5/06/2015

އިއްތިހާދަށްވީގޮތް



މި ޙާދިސާ ހިނގިއިރެއް އެކަކަށްވެސް ނޭގެއެވެ.

ދުނިޔޭގައި ތިބި ނުލަފާ ޖަނަވާރުތައް އެކުވެރި ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފެނިގެން އެކަމަށްޓަކައި ބަޔަކު އިސްނަގައި މަސައްކަތް ތަކެއް ކޮށްފައިވެއެވެ. ސިންގާއާއި ޒިބުރާއާއި ކަހަނބުގެ ގަބީލާތަކުގެ އިސްވެރިން ބައްދަލުވުމެއް ބާއްވައި ތިން ޤަބީލާގެ މެދުގައި އަބަދުގެ އަބަދަށް މައްސަލައެއް ނުޖެހި އަމާންކަމާއި އެކީ ހަމައިސްކޮޅަށް ދެމިގެން ތިބެ ދިރިއުޅެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކޮށްފި އެވެ.

ބައްދަލުވުން ފެށުމުގެ ކުރިން އިސްވެރިން އެންމެ ފުރަތަމަވެސް ނަމޫނާއަކަށް އެކަކު އަނެކަކަށް ރަޙުމަތްތެރިކަން ޤާއިމު ކުރުމަށް ހުވާކޮށް ވަޢުދު ވެފައިވެއެވެ.


"އަހަރެމެން އެކަކު އަނެކަކު ރުޅި ނޭރުވުމުގެ ހެއްކެއްގެ ގޮތުން އަހަރެމެން ރުޅިއިސްވެ، އަނެކަކަކާ ދޭތެރޭ ހިތްކިލަބު ވެދާނެ ކަންތައް ކިޔަމާ ހިނގާ. އޭރުން އެއްވެސް ޙާލެއްގައި އަހަރެމެންގެ މެދުގައި ދެކޮޅުވެރިކަމެއް ނުފެންނާނެ."

ސިންގާގެ މި މަތިވެރި އަދި އާދަޔާއި ޚިލާފު މޮޅު ޚިޔާލަށް ދެންތިބި ދެބައިވެރިންވެސް ތަޢުރީފްކޮށް ތާއިދުކުރިއެވެ.

"ހަމަ އެންމެ ކަމަކާއި އަހަރެން ކަންބޮޑުވާނީ."
ކަހނބު ވާހަކަ ދެއްކިއެވެ. "އަހަރެން ބޭނުމެއްނޫން އަހަރެން ނުހުންނަ ތަންތާގައި އަހަރެންގެ ވާހަކަ އެހެންބަޔަކު ދައްކާ އުޅެން."

ޒިބްރާ ބުންޏެވެ. "އަހަރެންގެ ވާހަކަ އަހަރެން ނެތް ތަންތާގައި ދެއްކިޔަސް އަހަރެންގެ މައްސަލައެއްނެތް. އެކަމަކު މަގޭ ނިގުލުގެ މައްޗަށް އެއްވެސް މީހަކު ފައިން އަރައިގެން ނުވާނެ. "

"ތިއިން އެއްވެސް ކަމަކީ މަށަށް މައްސަލައެއް ނޫން" ސިންގާ ވާހަކަ ދެއްކިއެވެ." އެކަމަކު އަހަރެން ރުޅި އަންނާނީ އެއްވެސް މީހަކު އަހަރެންގެ މޫނަށް ބަލާއިރު އިޙުތިރާމު ނުކޮށްފިއްޔާ - އެހެނީ އަހަންނަކީ ޖަންގަލީގެ ރަސްގެފާނު" ސިންގާ ހަރުއަޑުން އިޢުލާންކުރި އެވެ.

ސުލްޙަ ގާއިމުކުރުމަށް އިސްނެގި މީހުންގެ ގޮތުން 3 މީހުންވެސް އެއްބަސްވީ، މި ދެކެވުނު ވާހަކަ ހަނދާން ބަހައްޓައި އެއްވެސް މީހަކު ދެރަވެދާނެ ކަމެއް ނުކުރުމަށެވެ. އަދި އެލީޑަރެއްގެ ޤަބީލާގެ އެހެނިހެން ޖަނަވާރުންނަށް މި ފިލާވަޅު ކިޔަވައިދޭންވެސް އެއްބަސްވި އެވެ. މި ހިސާބަށް ވާހަކަ ދިޔަތަނާ ކަހަނބު ކުޑަކަމެއް ދިމާވެގެން މަޖިލިހުން ނިކުމެގެންދާން ހުއްދައަށް އެދުނެވެ. ކަހަނބު ބޭރަށް ދިއުމުން ޒިބުރާގާތު ސިންގާ އެއްސެވެ.

 "އަހަރެން ހިތަށް އަރާ، ކަހަނބަށް އެނގޭނީ ކޮން އެއްޗެއް ބާއޭ، މިތާގައި އޭނާ ނެތިސް އޭނާގެ ވާހަކަ އަހަރެމެން ދެއްކިއްޔާމުން، ދޯ."

"އާނ. ޔަޤީނުންވެސް އެސޮރަކީ ވަރަށް ބަރުހެލި ސޮރެއް، ބުރަކަންމަތީގައި އެވާ ބަރު ތޮށި ގަނޑާހެނދި." ޒިބުރާ މަޖާވެލާފައި ބުންޏެވެ. ޙަޤީގަތުގައި ކަހަނބު މާ ދުރަކަށް ނުގޮސް އެމީހުން ދައްކާ ވާހަކަ އަޑުއަހަން ވިނަގަނޑު ތެރޭގައ ފިލާއޮތެވެ. ބޭރަށްގޮސް އެޖެހުނު ކަމެއް ނިންމާލާފައި އައިކަމަށް ހެދިގެން އައިސް ސިންގާގެ މޫނަށް ވަރަށް ހުތުރު ގޮތަކަށް ކަހަނބު ބަލާލައިފި އެވެ.

ސިންގާ ގާތަށް ވަރަށް ގަދައަށް ރުޅި އައިސް ކަހަނބަށް ހަމަލާދީ ތޮޅެންފެށި އެވެ. ދެމީހުންގެ ތަޅާފޮޅުމުގެ ތެރޭގައި ސިންގާގެ ފައި ޒިބްރާގެ ނިގުލަށްއެރި ޒިބްރާ ސިންގާއަށް ހަމަލާދީފި އެވެ. މިހާ ހިސާބަށް ދިޔަތަނާ ޖަންގަލީގެ އެހެނިހެން ޒިބްރާތަކާއި ކަހަނބުތަކާއި ސިންގާތައް އެމީހުންގެ އިސްވެރިން މިކުރާ ކަމެއް ބަލަން އައިސް ޖަމާވެއްޖެ އެވެ. ބުއްދިވެރި ބަކަމޫނު މިބައިމީހުންގެ ގޯސް އަޚުލާޤާއި މެދު ހިތާމަކޮށް އެމީހުންނަކީ ޙަޤީޤީ ލީޑަރުން ނޫންކަމަށް ނިންމިއެވެ. މައްސަލައެއް ދިމާވެއްޖެއްޔާ އަމަލުކުރާނޭ ކަމަށް އެއްބަސް ހުވަޔާއި ވަޢުދު ބާޠިލުވެއްޖެ އެވެ. ތިން ޖަމާޢަތުގެ މީހުންވެސް ތަޅާފޮޅުމުގެ ތެރެއަށްވަދެ ވަރުގަދައަށް  ހަނގުރާމަ ފަށައިފިއެވެ.

"ކަލޭމެން ތިތިބީ ހިތްހަމަޖެހި، ފަޚުރުވެރިވެފައިތަ؟"  ބުއްދިވެރި ބަކަމޫނު އަހާލިއެވެ. "ހުރިހާ ޖަނަވާރުން އެއްކޮށްލައިގެން ތިކުރިކަމެއް ނިކަން ދެކިބަލަ." ރުޅިއައިސް ރަތަށްއަރާފައިވާ ބަކަމޫނު ބުންޏެވެ.

ތިން ލީޑަރުން އިސްއުފުލާ ބަލާލިއެވެ. ކަނައަތްފަރާތުންނާއި ވައަތް ފަރާތުން އެމީހުންނަށް ފެނުނީ ބިރުވެރި ކަމެވެ. އެއީ ލީޑަރުންނާއި ހެދި ދިމާވި ބިރުވެރިކަމެވެ. ތިންލީޑަރުން އެކަކު އަނެކަކަށް ލަދުވެތިކަމާއެކު ބަލާލިއެވެ


No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...