އެއްގޮތެއްގައި
ދެމިހުރުމަށްޓަކައި ލޯބި
ވަރަށްގިނަ
މީހުންނަށް އެމީހުންގެ ޚާއްސަ ފަންނުގައި ހުނަރާއި ތަޖުރިބާ ލިބިފައިވަނީ
އެކަމުގައި ދެމިތިބުމަށް، ލޯބިއަދާކުރި ދައުރުގެ ސަބަބުންނެވެ. އެއްގޮތެއްގައި،
ކަމެއްގައި މީހަކަށް ދެމިހުރެވޭނީ އެކަމެއްގައި ކުރަންޖެހޭ މަސައްކަތާއި
އެމީހެއްގެ ކެރިކުޅަދާނަކަމާއި ވަޒަން ހަމަވެގެންނެވެ. އެއްގޮތެއްގައި
ދެމިހުރެވުމަކީ، އެކަމެއްގައި ޙާޞިލުކުރަންޖެހޭ އެންމެމަތީ ނަތީޖާ ޙާޞިލުކުރުމަށް
ކުރާ މަސައްކަތާއި ދެވޭ ސަމާލުކަމުގެ އުފާވެރި ވަގުތުކޮޅެވެ. އެއީ، އުސް ފާރަކަށް
އެރިކަމުގައިވިޔަސް، ރާޒުވާކުޅުން ކަމުގައިވިޔަސް، ނެށުންކަމުގައިވިޔަސް،
ސަރޖަރީއެއް ހެދުން ކަމުގައިވިޔަސް، ބަސްދަސްކުރުން ކަމުގައިވިޔަސް، ކުލަޖެއްސުން
ކަމުގައިވިޔަސް، ނުވަތަ މިއުޒިކް ހެދުން ކަމުގައިވިޔަސްމެއެވެ.
އެއްގޮތެއްގައި
ދެމިހުރެވުމުގެ ބާރު (ފްލޯ) ލިބޭނީ އެމީހެއްގެ ހުނަރެއް އޭގެ އެންމެ މަތީ
ދަރަޖައަށް އެކަށީގެންވާ ގޮންޖެހުންތަކެއް ތެރޭގައި ކުރެވިގެންނެވެ. އެއީ މީހާގެ
ރޫޙު ދިރުވޭ މިންވަރެވެ. އެއީ ހުނަރު ކުރިއަރާ ހިސާބެވެ. އެމީހަކު ކުރާ
މަސައްކަތްތައް މާބޮޑަށް ދަށްނަމަ، ނުވަތަ ފަސޭހަނަމަ، ފޫހިވާނެއެވެ. މާބޮޑަށް
އުނދަގޫނަމަ، ހާސްކަމާއި ބިރު އުފައްދައެވެ. ކުރިން ބުނެވިދިޔަގޮތަށް، ކުރާ
މަސައްކަތާއި އެއްވަރު ގޮންޖެހުންތައް ހުރުމަކީ، މަސައްކަތުގައި ދެމިހުރުމުގެ
ސިއްރެވެ. އެހެންކަމުން، އޭގެ ސަބަބުން މީހާގެ ހުނަރު ތަރައްޤީވެދެއެވެ. އެ
ތަޖުރިބާގައި، އިންސާނާ ކޮންމެފަދަކަމެއް ޙާޞިލުކުރުމަށްވެސް މަސައްކަތް ކުރެއެވެ.
އެއީ، މެތްސްއަށް އާޓަށް، ޕްރޮގްރާމިންގއަށް ނުވަތަ ބޭސްވެރިކަމަށް
ކަމުގައިވިޔަސްމެއެވެ (ސިކްސްޒެންޓް
މިހަލްޔީ، 1990).
މީގެ
އިތުރަށް، މަލްޓިޕްލް އިންޓެލިޖެންސްގެ ބާނީ، ހަވާޑް
ގާޑްނަރ ބުނާގޮތުން ދަރިވަރުން ބިނާކުރުމުގައި
ނުވަތަ ދަރިން ބޮޑުކުރުމުގައި ލޯތްބާއި، އުފާވެރިކަމާއި މި ދެކަންތަކަކީ، އެންމެ
ރަނގަޅު ދެކަންތަކެވެ. ގާޑްނަރ ( ގޯލްމަންގެ ލިޔުމެއްގައި، 1999 ) ބުނެފައިވަނީ،
އެއްގޮތެއްގައި ދެމިހުރެވުމަކީ، ތިމާގެ ހިތަށާއި ސިކުނޑިއަށް ލިބޭ އިނާމެކެވެ.
ބިރެއް ނުވަތަ އަދަބު ނުވަތަ އިނާމެއް ލިބިދާނެ ކަމުގެ އުއްމީދުނުކުރާ ހާލުގައެވެ.
އަޅުގަނޑުމެން ކުރަންޖެހޭކަމަކީ، އުނގެނޭ
ދަރިވަރުންގެ އީޖާބީ މިޒާޖް ނުވަތަ ލޯބީގެ ބޭނުން ހިފުމެވެ. އަދި އޭގެ ޒަރީޢާއިން
އެދަރިވަރުން އެންމެ އުނގެނޭހިތްވާ ކަމެއް ނުވަތަ އެއްޗެއްގައި ކުރިއަށްދިޔުމަށް
މަގުފަހިކޮށްދޭންވީއެވެ. މީހުން ކުރަންޖެހޭކަމަކީ، އެބަޔަކު ކުރާހިތްވާކަމެއް
ނުވަތަ ހިތްގައިމުވާ އެއްޗެއް ހޯދަންވީމެވެ. އަދި އެކަމެއް ކުރަންވީއެވެ. ތުއްތު
ކުއްޖެއްވިޔަސް އޭނާ ލޯބިވާކަމެއްނަމަ އެކަމެއްކޮށް އެއިން އުފަލާއި
ހިތްހަމަޖެހުން ހޯދައެވެ. އުނގަންނައިދިނުމުގެ ލޯބި ބޮޑަށް ބާރުއަޅަނީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ކުޅަދާނަކަން ބޮޑަށް ހުރިކަންތައް
ފާހަގަކުރުމާއި އެއަށް ބިނާކޮށް އެމީހުންގެ ނަފުސުގެ އިތުބާރާއި ކަންތައްތަކާއިމެދު
ދެކޭގޮތް ބާރުގަދަކޮށް ޙަރަކާތްތެރި ދަރިވަރުންނަށް ހެދުމަށެވެ.
No comments:
Post a Comment