5/24/2015

ބައްޕަމެންގެ ދުވަސް



ބައްޕަމެންގެ ދުވަސް އަންނަނީ އެވެ. އެއީ ދުނިޔޭގައި އެންމެ ގިނަމީހުން ބައްޕަމެންގެ ދުވަސް ފާހަގަކުރާ ޖޫންމަހުގެ 3 ވަނަ އާދީއްތަ ދުވަހެވެ. މިއަހަރު އެދުވަސް ދިމާވަނީ ޖޫންމަހުގެ 21 އަށެވެ. ބައްޕަމެންގެ ދުވަސް އައުމުން ބައްޕަމެންނަށް އިޙުތިރާމް އަދާކުރުމާއި ބައްޕަމެންގެ ޚާއްޞަ ސިފަތަކުގެ މަތިން ހަނދާންކުރުމަކީ ބައްޕަމެންގެ ދުވަހު ބައްޕަމެންގެ ދަރިން ކުރާނެކަންތަކެވެ.

މިއީ، ބައޕަމެންގެ ދުވަސް ފެށިގެން އައިގޮތާއި ބައްޕަމެންގެ ދުވަހުގެ ޢާންމުކޮށް ހިންގާ ޙަރަކާތްތަކަކީ ކޮބައިތޯ ހޯދައިބެލުމަށް ކުރެވުނު މަސައްކަތެކެވެ. މި ލިޔުމުގައި ބައްޕަމެންގެ ދުވަސް އުފަންވި ގޮތް، ދުނިޔޭގެ އެކިހިސާބުތަކުގައި ބައްޕަމެންގެ ދުވަސް ފާހަގަކުރާ ދުވަސްތައް، ބައްޕަމެންގެ ދުވަސް ފާހަގަކުރެވޭގޮތް، ބައްޕަމެންގެ ދުވަހު ފޮނުވާ ޢާންމު މެސެޖުތައް، ބައްޕަމެންގެ ދުވަސް ފާހަގަކުރުން: އިސްލާމީ ވިސްނުމަކުން، މި ބައިތަކަށް އަލިއަޅުވާލެވިފައިވާނެ އެވެ.

ބައްޕަމެންގެ ދުވަސް އުފަންވިގޮތް

ބައްޕަމެންގެ ދުވަސް އުފާންވިގޮތްކަމަށް ބުނާ ދެ ގޮތެއް އޮވެއެވެ. ފުރަތަމަ ގޮތުގައި، އެދުވަސް ފެށުނީ 1910 ވަނައަހަރު ގެ ޖޫންމަހުގެ 19 ކަމުގައި ބުނެވެއެވެ. ސޮނޯރޯ ސްމަރޓް ޑޮޑް ނަކަމަށް ކިޔުނު އެމެރިކާގެ އަންހެނަކަށް، މަންމަންގެ ފާހަގަކުރެވެމުންދިޔަ ވަގުތެއްގައި ފައްޅިން އިވެމުންދިޔަ ތަގްރިރެއްގެ އަޑުއަހާފައި، މަންމަމެންގެ ދުވަސްފަދައިން ބައްޕަމެންގެވެސް ދުވަހެއް އޮންނަންޖެހޭނެކަމަށް ގަބޫލުކުރެވިގެން އޭނާ އެކަމަށް މަސައްކަތްފެށީކަމަށް ބުނެވެއެވެ. އެއީ، 1909 ވަނައަހަރެވެ. ސޮނޯރޯ އަށް ގަބޫލުކުރެވުނު ގޮތުގައި މަންމަމެންގެ ދުވަހު މަންމަމެންނަށް އޮހެމުންދާ ޝުކުރުގެ ތަރާނާގެ ބައެއް ބައްޕަމެންނަށް ހައްގުވާނެއެވެ ( ދި އަރޓް އޮފް މޭންލިނެސް، 2008).

ސޮނޯރޮގެ ބައްޕައަކީ، އެމެރިކާގެ ސިފައިންގެ ތެރޭގައި ގިނަދުވަހު ޚިދުމަތްކޮށްފައިވާ، ވިލިއަމް ސްމާރޓެވެ. ވިލިއަމް ގެ އަންހެނުން ނިޔާވީ 6 ވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައެވެ. އެހެންކަމުން، 6 ދަރިން ބަލައި ބޮޑުކުރުމުގެ ބުރަ މަސްއޫލިޔއްޔަތު ވިލިއަމް އުފުލިއެވެ. އާމްދަނީ ހޯދީ ވޮޝިންގޓަނުގައި ހުންނަ އެ އާއިލާގެ ކުޑަކުޑަ ދަނޑެއްގައި ގޮވާން ހައްދައި ވިއްކައިގެންނެވެ. ބައްޕަ، ބައްޕަގެ 6 ދަރިންނަށް ދެމުންގެންދިޔަ ލޯތްބާއި އަޅާލުމާއި އަދި ދަރިން
ތަރުބިއްޔަތުކުރުމަށް ބައްޕަ ހިތްވަރާއިއެކު ކުރަމުން ދިޔަ މަސައްކަތަށް ޝުކުރު އަދާކުރުމުގެ ގޮތުން، ސޮނޯރޯއަށް ގަބޫލުކުރެވުނީ  އޭނާގެ ލޯބިވެތި ބައްޕައާއި އެ ބައްޕަ ފަދަ އެހެން ބައްޕަމެންނަށް ޝުކުރުގެ ޖިޒީއެއް އަދާކުރުމުގެ ދުވަހެއް އޮންނަންވާނެ ކަމަށެވެ. ސޮނޯރޮގެ އުއްމީދަކަށްވީ، އެދުވަސް އެއީ އޭނަގެ ލޮބުވެތި ބައްޕަ ނިޔާވި ދުވަސްކަމަށްވާ ޖޫންމަހުގެ 5 ވަނަދުވަސް ކަމުގައިވުމަށެވެ. އެހެންނަމަވެސް، އިންތިޒަމުކުރުމުގައި ދިމާވިދަތިތަކެއްގެ ސަބަބުން، ވޮޝިންގޓަނުގައި އެ ދުވަސް ފާހަގަކުރީ ޖޫންމަހުގެ 3 ވަނަ އަށްވީ އާދީއްތައިގައެވެ. 

ބައްޕަމެންގެ ދުވަސް ފެށުނުގޮތްކަމަށް ބުނާ ދެވަނަ ގޮތަކީ، އެމެރިކާގައި   މައިނެއް ގޮވައި 368 ފިރިހެނުން ވަރަށް ބިރުވެރިގޮތަކަށް ދުނިޔެ ދޫކޮށްފައިވާތީވެ، އެމީހުންގެ ޒިކުރާ އާކުރުމުގެ ގޮތުން ބައްޕަމެންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރުމަށް ގްރޭސް ގޯލްޑަން ކްލޭޓަން ކިޔާމީހަކު ފައްޅިއާއިބެހޭ ވަޒީރަށް ލަފާދިނުމުން، އެކަމަށް އަމަލީ ސިފަގެނެވި 1908 ވަނައަހަރު ވެސްޓް ވަރޖިނިއާގައި ބައްޕަމެންގެ ދުވަސް ފާހަގަކުރެވުނީކަމަށެވެ.


ކޮންމެއަކަސް، އެމެރިކާގެ އެކި އަވަށްތަކުގައި އަވަށުފެންވަރުގައި ބައްޕަމެންގެ ދުވަސް ފާހަގަކުރެވެމުން ދިޔައެވެ. ހަމައެއާއެކު އެދުވަހަކީ، ރަސްމީ ދުވަހެއްގެ ގޮތުގައި ހެދުމަށް ނުރަސްމީ މަސައްކަތްތަކެއް ފެށިގެން ކުރިޔަށްދިޔަ އެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު އެކަކީ، ވިލިއަމް ޖެނިންގްސްބްރަޔަންޓެވެ. 1924 ގައި، ބައްޕަމެންގެ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ ދުވަހެއްކަމަށް އޭރު ހުންނެވި އެމެރިކާގެ 30 ވަނަ ރައީސު ކެލްވިން ކޫލިޖް ވިދާލުވިއެވެ. ނަމަވެސް، އެ ވާހަކަފުޅަކަށް އަމަލީ ސިފައެއް އޭރަކު އައިސްފައިނެތެވެ.

ރައީސް ނިކްސަން

1966 ގައި، އެމެރިކާގެ 36 ވަނަ ރައިސް ލިންޑަން ބީ. ޖޯންސަން ގެ ގަރާރަކުން ބައްޕަމެންގެ ދުވަހަކީ، ރަސްމީ ގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވި އެވެ. އެދުވަސް ރަސްމީ ބަންދުދުވަހެއްގެ ގޮތުގުގައި ހަމަޖެއްސެވީ އެމެރިކާގެ 37 ވަނަ ރައީސް ރިޗަރޑް ނިކްސަން ގެ ވެރިކަމުގައި 1972 ގައެވެ. އެމެރިކާގެ ސަރުކާރުން އެދުވަސް ފާހަގކުރުމުގެ މަގުސަދަކަށްވީ، ދާޚިލީ ހަނގުރާމައިގެ ސަބަބުން ވީދިފައިވާ އިޖުތިމާއީ ފޭރާން އަލުން ރަނގަޅުކޮށް ގައުމު އެއްބައިވަންތަކުރުމެވެ ( ވިކިޕީޑިއާ – ދަ ފްރީ އެންސައިކްލަޕީޑިއާ ).


ދުނިޔޭގެ އެކި ހިސާބުތަކުގައި ބައްޕަމެންގެ ދުވަސް ފާހަގަކުރާ ދުވަސްތައް

The Best Dad
އެމެރިކާގައި ބައްޕަމެންގެ ދުވަސް ފާހަގަކުރަން ފެށުމާއިއެކު، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެމެރިކާގެ ނަމޫނާއާއި އެއްގޮތަށް ބައްޕަމެންގެ ދުވަސް ފާހަގަކުރަން ފެށިއެވެ. ގިނަ ގައުމުތަކުގައި، އެއީ، ޖޫން މަހުގެ 3 ވަނަ އާދީއްތަ ދުވަހެވެ. ދެންހުރި ގައުމުތަކުގައި އެކި ތާރީޚުތަކުގައި ބައްޕަމެންގެ ދުވަސް ފާހގަކުރަންފެށި އެވެ. ޖޫން މަހުގެ 3 ވަނަ އާދީއްތަ ދުވަހު ބައްޕަމެންގެ ދުވަސް ފާހަގަކުރާ ގައުމުތަކަކީ، ބަހާމާސް، ބަނގްލާދޭޝް، ބަލްގޭރިއާ، ކެނެޑާ، ޗިލީ، ކޮލަމްބިއާ، ކޯސްޓަރިކާ، ކިއުބާ، ސައިޕްރަސް، ޗެކްރިޕަބްލިކް، ފްރާންސް، ގްރީސް، ގަޔަނާ، ހޮންގްކޮންގ، އިންދިއާ، އަޔަރލޭންޑް، ޖެމެއިކާ، ޖަޕާން، މެލޭޝިއާ، މޯލްޓާ، މޮރިޝަސް، މެކްސިކޯ، ނެދަރލޭންޑްސް، ޕާކިސްތާން، ޕެނެމާ، ޕެރެގްއާއީ، ޕެރޫ، ފިލިޕީންސް، ސިންގަޕޯރ، ސްލޮވާކިއާ، ސައުތުއެފްރިކާ، ޝްރީލަންކާ، ތުރުރީވިލާތް، އިނގިރޭސިވިލާތް ، މި ގައުމުތަކެވެ ( ވިކޕީޑިއާ – ދަ ފްރީ އެންސައިކްލޮޕީޑިއާ ). 

ދިވެހިރާއްޖޭގައިވެސް ބައްޕަމެންގެ ދުވަސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ވިކިޕީޑިއާ އިން ފެންނަން އޮތީ، ޖޫންމުގެ 3 ވަނަ އާދީއްތަ ދުވަހެވެ. ނަމަވެސް، މިދުވަސް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ސިފައެއްގައި ފާހަގަކުރާކަން އެނގޭނެ މަޢުލޫމާތެއް ނުލިބުނެވެ.

ބައްޕަމެންގެ ދުވަސް ފާހަގަކުރެވޭގޮތް

އެކި ގައުމުތަކުގައި ފަހަގަކުރާގޮތުގައި ކުދި ކުދި ތަފާތު ހުރިކަމުގައި ވިޔަސް، ބައްޕަމެންގެ ދުވަސް ފާހަގކުރުމުގައި ގިނަ ގައުމުތަކުގައި، ބައްޕަމެން ނިދިން ހޭލާވަގުތަށް ހެދުނުގެ ނާސްތާ ބައްޕަގެ އެނދަށް ގެންގޮސް ދިނުމާއި ހެޔޮއެދުމުގެ ކާޑާއި މަލާއި ޗޮކްލެޓް، ގަމީސް، ޓައީ، އިލެކްޓްރޯނިކްގެ ކޮންމެވެސް ބާވަތެއް ފަދަ ހަދިޔާ އެއް ބައްޕަމެންނަށް ދެވެއެވެ. މީގެއިތުރަށް ބައްޕަ ފަރާތުގެ އާއިލީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން، އާއިލީ ހަވިރުފަދަ ހަރަކާތެއް ބޭއވެ އެވެ. ސީ.އެން.އެން އިން ފާހަގަކުރާ ގޮތުގައި ބައްޕަމެންގެ ދުވަހަކީ، ދުނިޔޭގައި 4 ވަނައަށް އެންމެ ގިނައިން ކާޑް ފޮނުވޭ މުނާސަބާ އެވެ.


ގިނަ ގައުމުތަކުގައި ބައްޕަމެންގެ ދުވަސް ފާހަގކުރެވެނީ ވަރަށް ފޯރިއާއި ޖޯޝާއި އެކީގައެވެ. އާއިލާ އަށް ބައްޕަގެ ފަރާތުން ލިބެމުންދާ އަގުނުކުރެވޭފަދަ އެހިތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ . ބައްޕަމެންގެ ދުވަހުގެ ރަސްމީ މަލަކީ ފިނިފެންމަލެވެ. 

ބުނެވޭގޮތުން، ބައްޕަމެންގެ ދުވަހުގެ ހަފުލާގައި ކޮންމެ ބައްޕައަކަށް ފިނިފެންމަލެއް ހަދިޔާކުރާގޮތަށް ހަމަޖެއްސި މީހަކީ، ދުވަހުގެ ބާނީ، ސޮނޯރޯ ލުއިސް ސްމަރޓް ޑޮޑް އެވެ. ބައެއް ގައުމުތަކުގެ ސަގާފަތުގައި މީހަކު ރަތް ފިނިފެންމަލެއް ޖަހައިގެން، ބައްޕަމެންގެ ދުވަހު ހުރެފިނަމަ ، އޭގެ މާނައަކީ، އެމީހެއްގެ ބައްޕަ ދިރިދުނިޔޭގައި އެބަހުރިކަމެވެ. ހުދު ފިނިފެންމާ ރަމްޒުކޮށްދެނީ އޭގެ އިދިކޮޅެވެ. ބައެއް ގައުމުތަކުގައި ބައްޕަމެންގެ ދުވަހުގެ މަލުގެ ގޮތުގައި ލިލީމާ ވެސް ބެނުންކުރެ އެވެ. ކޮންމެއަކަސް،  ބައްޕަމެންގެ ދުވަހު އެންމެ ގިނައިން ފެނިގެންދާ އެއްޗަކީ މަލާއި މާޓުކުރިއެވެ.

ބައްޕަމެންގެ ދުވަހު ފޮނުވޭ މެސެޖްތައް

ބައްޕަމެންގެ ދުވަހު ބައްޕަމެންނަށް ކާޑާއި އެސްއެމްއެސް ފޮނުވައެވެ. ބައްޕަމެންނަށް ޚާއްސަ މެސެޖްތައް ލިޔެފައެވެ. އެގޮތުން ފޮނުވޭ ބައެއް މެސެޖްތަކުގެތެރޭގައި ތިރީގައިމިވާފަދަ މެސެޖްތައް ހިމެނެއެވެ. 


  •  އުފާވެރި ބައްޕަމެންގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުވަން – ތިޔައީ އެންމެ ރަނގަޅު ބައްޕަ! 

  • ބައްޕަ އަޅުގަނޑުމެންނަށް ތިޔަކޮށްދެއްވާ ހުރިހާ ކަމަކަށްޓަކައި ޝުކުރު ދަންނަވަން – އުފާވެރި ބައްޕަމެންގެ ދުވަހެއް! 

  •  އަޅުގަނޑުމެންނަށްޓަކައި ބައްޕަ އަބަދުވެސް ހުންނަވާތީ ޝުކުރުދަންނަވަން – ތިޔައީ ވަރަށް ރަނގަޅު ބައްޕައެއް – ލޯބިވާ ދަރިފުޅު 

  • ދުނިޔޭގައިވާ އެންމެ ރަނގަޅު ބައްޕަ އަށް – އުފާވެރި ބައްޕަމެންގެ ދުވަހަކަށް އެދެން  

  • ދުނިޔޭގައިވާ އެންމެ ރަނގަޅު ބައްޕައަށް ދުނިޔޭގައިވާ އެންމެ ރަނގަޅު ދަރިންގެ ފަރާތުން ބައްޕަމެންގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ. 
ކޮންމެއަކަސް، ބައްޕަމެންގެ ދުވަހެއް ފާހަގަކުރަނީ، ބައްޕަމެންނަށް ޙައްޤު ޝުކުރު އަދާކުރުމަށާއި ބައްޕަވަންތަ ކަމާއި ބައްޕަފަރާތުގެ އާއިލީ ގުޅުން ވަރުގަދަ ކުރުމަށެވެ. މީގެ އިތުރަށް މުޖުތަމައުގައި ބައްޕަމެން އަދާކުރާ ދައުރު ފާހަގކޮށް އެކަމަށް ތައުރީފުކުރުމަށެވެ. 

ބައްޕަމެންގެ ދުވަސް ފާހަގަކުރުން : އިސްލާމީ ނަޒަރަކުން ބަލާލުން

ބައްޕަމެންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ބައްޕަމެން ދަރިންގެ ހައްގުގުއި ކޮދޭހައި ކަންތައްތަކަށް ޝުކުރުވެރިވުމެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ލޯބިވުމާއި އޯގާވެރިވުމާއި މި ކަންކަމަކީ އެންމެ މުހިންމު އަޅުކަންތައްތަކުގެތެރޭގައި ހިމެނޭކަންކަމެވެ. ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރުމަށް ކުރެއްވި އަމުރުފުޅާއި ވިދިގެން ދެން އަމުރު ކުރައްވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ.

ކުރުކޮށް ދަންނަވާނަމަ ދެންނެވެންއޮތީ، އަޅުގނަޑުމެންގެ ހަޔާތުގެ ކޮންމެ ދުވަހަކީ ބައްޕަ އާއި މަންމަގެ ދުވަހެކެވެ. ކީރިތި ޤުރުއާނުގެ މި ބަސްފުޅަކީ މައިންބަފައިންގެ މުހިންމުކަން އެނގޭ ބަސްފުޅެކެވެ.

އެކަލާނގެއަށް ނޫނީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި ، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާ ގާތު  ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ. (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ! އަދި މާތްބަހުން އެދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން ، ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށޭވެ! އަޅުގެ ވެރިރަސްކަލާނގެކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙުމަތް ލައްވައިފާދޭނވެ! (ޤުރުއާން، 17:23).

މައިންބަފައިންނަކީ، ދަރިންގެ ފުރިހަމަ އަޅާލުމާއި ލޯތްބާއި އިހުތިރާމް ލިބުން ޙައްޤު ބައެކެވެ. ހަމައެގޮތަށް، ދަރިންނަށް ލޯތްބާއި އަޅާލުމާއި އެހީތެރިކަން ދިނުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. ދަރިންނާއި މައިންބަފައިން ﷲ އަންގަވާފައިވާގޮތަށް އެބައެއްގެ ޙައްގު އަދާކުރާނަމަ، އެއާއިލާއެއްހައި އޮންނާނީ ލޯބިވެތިކަމާއި ސުލްޙަމަސަލަސްކަމެވެ (މައްކާމަސްޖިދު. ކޯ.ޔޫކޭ،2015).

ހަގީގަތަކީ، ބައްޕަމެންގެ ދުވަސް އަދި މަންމަމެންގެ ދުވަސް ފާހަގަކޮށް އެބައިމީހުންނަށް ލޯތްބާއި އިހުތިރާމްދީ ހެދުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑެމެން ވަކި ދުވަހަކު ކުރަން އޮތްކަމެއްނޫނެވެ. އަދި ވަކި ދުވަހަކު ކޮށްލުމަކުން ފުދިދާނެ ކަމެއްނޫނެވެ. އެކަމަކު، އެއީ ދަރިންގެ މައްޗަށް ހަމަކޮންމެ ހިދުކޮޅަކުވެސް ވާޖިބު ކަމެކެވެ. ވަކި ދުވަހަކު އެ ދުވަސް ފާހަގަކޮށް ބައްޕަމެންނަށް ޝުކުރު އަދާކުރުމަކީ ، މައިންބަފައިންނަށް ކުރެވޭ ބޭއިހުތިރާމަކަށްވެދާނޭކަމެކެވެ.  އެއީ، މައިންބަފައިންގެ ހައްގުގައި ލަދުވެތިކަމެކެވެ.

އަޅުގަނޑުމެންގެ ހަޔާތުގެ ކޮންމެ ވަގުތުކޮޅަކީ، މައިންބަފައިންނަށްޓަކައިވާ ދުވަހަކަށް ހަދަމާތޯ އެވެ.
އަޅުގަނޑުމެންނަކީ، މައިންބަފއިންނަށް ހެޔޮކޮށްހިތާ ، އެމީހުންދެކެ ލޯބިވާ، އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރާ  ބައެއްކަމުގައި ލައްވާށި އެވެ.

ނޯޓް: މަންމަމެންގެ ދުވަސް، ބައްޕަމެންގެ ދުވަސް، ކުޑަކުދިންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަކީ ދީނީގޮތުން މައްސަލައެއް އޮތްކަމެއްނޫންކަމަށް  ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުއެފައިވެ އެވެ. 


މައުލޫމާތު ނެގި ވަސީލަތްތައް:

ވިކިޕީޑިއާ - ދަ ފްރީ އެންސައިކްލޮޕީޑިއާ (2015) http://en.wikipedia.org/wiki/Father%27s_Day

ދިއަރޓް އޮފް މޭންލިނެސް (2008) އަ ބްރިފް ހިސްޓްރީ އޮފް ފަދަރސް ޑޭ. http://www.artofmanliness.com/2008/06/11/a-brief-history-of-fathers-da

ސެލެބްރޭޓިންގ ފާދަރސްޑޭ އިން އިސްލާމް (2015) http://www.makkahmasjid.co.uk/wp/index.php/2010/06/20/celebrating-fathers-day-in-islam/





No comments:

Post a Comment

A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...