5/06/2015

އަންހެނުންގެ ދުވަސް ފާހަނގަކުރުން




1900 ގެ އަހަރުތަކުގެ ތެރޭގައި، އަންހެނުންތަކެއް އެމީހުންނަށް ލިބޭ އަނިޔާތަކާއި ބޭއިންސާފާއި އަދި
ގަދަކަމުން ޢިއްފަތްތެރިކަން ނެގެމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަންފެށި އެވެ. މީގެ އިތުރަށް އަންހެނުންނަކީ ޢާއިލީ މުދާގަނޑެއްކަމުގައި ބެލެވޭތީ އެކަމާއި ދެކޮޅަށްވެސް އަންހެނުން ދިޔައީ އަޑުއުފުލަމުންނެވެ.



މިދެންނެވި ދުވަސްވަރަކީ އަންހެންކުދީން އެމީހުންގެ ޅައުމުރުގައި ދިރިއުޅުމަށް މަސައްކަތްކުރަންޖެހިފައިވާ ދުވަސްވަރެވެ. އަންހެނުންނާއިމެދު އެދުވަސްވަރު ބެލެވެމުންދިޔައީ މަސައްކަތު އަޅުންގެ ގޮތުގައެވެ. އޭރުއްސުރެ، ކޮންމެވެސް އެއްސިފައެއްގައި، ދުނިޔޭގައި އަންހެނުންގެ ޙައްޤުތައް ހޯދުމަށް ވަކާލާތުކުރެވެމުން ދިޔައެވެ. ދުވަސްވަރަކީ ދުނިޔޭގެ އާބާދީ އެތައްތަނަކަން އިތުރުވެ، ހުޅަނގުގެ މަސައްކަތެރި ގައުމުތަކުގައި ހަމަނުޖެހުން އުފެދި ހަރުކަށި ޚިޔާލުތައް ހިފެހެއްޓުމެއްނެތި ފާޅުކުރެވެންފެށުނު ހިސާބެވެ.

1908 ގައި އަންހެނުންނަށް ލިބެމުންދިޔަ ދުއްތުރާތަކާއި ނޭއްގާނި އަނިޔާތަކުގެ ސަބަބުން ވަރުގަދަ ހަމަނުޖެހުންތަކާއި އެކު ބަޙުޘުތަކެއް ފެށުނެވެ. މި ދުވަސްވަރު އަންހެނުން ހިންގި ފާހަނގަކޮށްލެވޭ އެއްހަރަކާތަކީ، ނިއުޔޯކް ސިޓީގެ މަގުތައްމަތީ ބޭއްވި ހިނގާލުމެވެ.  އަންހެނުން ވަކާލާތުކުރަމުން ދިޔައީ ވޯޓުދިނުމުގެ ލިބިހަތުމަށާއި ކުރުވާ މަސައްކަތަށް، ތަފާތުކުރުމެއްނެތި ޙައްގު އުޖޫރަ ދިނުމަށެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ ސަރުކާރުން ނިންމީ 28 ފެބްރުއަރީ 1909 ދުވަސް،ޤައުމި އނަްހެނުންގެ ދުވަހުގެ ގޮތުގައި ފާހަނގފަކުރުމަށެވެ.

1910 ގައި ޑެންމަރކްގެ ކޯޕަންހޭގަންގައި ފާސްކުރި ގަރާރަކުން ، މުޅިދދުނިޔޭގައި ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަނގަކުރަން ނިންމި އެވެ. އެންމެ ފުރަތަމަ މި ދުވަސް ފާހަނގަކުރަން ނިންމި ޤައުމުތަކަކީ: އޮސްޓްރިއާ ، ޑެންމަރަކް ، ޖަރުމަނުވިލާތް ، ސުވިޒަރލޭންޑް މި ގައުމުތަކެވެ. އެއީ 19 މާރޗް 1911 އެވެ. އެދުވަހުގެ ހިނގާލުންތަކުގައިވެސް އަންހެނުން ގޮވަމުންދިޔައީ، މަސައްކަތްކުރުމުގެ ޙައްޤު ހޯދުމަށާއި ވޯޓް ދިނުމުގެ ޙައްޤު ލިބިގަތުމަށެވެ. އަދި މަތީ މަގާމުތަކަށް އަންހެނުން ދިއުމަށް ހުރަސްނޭޅުމަށެވެ.

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ޖޯޖިއަން ކަލަންޑަރުން މާރްޗް 8 އަދި ޖޫލިއަން ކަލަންޑަރުން 23 ފެބްރުއަރީ ދިމާވާގޮތަށް ހަމަޖެހުނީ ، އެދުވަހު، ރަޝިޔާގެ އަންހެނުންތަކެއް ބްރެޑް އެންޑް ޕީސް މި ނަމުގައި ފެށްޓި ހަޅުތާލަކާއި ގުޅިގެންނެވެ. އެ ބޮޑު ހަޅުތާލާއި ގުޅިގެން ރަޝިޔާގެ ރައްޔިތުންނަށް ވޯޓް ދިނުމުގެ ޙައްޤު ދިންކަން ފާހަނގަކުރެވެ އެވެ.

ކޮންމެއަކަސް، އަންހެނުންގެ ޙައްޤުތައް ހޯދުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ނަތީޖާ ރަނގަޅުތޯ ނުވަތަ ނޫންތޯ ވަޒަންކުރުމަކީ ކުރަންވެފައިވާ ކަމެކެވެ. ދުނިޔޭގެ ފެންވަރުގައެވެ. ރާއްޖޭގައިވެސް މެއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުން އެދެވޭ ނަތީޖާ އެއް ނުފެންނަކަމަށް ހިއުމަންކަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ފާހަނގަކޮށްފައިވެ އެވެ.

މުޅި ދުނިޔެއަށް ނަޒަރު ހިންގާއިރު ޔަގީންވާކަމަކީ، އާސައްތައިގައި، އަންހެން އެސްޓްރޮނޯޓުންނާއި ބޮޑުވަޒީރުންނާއި ، ރައީސުން ތިބިކަމެވެ.

ދިވެހި ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި އެންމެ ފުރަތަމަ އަންހެނުންގެ ދުވަހެއް ފާހަނގަކުރެވުނީ 1983 ވަނައަރުއެވެ. މިއަދު،  ޕަރލަމެންޓް މެމްބަރުންގެ ގޮތުގައި، ސިޔާސީ މައިދާނުގައި އަންހެނުން ޙަރަކާތްތެރިވާންފަށައިފިކަމެވެ. ސިޔާސީ ، އަދި އިޖުތިމާއީ ބޮޑެތި ރެލީތަކުގެ ކުރީސަފު ފަޅުފިލުވަނީ އަންހެނުންކަމެވެ. އޮފިސްތަކުގެ ވެރިންގެ ގޮތުގައި ގާބިލު އަންހެނުންތައް އެބަތިއްބެވެ. އާއިލާތަކާއި މުޖުތަމަޢު އިން އަންހެނުން އެއީ މުދާގަނޑެއްގެ ގޮތުގައި ،ހަމަ ޔަގީނުންވެސް ދިވެހިރާއްޖޭގައި،  މިއަދަކު ނުދެކެއެވެ. ދީނީ ތަޢުލީމް ބޭނުންވަރަކަށް ހޯދުމުގެ ފުރުޞަތާއި ބުރުގާ އެޅުމުގެ ޙައްޤު ފަދަ ކުރިން ނުލިބި ހުރި ޙައްޤުތައް (ސަރުކާރުތަކުން ނުދީހުރި) ލިބިއްޖެ އެވެ. ދިވެހި މުޖުތަމަޢުގައި އަންހެނުންނަކީ ، ޢާންމުގޮތެއްގައި ،  އިޙުތިރާމަކާއި ލޯބި ލިބިފައިވާ ބައެކވެ. ކަންބޮޑުވުން ހުރީ ކޮންކަމެއްގައިހެއްޔެވެ؟ ކަންބޮޑުވުންހުރީ :

އަންހެނުންނަށް ކުރެވޭ ގެވެށި އަނިޔާތައް ނުހުއްޓޭތީ އެވެ.  

ރާއްޖޭގައި ނިކަމެތިންނަށާއި، ކުޑަކުދިންނަށާއި، އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު، އެއަނިޔާތައް ލިބުމަށް މެދުވެރިވާ ސަބަބަކީ ކޮބައިތޯ ބަލައި، އެކަންކަން ޙައްލުކުރުމަށް އަޅަންހުރި ފިޔަވަޅުތައް އަޅަމުން ގެންދަންޖެހޭނެ. އެކަމުގައި އެއްވެސް ފަރާތަކުން އިހުމާލުވެގެން ނުވާނެ. އެހެންކަމުން، ރާއްޖޭގައި ކުޑަކުދިންނަށާއި، ނިކަމެތިންނަށާއި، އަންހެނުންނަށް އެކި އަނިޔާތައް ލިބެމުންދާއިރު، ދައުލަތުގެ ފަރާތުން އެމީހުން ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެ ވާހަކަ އަޅުގަނޑު މިއަދު ދަންނަވަން (ޑރ. މުޙައްމަދު ވަހީދު ، 2013، ޞ. 1). 
އަންހެނުންނަށް ވަޒީފާގެ މާހައުލުގައި އަރާމެއްނެތި ގިނައިރު މަސައްކަތްކުރަން ޖެހިފައިވާތީއެވެ.
 ވަކިން ޚާއްޞަކޮށް ތައުލީމީ ދާއިރާގަ އެވެ. ހަފުތާއަކު 35 ގަޑިއަށްވުރެ މާގިަނއިންމަސައްކަތްކުރަން ޖެހޭތީ އެވެ. އެކަމުގެ ސަބަބުން ނިކުންނަ އިޖުތިމާޢީ އަދި ޢާއިލީ މައްސަލަ ގިނަވަމުން ދާތީ އެވެ. ބުރަކޮށް މަސައްކަތްކުރަންޖެހުމުން މަސައްކަތުގެ ފެންވަރު ދަށްވވާތީ އެވެ.

ހިތާމައަކީ އަންހެނުންގެ ޙައޤުތަކަށް ކުރިއެރުން ނައަންނާތީ އެވެ. 
މިކަމަށް ދިވެހިރާއްޖޭގެ ޙައްޤުތަކާއިބެހޭ އޮފީހުން އެއްބަސްވެފައިވެ އެވެ.

ހޮސްޕިޓަލްތަކުގައި އަންހެނުންނަށް ފަރުވާދޭ ޚާއްޞަ ޑޮކްޓަރުން ނުތިބޭތީ އެވެ.


މިއީ ހައްތާވެސް ހޯދަންޖެހިފައިވާ ޙައްޤުތަކެވެ.

މިއަދު ... ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ރަސްމީކޮށް ފާހަނގުރެވެމުން އެބަދެ އެވެ. ފިރިހެނުން އެމީހުންގެ މައިންނަށާއި އަނބީންނަށް އަދި އަންހެން ރަށްޓެހީންނަށް ދުވަހުގެ ތަހުނިޔާއާއި ހަދިޔާތައް ފޮނުވަމުން އެބަދެ އެވެ. ދިވެހި ރާއްޖޭގައިވެސް މިދުވަސް ފާހަނގަކުރުވެމުން އެބަދެ އެވެ. ބައެއް ގައުމުތަކުގައި މިއަދަކީ މަންމަމެންގެ ދުވަސްގޮތަށް ފާހަނގަކުރާ ދުވަހެކެވެ. އެހެންކަމުން ކުޑަކުދިން މަންމަމެންނާއި މާމަމެންނަށް މަލާއި ހަދިޔާ ދީ ހަދައެވެ. ބައެއް ގައުމުތަކުގައި މިއަދަކީ ގައުމީ ބަންދު ދުވަހެކެވެ. އެފަދަ ގައުމުތަކުގައި މަގުމަތީ ރެލީ ތަކުގައި ސަރުކާރަށް އަޑުއިއްވަމުންދަނީ ނުލިބި ހުރި ހައްގުތަކުގެ ވާހަކަ އެވެ.
2015 ވަނައަހަރުގެ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މަފުހޫމަކީ އަންހެނުން ބާރުވެރިކުރުވުމަކީ މުޅި އިންސާނިއްޔަތު ބާރުވެރިކުރުވުމާއި އަދި އޭގެ ތަޞައްވުރެވެ.


އަންހެނުންގެ ދުވަސް ފާހަނގަކުރުމުގައި ޢާންމުކޮށް ބޭނުންކުރާ ކުލައަކީ ޕަރޕްލް (ދަނބު) ކުލަ އެވެ. އިގިރޭސިވިލާތުގައި ބެނުންކުރަނީ  ފެހި ކުލައާއި ހުދު ކުލައާއި އެކު ޕަރޕްލް ކުލަ އެވެ. ޕަރޕްލް ކުލައިން ރަމްޒުކޮށްދެނީ އިންސާފާއި ގަދަރުވެރިކަމެެވެ. ހުދުކުލައާއި ފެހިކުލަ ރަމްޒުކޮށްދެނީ އަންހެނުންގެ ޙައްޤުތައް ހޯދުމަށް ހަޅުތާލުކުރި އިގިރޭސި ވިލާތުގެ ޖަމުޢިއްޔާގެ މެމްބަރުންނަށެވެ.




No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...