްލުން) އަކީ އެދެވޭ ނަތީޖާ ފެންނަ ކަމެކެވެ. އެއީ ރަންވޭގައި ޖައްސަން އަންނަ ބޯޓެއް ނުޖައްސާ އިހަށް މަޑުކޮށްލަން އެއަރ ޓްރެފިކް ކޮންޓްރޯލަރުން އަންގަންޖެހޭ ފަދަ ހާލަތެވެ.

ބޯޓުޖައްސަން ރަންވޭ ހެޔޮވަރުކުރުވުން

747 ގެ މަތިންދާ ބޯޓެއް ދުއްވަމުން އައި ޕައިލެޓެއްގެ ގާތު އާދައިގެ ޑޮމެސްޓިކް އެއަރޕޯޓެއްގެ ރަންވޭގައި ބޯޓު ޖައްސަން އެއަރ ޓްރެފިކް ކޮންޓްރޯލަރ އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް، އާދައިގެ ވަރަކަށް ސަކަރާތް ޖަހަން ތިބާ ދަރިވަރެއްގެ ހާލަތު ކުއްލިއަކަށް ބަދަލުވެދާނެކަމަށް އުއްމީދު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ދަރިވަރުންގެ ފަރާތުން މާމަތީ އުއްމީދުތައް ކުރެއްވުމަކީ ގިނަފަހަރަށް ނާކާމިޔާބާ ކުރިމަތިވެ، މައްސަލަތައް އާ އުސްމިނަކަށް ބަދަލުވެދާނެއެވެ. ދަރިވަރުންގެ ގޮތާއި ބާވަތަށް ބަލާފައި، އެކަށީގެންވާ މިންވަރުގެ ބަދަލެއް އުއްމީދުކުރުމަކީ ކިޔަވައިދިނުން ފަސޭހަވާނެ ކަމެކެވެ. އަދި ދަރިވަރުންނަށް ކާމިޔާބީއެއް ލިބޭނެ ފުރުސަތުވެސް ލިބިދެއެވެ.

ނިންމުން

ކޮންމެ ނަމޫނާއަކީވެސް އެއިން ލިބޭ އިބުރަތުގައި ވަކި މިންވަރެއްވާ އެއްޗެކެވެ. އެއަރ ޓްރެފިކް ކޮންޓްރޯލްގެ ނަމޫނާއަށް ބަލައިގެން ކުލާސްރޫމު ހިންގުން މިއީ ވަރަށް އެކަށީގެންވާ ނަމޫނާއެއް ކަމުގައި ދެކެމެވެ. ނުކުޅެދޭ އަދި ޖަޒުބާތީ މައްސަލަތައް ހުންނަ ދަރިވަރުންނަށާއި އެނޫން ދަރިވަރުންނަށްވެސް އެމީހުންގެ ނަފުސު އަމިއްލައަށް ބަލަހައްޓަން ހިތްވަރު ދެއްވާ މުދައްރިސުންނަށް މި ނަމޫނާއިން ގިނަ ފައިދާތަކެއް ލިބެއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރުން މަތިންދާ ބޯޓް ނުދުއްވައެވެ. އެކަމަކު ޕައިލެޓަށް މަގު ދައްކައެވެ. މުދައްރިސުންވެސް ދަރިވަރުންގެ އުޅުން ކޮންޓްރޯލެއް ނުކުރައްވައެވެ. އެކަމަކު ދަރިވަރުންގެ އުނގެނުމަށް މަގު ފަހިކޮށްދެއްވައެވެ. މި ނަމޫނާ، މުދައްރިސު ކުލާހުގައި ބޭނުން ކުރައްވައިފިނަމަ، އުނގަންނައިދެއްވުން ކާމިޔާބުވެފައި އުނގެނުމުގެ މާހައުލު ހިތްގައިމުވާނެއެވެ.

ރިފަރެންސް ލިސްޓް

ކުކް، އެމް.އެން. (2005). ދަ ޑިސްރަޕްޓިވް އޮރ އޭޑީއެޗްޑީ ޗައިލްޑް: ވަޓް ޓު ޑޫ ވެން ކިޑްސް ވިލް ނޮޓް ސިޓް ސްޓިލް އެންޑް ބީ ކްވައެޓް. ފޯކަސް އޮން އެކްސެޕްޝަނަލް ޗިލްޑްރެން، 37 (7)، 1-8.

އެލްބަރޓް، އެސް. އާރ.، އެނޑަރސަން، އެލް.އެލް.، އަދި މަރޓިން، ސީ.އެމް. (2005). ޓީޗިންގ އެލެމެންޓަރީ ސްޓޫޑެންޓްސް ވިތް ބިހޭވިއަރ ޑިސްއޯޑަރސް ޓު ރެކްރޫޓް ޕޮޒިޓިވް ޓީޗަރ އެޓެންޝަން: އިފެކްޓްސް އޮން މެތް ޕްރޮފިޝެންސީ. ޖަރނަލް އޮފް އަރލީ އެންޑް އިންޓެންސިވް ބިހޭވިއަރ އިންޓަރވެންޝަން، 2، 59-73.

ބޭކަން، އީ.އެޗް. (1990). ޔޫޒިންގ ނެގެޓިވް ކޮންސިކުއެންސެސް އެފެކްޓިވްލީ. އެކެޑެމިކް ތެރެޕީ، 25، 599-611.

ބަރބެޓަރ، ޕީ. އެމް.، ނޮރޮނާ، ކޭ.އެލް.، އަދި ބިޗަރޑް، ޑީ.އެފް. (2005). ކްލާސްރޫމް ބިހޭވިއަރ މެނެޖްމެންޓް: އަ ޑަޒަން ކޮމަން މިސްޓޭކްސް އެންޑް ވަޓް ޓް ޑޫ އިންސްޓެޑް. ޕްރިވެންޓިންގ ސްކޫލް ފެއިލުއަރ، 49 (3)، 11-19.

No comments:

Post a Comment