5/09/2015

މަންމަމެންގެ ދުވަސް ފާހަނގަކުރުން : ކިހިނެއް ފެށިގެން އައިކަމެއްތޯ ؟

އަޅުގަނޑުމެންކުރެ ކޮންމެމީހަކަށްވެސް، މަންމަގެދުވަސް، އެއީ، ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ދުވަހަށް އަޅުގަނޑުމެން އިންތިޒާމްކުރަމު އެވެ. އެއީ ލޮބުވެތި މަންމަމެންނަކީ ކިހާ ޚާއްޞަބައެއްކަން މަންމަމެންނަށް އަނގާދިނުމަށެވެ. އެހެންކަމުން މަންމަމެންގެ ދުވަސް ، އެއީ ކިހިނެއް ފެށިގެން އައިދުވަހެއްތޯ އެނގުމަކީ މުހިންމުކަމެއްކަމުގައި ދެކި، މަންމަމެންގެ ދުވަހުގެ ތާރީޚުގެ ޞަފުޙާތަކުން ކޮންމެވެސް މިންވަރެއް މި ބްލޮގް ކިޔާ ބޭފުޅުންނާއި ޙިއްޞާކޮށްލަމެވެ.

މަންމަމެންގެ ދުވަސް ފުރަތަމަ ފާހަނގަކުރި ބައެއްކަމަށް ތާރީޚުގެ ސަފުޙާތަކުން ފެންނަނީ، އިހުޒަމާނުގެ ގްރީކު މީހުންނާއި ރޯމަނު މީހުންނެވެ. އަދި އެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރި ބަޔަކީ އިނގިރޭސި ވިލާތުގައިކަމަށް ބުނެ، މަންމަމެންގެ ދުވަހުގެ ތާރީޚުގެ މޫ އެ ޤައުމާއި ގުޅިފައިވާކަމުގެ ޝަރަފު އެ ޤައުމުގެ ރައްޔިތުން ލިބިގަނެއެވެ. އަދި މަންމަމެންގެ ދުވަސް ފާހަނގަކުރުން ، އިނގިރޭސި ވިލާތުގައި ފާހަނގަކުރާ ' މަދަރިންގ ސަންޑޭ " އާއި ގުޅުންވާކަމަށްވެސް ބުނެވެއެވެ. ރޯމަނުންނާއި ގްރީކު މީހުން މަންމަމެންގެ ދުވަސް  ފާހަނގަކޮށްފައިވަނީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 250 އަހަރު ކުރިންކަމަށް ތާރީޚު ހެކިދެއެވެ. އިހުގެ ކިރިސްތިއަނުން މަންމަމެންގެ ދުވަސް ފާހަގަކުރީ ޢީސާގެފާނުގެ މަންމާފުޅު މަރްޔަމްގެފާނުގެ ޝަރަފުގައިކަމަށް ބުނެވެއެވެ. ފަހުން، އެދުވަހުގެ ޙަރަކާތްތަކުގައި ހުރިހާ މަންމަމެން ބައިވެރިކޮށް ، ހިންގޭ ޙަރަކާތްތައް ގިނަކުރެވުނެވެ. ކުޑަކުދިން އެ ކުދިންގެ މަންމަމެންނަށް، މަލާއި ހަދިޔާ ގެނެސްދެ އެވެ. އެއީ މަންމަމެންގެ ލޯބިވެތިކަމުގެ ރަމުޒެއްގެ ގޮތުންކުރަންފެށުނު ކަމެކެވެ.

މަންމަމެންގެ ދުވަހުގެ މުނާސަބަތުގައި، އަޅުންނާއި މުއައްޒަފުން އެމީހުންގެ މަންމަމެންނަށް ޒިޔާރަތް ކުރުމަށާއި މަންމަމެންނަށް އިޙުތިރާމް އަދާކުރުމަށް، ވަޒީފާ ދޭފަރާތްތަކުން ބާރުއަޅައެވެ. އެދުވަސްވަރު ކުޑަކުދިން މަންމަމެންނަށް ގެންދާ ހަދިޔާތަކުގެތެރޭގައި ޚާއްޞަ ފުރުޓް ކޭކެއް ހިމެނެއެވެ. ނުވަތަ މޭވާ އަޅައިގެން ތައްޔާރުކުރެވޭ ފޮނިކާނާ އެއް ހިމެނެއެވެ. އޭގެ ނަމަކީ " ސިމްނެލް " އެވެ.  

" މަދަރިންގ ސަންޑޭ " ފާހަނގަކުރުން ހުއްޓުނީ 19 ވަނަ ގަރުނުގައެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތަނާ އަނެއްކާވެސް މަދަރިންގ ސަންޑޭ ފާހަނގަކުރަން އެމެރިކާގައި ފެށުނުވެ. އެއީ ހަނގުރާމަ މަތީ ސިފައިން އެ ސަގާފަތް އަލުން ދިރުވުމުގެ ގޮތުން ކުރަންފެށި ކަމެއްކަމަށް ބުނެވެއެވެ. ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރި ކުރިއަރުވަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ދުވަސް ފާހަގަކުމުގެ ހަރަކާތްތަކުގައި ބައިވެރިވިއެވެ.


މަންމަމެންގެ ދުވަސް ފާހަނގަކުރުން މާޒީގެ ތެރެއިން : ޖޫލިއާ ވޯޑް ހޯވޭ

މަންމަމެންގެ ދުވަސް ރަސްމީގޮތުން އެމެރިކާގައި ފާހަނަގަކުރުމުގެ ޚިޔާލު، އެންމެފުރަތަމަ، ފާޅުކުރި މީހަކީ ޖޫލިއާ ވޯޑް ހޯވޭ އެވެ. އެއީ 1872 ވަނައަހަރު އެވެ. ޖޫލިއާ އަކީ މޮޅު ލިޔުންތެރިއެއްގެ އިތުރުން ކުޅަދާނަ ޅެންވެރިއެކެވެ. ހަމައެއާއެކު އެކްޓިވިސްޓެއްގެ ލަގަބުވެސް ލިބިފައިވެއެވެ.  އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ  ބެޓްލް ހިމް އޮފް ދަ ރިޕަބްލިކް  މި ނަމުގައި އޭނާހެދި ދާޚިލީ ހަނގުރާމައާއި ގުޅޭ ލަވައެއްގެ ސަބަބަންނެވެ. ޖޫލިއާ ބޭނުންވީ ޖޫން މަހުގެ 2 ވަނަދުވަސް އެއީ މަންމަމެންގެ ދުވަހުގެ ގޮތުގައި ހަމަޖެހުމަށާއި އެދުވަސް ޞުލްޙަ އަށް ޚާއްޞަކުރުމަށެވެ. މަންމަމެންގެ ދުވަހުގެ މުނާސަބަތުގައި ޖޫލިއާ  ދިން މަޝްހޫރު ތަގްރީރުގައި ހުރިހާ އަންހެނުން ހަނގުރާމައާއި ދެކޮޅަށް ތެދުވުމަށް ގޮވާލިއެވެ. އެ ތަގްރީރު ލިޔެފައިވަނީ 1870 ވަނައަހަރު ބޮސްޓަން ގައެވެ. މަންމަމެންގެ ސުލްހައިގެ ދުވަސް ޖޫންމަހުގެ ދެވަނަ އާދީއްތަ ދުވަހު ބާއްވައި އެކަމާއިގުޅޭ އެތަކެއް ބައްދަލުވުންތަކެއް، ޖޫލިއާ ވަނީ އޭނާގެ އިސްނެގުމުގެ މަތިން ، އެތަކެއް އަހަރުތަކެއް ވަންދެން ބާއްވާފައެވެ. ޖޫލިއާ، ވަރުބަލިވުމެއްނެތި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަންމަމެންގެ ދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖެހި އެ ދުވަހު ހިންގޭ ހަރަކާތްތަކަކީ ރަސްމީ ހަރކާތްތަކެއްގެ ގޮތގައި ހަމަޖެހުނެވެ. ނަމަވެސް، ދުވަސްތަކެއްފަހުން އެކަން ބަދަލުވެ، މަންމަމެންގެ ދުވަހަކީ މޭމަހުގައި ފާހަނގަކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

މަންމަމެންގެ ދުވަސް ފާހަނގަކުރުން މާޒީގެ ތެރެއިން : އެނާ ޖަރވީސް

އެނާ ޖަރވީސް ފާހަނގަކުރެވިފައިވަނީ އެމެރިކާގައި ، މަންމަމެންގެ ދުވަސް ފާހަގަކުރަންފެށި ބާނީގެ ގޮތުގައެވެ. އެނާ ޖަރވީސް ކައިވެންޏެއްކޮށްފައި ނުވެއެވެ. އެނާ އަކީ " މަންމަމެންގެ ދުވަހުގެ މަންމަ " ގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ މީހެކެވެ. އެއީ މަންމަމެންގެ ޝަރަފު އުހަށް އުފުލުމަށް އޭނާކުރި ބުރަ މަސައްކަތުގެ ލަގަބެއްގެ ގޮތުންނެވެ. އެނާ ޖަރވީސް އަށް މަންމަމެންގެ ދުވަހެއް ފާހަނގަ ކުރުމުގެ ހތްވަރު ލިބުނީ އޭނާގެ މަންމަ، އޭން މަރީ ރީވްސް ޖަރވީސް ގެ ފަރާތުންނެވެ. އިޖުތިމާއީ ޚިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރު އެން މަރީ ރީވްސް ޖަރވީސް އަބަދުވެސްދެކެމުން އައި ހުވަފެނެއް އޮވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން، ކޮންމެވެސް މީހަކު ހުރިހާ މަންމަމެންގެ ޝަރަފުގައި ދުވަހެއް ފާހަނގަކުރުމެވެ. މަރުވެފައިވާ މަންމަމެންނާއި ދިރިތިބި މަންމަމެންގެ ޝަރަފުގައެވެ. މަންމަ ދެކެލޯބިވާ މަންމަ ނުހަނު ލޯބިވާ މަންމަގެ އަންހެންދަރިފުޅު އެ މަންމަގެ ހުވަފެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލައެވެ. 1905 ވަނައަހަރު، މަންމަ ނިޔައުވުމާއިއެކު އެނާ ތެދުވީ މަންމަގެ ހުވަފެން ޙަގީގަތަކަށ ހެދުމަށެވެ. އެ ދުވަސްވަރު އެމެރިކާގައި މަންމަމެންނަށް އަޅާނުލުމުގެ އާދަ އަށަގަންނަމުން ދިޔަމިންވަރު ބޮޑުކަން އެއީވެސް އެނާ ، އޭނާގެ މަންމަގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ އަޒުމު ވަރުގަދަވިކަމެކެވެ.

އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ވެސްޓް ވަރޖނިއާގެ ކްރަފްޓަން ފައްޅިއަށް ކަރނޭޝަން މާ ، އެނާ ފޮނުވިއެވެ. ކަރނޭޝަން މަލަކީ އެނާގެ މަންމަގެ ފެވަރިޓް މަލެވެ. އެނާ ގަބޫލުކުރާގޮތުން އެ މާ ރަމްޒުކޮށްދެނީ، މައެއްގެ ސާފު ޠާހިރު ލޯތްބެވެ. ކަރނޭޝަން މާ ފައްޅިއަށް ފޮނުވުމަށްފަހު، ދެވަނަ ހަރަކާތެއްގެ ގޮތުގައި ، އެނާ އޭނާގެ އެކުވެރިން ތަކަކާއެކު މަތީ މަގާމުތަކުގައި ތިބި ބޮޑުންނަށް ސިޓީތަކެއް ލިޔުނެވެ. ސިޓީތަކުގައި އެދިފައިވަނީ، މަންމަމެންގެ ދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރަށް ބާރުއެޅުމަށެވެ. އެނާމެންގެ އެމަސައްކަތުގެ ނަތީ އަކަށްވީ 1911 ވަނައަހަރު އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި މަންމަމެންގެ ދުވަސް މޭމަހުގެ 8 ވަނަދުވަހު ފާހަނގަކުރުމެވެ. އަދި 1914 ވަނައަހަރު، އޭރުގެ ރައީސް ވުޑްރޯ ވިލްސަން މޭމަހުގެ ދެވަނަ އާދީއްތަ ދުވަހަކީ، މަންމަމެންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާ ގަރާރެއް ނެރުއްވިއެވެ.

މަންމަމެންގެ ދުވަސް، މިއަދު ފާހަނގަކުރެވޭގޮތް:

މިއަދު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މަންމަމެންގެ ދުވަސް ފާހަނގަކުރެވެ އެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ޑެންމާރކް، ފިންލަންޑް، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރޭލއާ، މެކްސިކޯ، ކެނެޑާ، ޗައިނާ، ޖަޕާން، ބެލްޖިއަމް، މެލޭޝިއާ، އަދި ދިވެހިރާއްޖެ ހިމެނެއެވެ. ދިވެހި ރާއްޖޭގައި މަންމަމެންގެ ދުވަސް ފާހަނގަކުރާ ދުވަހަކީ، މޭ މަހުގެ 13 ކަމުގައި ވިކިޕީޑިއާ ގައި ވެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މަންމަމެންގެ ދުވަސް ފާހަނގަކުރަނީ އެކި މަސްމަހު އެކި ދުވަސްތަކުގައެވެ.

ރައްޔިތުން، މަންމަމެންގެ ދުވަސް ފާހަނގަކުރާ ދުވަހު ގެ ބޭނުން ހިފަނީ، މަންމަމެންނަށް ޝުކުރުގެ ޖީޒީއެއް އަދާކުރުމަށެވެ. މަންމަމެންގެ ހެޔޮކަމަށާއި މަންމަމެންދޭ ލޯތްބާއި އެހީތެރިކަމަށްޓަކައެވެ. މަންމަމެންނަށް ހެޔޮ ދުޢާކުރުމާއި މަންމަމެންނާއިއެކީ ވަގުތު ހޭދަކުރުމަށެވެ.

ކޮންމެއަކަސް، މިއަދު މަންމަމެންގެ ދުވަސް ވެފައިވަނީ ވަރަށް މަޝްހޫރު ދުވަހަކަށެވެ. ފޯނުލައިންތައް އެންމެ ބިޒީ ވާ އެއްދުވަހަކީ އެދުވަހެވެ. މަންމަ މެންނަނަށް ހެޔޮއެދުމުގެ ކާޑާއި މަލާއި ހަދިޔާ ފޮނުވުމަކީވެސް މިއަދު މަންމަމެންގެ ދުވަހުގެ އާދަކާދއިގެތރޭގައި ހިމެނޭ ކަމެކެވެ. ހަމައެޢައިއެކު، ވިޔަފާރިވެރިން ފުރުސަތުގެ ބޭނުން ހިފައި، މަލާއި ، ކާޑާއި ހަދިޔާފަދަ ތަކެތި އިޝްތިހާރުކުރެއެވެ. އެހެންކަމުން މިއަދު މަންމަމެންގެ ދުވަސް ވެފައިވަނީ ވިޔަފާރިވެރިންގެ ވިތަފާރި ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. އެހެންނަމަވެސް، ދުވަހުގެ ބާނީ އެނާ ޖަރވީސް، އެންމެ ހިތާމަކުރާކަމަކީ، މި ދުވަހުގެ މުނާސަބތު ވިޔަފާރިކަމަކަށްވެފައިވާ މިންވަރު ބޮޑުކަމުންނެވެ. ކޮންމެއަކަސް، މިފަދ ގޮތަކަށް ފެށިގެން އައިދުވަހަކަށްވާތީ ،  މި ދުވަސް ފާހަގަކުރުން ، އެއީ ދީނީ ގޮތުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ  މި ސުވާލުއުފެދޭނެ އެވެ. ޖަވާބު  ހޯއްދެވުމަށް http://www.mvislamqa.com/beta/views.asp?questionID=1330   މި ލިންކު ބައްލަވާ ލައްވާށެވެ.

No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...