5/06/2015

އިސްލާމީ ތަޢުލީމް އެދެވޭ ގޮތުގައި ދިނުމުގެ ތަސައްވުރެއް


  
އިސްލާމީ މުޖުތަމައެއްގެ ބިންގާއެޅިފައި އޮންނަންވާނީ އަޤީދާއި  ރީތި އަޚުލާޤުގެ މަތިވެރި އަސާސްތަކުގެ މައްޗަށެވެ. މި ދެބައިގެ ގުޅުމުގެ މެދުގައި އުފެދޭ އަޑު ތަކާއި އަމަލު ތަކުގެ ނަތީޖާ އަކީ އިސްލާމީ ދިރިއުޅުމުގެ ހިތެވެ. މުސްލިމަކަށް ވުމަށްޓަކައި ތިމާގެ އަޤީދާ ، ތިމާ ކުރާ އަމަލު ތަކުންނާއި އެހެން މީހުންނާއި އެކީ އޮންނަ ގުޅުމުގެ ތެރެއިން ، ފެންނަން ވާނެއެވެ. އަހަރެމެންގެ އަތުގައި ކީރިތި ގުރުއާނުގެ މަތިވެރި އެންގެވުން ތަކާއި މާތް ރަސޫލާގެ ސުންނަތް އެބައޮތެވެ. މިއަދު އަހެރެމެންގެތެރޭގައި ބައިވަރު މިސްކިތް ތަކާއި އިސްލާމީ މަދުރަސާ ތަކާއިޖަމާއަތްތައް އެބަހުއްޓެވެ.


އެހެންނަމަވެސް  އަހަރެމެންގެ ދިރި އުޅުމުގައި، ޢަޤީދާގައި ހިމެނޭ މަތިވެރި ގޮތްތަކާއި ޢުޞޫލުތައް ނުފެނެ އެވެ. މިހެންމިވަނީ ކީއްވެ ބާވައެވެ. ވޭތުވި ޤަރުނުތަކުގައި އިސްލާމީ ތަޢުލީމު ދިނުމުގައި ބޮޑަށް އަމަލު ކުރެވިފައިވަނީ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ދިނުމަށެވެ. ތަޖުރިބާތަކެއް  ޙާޞިލު ކުރުމުގެ ފުރުޞަތު ނުދެވެއެވެ. މިއަދުގެ ގިނަ ކުދިންނަށް އިސްލާމް މި މާއްދާ އަކީ ހިތްހަމަ ޖެހުމެއް ލިބޭ އެއްޗެއް ނޫނެވެ.  އެކުދިން އިސްލާމް މާނަކުރަނީ މާނައެއްނެތް އެކުދިންގެ ޙަޤީޤީ ދިރިއުޅުމާއި ތަޖުރިބާތަކާއި ގުޅުމެއްނެތް އެއްޗަކަށެވެ. މިކަމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ދީންތަކުގައިވެސް މިކަން ވަމުންދާގޮތެވެ. އިސްލާމީ ތަޢުލީމު ބާރުއަޅަނީ އެކުދިންގެ ނަފުސާއި ޝަޙުޞިއްޔަތުގެ ކުރިއެރުމަށެވެ. އެކުދިންގެ ޙަޤީޤީ ބޭނުންތަކާއި ކަންބޮޑުވާ ކަންތައްތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއް  ދިނުމާއި އެކުގައެވެ. ހަމަ އެހެންމެ ދަރިވަރުންގެ ވިސްނުމުގެ ހުނަރާއި މައްސަލަތައް ޙައްލު ކުރުމުގެ ޤާބިލްކަން އިތުރުކޮށް ކާމިޔާބު މުސްލިމެއްގެ ގޮތުގައި ޖަމާޢަތުގައި އުޅެވުމުގެ ޤާބިލްކަން ހޯދައިދިނުމަށެވެ.

އިސްލާމީ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަން ބޭނުން ކަމުގައި ވާނަމަ، މުސްލިމު މުދައްރިސުންނަށާއި ބެލެނިވެރިންނަށް، ކުޑަކުދިން އުނގެނި ދަސްކުރަނީ ކިހިނެއްކަމާއި ހެދިބޮޑުވާ ގޮތުގެ މަޢުލޫމާތު ވަރަށް ރަނގަޅަށް އެނގެން ޖެހެއެވެ. ހަމަ އެހެންމެ އަޚުލާޤީ ތަރުބިއްޔަތުގެ މަރުޙަލާތަކާއި ކިޔަވައި ދިނުމުގެ ހުނަރުތައް ވަރަށް ރަނގަޅަށް އެނގެންޖެހެ އެވެ. އަހަރެމެން ކުދިންގެ ގާތުގައި އަޚުލާޤީ ގޮތުން ރަނގަޅު ކުއްޖަކަށް ވާށޭ ހަމައެކަނި ބުންޏަކަސް އެހެން އެކަމެއް ނުވާނެއެވެ. އެކުދިން އޚުލާޤީގޮތުން ރަނގަޅު މުވާޠިނަކަށްވާނީ އެކުދިންގެ ސިކުނޑި އާއި ހިތުގައި އަޚުލާޤީ ސިފަތައް މުޑުވައްކޮށް ހައްދައިގެންނެވެ. އަދި އެސިފަތައް އަމަލީގޮތުން ބޭނުންކުރާނެގޮތް ރާވައި ހާނުވައި ދީގެންނެވެ.

ދިމާވާގޮންޖެހުންތައް

މާއްދިއްޔަތަށް އިންސާނާ ލެންބުމަށްހުރި ބާރުގަދަ ނުފޫޒުތަކުގެ ސަބަބުން ވަކި ފަރުދުންނަށް އެމީހުންގެ ޤަބޫލުކުރާ ޢުޞޫލުތަކާއި އެއްގޮތަށް އުޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ކުރިމަގު ބިނާވުން  އޮތީ މިއަދުގެ ދަރިންނަށް އަޅުގަނޑުމެންދޭ ތަޢުލީމުތަކާއި ތަރުބިއްޔަތެއްގެ ހަރުދަނާ ކަމެއްގެ މައްޗަށާއި ދުނިޔޭގައި އިންސާނާ ދިރިއުޅުމަށް ލެއްވި މަޤުޞަދު، ދަރިވަރުން ޙާޞިލުކުރާ ތަޢުލީމެއްގެ ސަބަބުން، ތަޞައްވަރު ވެގެންދާ ގޮތެއްގެ މައްޗަށެވެ. މިއަދު އަޅުގަނޑުމެން އަތުން ގެއްލިގެން ދިއުމުގެ ބިރު ހީވެފައިވާ ކަންކަމަކީ އަޅުގަނޑުމެންގެ ކުދިންގެ އަޚުލާޤީ އަދި ރޫޙާނީ ރައްކާތެރިކަމެވެ.

އިސްލާމީ އަޚުލާޤީ ނިޒާމް ރަނގަޅަށް އެނގިގެން ނޫނީ އިސްލާމީ ތަރުބިއްޔަތުގެ މަޤުޞަދު ޙާޞިލުކުރެވިދާނެ ކަމުގެ އުއްމީދު ވަރަށް ކުޑައެވެ. މި މަޤުޞަދު ކުރިއަށްނެރެ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދިނުމުގެ މުހިއްމު ދައުރު އަދާކުރަންޖެހޭ އެއްބަޔަކީ އިސްލާމީ މަދުރަސާތަކެވެ. މި ތަންތަނުން ރޭވޭ ޕްރޮގްރާމްތަކުގެ ޛަރީއާއިން އިސްލާމީ ތަރުބިއްޔަތެއް ދިނުމުގައި ޢާޢިލާގެ ޒިންމާއާއި މަސްޢޫލިއްޔަތު އަންގާ ދިނުމެވެ. އަދި އެކަމުގެ ހޭލުންތެރިކަން ދަރިވަރުންގެ މެދުގައި ފެތުރުމެވެ.

ކޮންމެއަކަސް އުއްމީދު އާލާވަނީ، ތެދުމަގު ލިބިފައިވާ މުސްލިމުން ތަކެއް މުސްލިމު އުއްމަތަށް މިއަދު ދިމާވެފައިވާ މައްސަލަތަކުގެ ޙައްލަކީ ކޮބައިތޯ ބަލައި ޙައްލުހޯދަން މަސައްކަތް ކުރަމުން ދާތީއެވެ. އެންމެ ޚާއްޞަކަމަކީ އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމްދީން ކިޔަވާދެނީ ކިހިނެއްކަން ދިރާސާ ކުރަމުންދާއިރު މިލިޔުމުގެ ޒަރީއާއިން އަޅުގަނޑުވެސް މި ގޮވާލަނީ، އަޅުގަނޑުމެންގެ އިސްލާމިކް ސްޓަޑީޒްގެ އާމުޤައްރަށް ކިޔަވާދޭއިރު މިކަން ވިސްނުމުގައި ބެހެއްޓެވުމަށެވެ. ކިޔަވާދޭނީ ކޮންއެއްޗެއްކަމާއި ކިޔަވާދޭނީ ކިހިނެއްކަން ރަނގަޅަށް ދެނެގަތުމެވެ. މިކަމަކީ އަޅުގަނޑުމެންގެ ޅަދަރިން 21 ވަނަ ގަރުނުގެ މުސްލިމުންގެ ގޮތުގައި ސަލާމަތްތެރިކަމާއި އެކީ ދިރިއުޅުމަށް ބޭނުންނަމަ ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެކެވެ. އިސްލާމީ ތަރުބިއްޔަތެއް ދީގެން އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ އެބައެއް ދިރިއުޅޭ މުޖުތަމަޢުގައި  ހުރި މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަންހުރި ޒުވާނުންތަކެކެވެ. އަދި މިއީ ޤަބޫލުކުރެވޭ ގޮތުގައި  އިސްލާމްދީނުގެ ދަޢުވަތު ބިމަށް ފަތުރާލެވޭނެ އެންމެމޮޅު އެއްގޮތެވެ.

މިއީ ޙަޤީޤަތުގައި އާ ގޮވާލުމެއްނޫނެވެ. އެކަމަކު މިއީ އެގޮވާލުން އަލުން އާކުރަނީއެވެ. ކީރިތި ރަސޫލާގެ ދުވަސްވަރު އިސްލާމީ ތަރުބިއްޔަތު ވެފައިއޮތީ ޢަމަލީ އަދި އެވަގުތުގެ ޙާލަތަކަށް ބޭނުންޖެހިފައިވާ އެއްޗަކަށެވެ. އެދުވަސްވަރުގެ މުސްލިމު މުޖުތަމަޢުގެ މައްސަލަތައް ޙައްލުކޮށްދެވޭފަދަ ނަމޫނާ (މޮޑެލް) އަކަށެވެ. އިސްލާމީ ތަރުބިއްޔަތުގެ އަސްލު ގުޅިފައިވަނީ ޢަޤީދާއާއި ތަފްސީރާއި ފިޤުހުފަދަ އަސާސްތަކާއި ކަމުގައި ވިޔަސް ތަރުބިއްޔަތު ކުރުމުގެ މަރުޙަލާތަކުގައި އެތަކެތި ގުޅުވެންވާނީ ދަރިވަރުންގެ ޠަބީޢީ ކަންބޮޑުވުންތަކާއި ދަރިވަރުން ދިރިއުޅޭ ދުނިޔޭގެ މައްސަލަތަކަށެވެ. މިއީ ޒަމާނީ އިސްލާމީ ތަރުބިއްޔަތު ދޭ މުދައްރިސުންނަށް އޮތް ގޮން ޖެހުމެކެވެ.

އިސްލާމީ ތަރުބިއްޔަތުގެ ތަޞައްވުރު

ކުރީގައިވެސް ދެންނެވިފައިވާނެ ފަދައިން ވޭތުވެދިޔަ ދިގު މާޒީގައި މުސްލިމު މުދައްރިސުން ބާރު އަޅުއްވަމުން ގެންދެވި އިސްލާމްދީނާއި ގުޅޭ މަޢުލޫމާތު ނުވަތަ ފެކްޓްސް ކިޔައިދިނުމަށެވެ. މިކަމަކީ ވަރަށްވެސް ފަސޭހައިން ކުރެވިދާނެ ކަމަކަށް ވިޔަސް އެއީ އެހައި ބޭނުންތެރި ކަމެއްނޫނެވެ. "މުސްލިމަކަށްވުމުގެ މައްޗަށް" ދަރިވަރުންނަށް އުގަންނައިދޭނެ ސިސްޓަމެޓިކް ޕްރޮގްރާމެއް އަޅުގަނޑުމެންނަށް އެކުލަވާ ލެވިފައިނެތެވެ. އަދި އެކަމަށްހުރި ގޮންޖެހުންތަކާއި ކުރިމަތިލެވިފައިވެސް ނެތްމެވެ. މިކަންކުރާނަމަ ދަރިވަރުންގެ ޠަބީޢަތާއި އިސްލާމް މިބަހުގެ މަފްޙޫމް ވަރަށް ރަނގަޅަށް އެނގެންޖެހެއެވެ. އިސްލާމީ ތަރުބިއްޔަތުގެ މާނައަކީ ދަރިވަރުންގެ ސިނކުޑިއަށް މަޢުލޫމާތުތަކެއް އަޅައި ފުރާލުމެއްނޫނެވެ. އެކަމަކު އެއީ މުސްލިމަކަށްވުމަށް ދަސްކޮށްދިނުމެވެ.

އިސްލާމީ ތަރުބިއްޔަތުގެ އެންމެ މުޙިންމު ކަމަށް ވާންޖެހޭނީ އިސްލާމީ މަތިވެރި އަގުތައް ކިޔަވައިދިނުމެވެ. އަދި ތިމާއަކީ ކާކުކަން ދެނެގަތުމާއި އެކަމާއި ގުޅޭ ކަންތައްތައް ކިޔަވައިދިނުމެވެ. އަދި ނަފުސުގެ އަގު ދަނެގަތުމާއި ނަފުސަށް އިތުބާރު ކުރުވުމެވެ. މީގެ އިތުރުން ދަރިވަރުގެ ހިތުގައި އުފެދޭ ކަންބޮޑުވުންތަކާއި ޝައްކު އުފެދޭ ކަންތައްތަކަށް ޖަވާބުދެވެން ވާނެއެވެ. އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން އިސްނެގުމާއި ލީޑަރޝިޕް އުގަންނައިދެވެން ވާނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތުގެ ފުރިހަމަ މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި އެކަމުގެ ތެރޭގައި ބެލެނިވެރިންގެ ޢަމަލީ ބައިވެރިވުން ހިމެނެންވާނެ އެވެ.

އަޅުގަނޑުމެންގެ މަންޙަޖު އަލުން އެކްލަވާލެވޭއިރު އަދި އަޅުގަނޑުމެންގެ ދިރާސީ ޕްރޮގްރާމް އެކުލަވާލެވޭއިރު، ފަހުގެ ތަޢުލީމީ ދިރާސާތަކާއި ހޯދުންތަކުގެ ފައިދާ ނެގުމުގައި ފަސްޖެހިގެން ނުވާނެއެވެ. ދިރާސާތައް ބުނެދޭގޮތުން ކިޔަވައިދިނުމަށާއި ދަސްކުރުމުން އެދެވޭ ނަތީޖާއެއް ނެރުމަށްޓަކައި އެތައް ބައިވަރު ބަހާތަކެއް ވެއެވެ. އޭގެތެރޭގައި ދަސްކޮށްދޭ އެއްޗަކީ ބޭނުންތެރި މާނައެއް ދޭހަވާ އެއްޗަކަށް ވުމާއި ދިރިއުޅުމާއި ގުޅުންހުރި އެއްޗަކަށް ވުމާއި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ އެއްއްޗަކަށް ވުމާއި ޢަމަލީ ގޮތުން ބައިވެރިވެގެން ދަސްކުރެވޭނެ އެއްޗަކަށްވުން ހިމެނެއެވެ. މި ކަންތައްތަކަކީ އިސްލާމްދީން އުގަންނައި ދިނުމުގައިވެސް ބޭނުންކުރެވެން ޖެހޭނެ ކަންތައްތަކެވެ. އެދެވޭގޮތުގައި އުގަންނައި ދިނުމަށްޓަކައި މިކަންތައްތަކުގެ މުހިންމުކަން މުސްލިމު މުދައްރިސުން ދެނެގަތުމަކީ ލާޒިމުކަމެކެވެ. ކުރިމަގަށް ކުރެވޭ އުއްމީދަކީ މިކަންތައްތަކަށް ބާރުއަޅާ މަންހަޖަކަށް އާމަންހަޖު ވުމެވެ. އަދި އުގަންނައި ދިނުން ވަޒަންކުރާ ފަރާތްތަކުން މި ކަންތައްތަކަށް ރިޢާޔަތް ކުރައްވައިގެން ވަޒަން ކުރައްވާނެ ކަމަށެވެ


No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...