6/23/2026

ސްކޫލްތަކުގެ ޖަލްސާތައް އެހާ ދިގުވާންޖެހޭބާ؟

ސްކޫލްތަކުގެ ޖަލްސާތައް މިހާ ދިގުވާންޖެހޭބާ؟

ކޮންމެ އަހަރަކުވެސް ސްކޫލްތަކުން ދަނީ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ގްރެޖުއޭޝަންތަކާއި، އަހަރީ އިނާމު ދިނުމުގެ ޖަލްސާތަކާއި، އަދި މިނޫންވެސް ތަފާތު ހަފުލާތައް ބާއްވަމުންނެވެ. މިއީ ސްކޫލެއްގެ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު ދުވަސްތަކެވެ. މިފަދަ ހަފުލާތަކަކީ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، އެކުދިންގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، ބެލެނިވެރިންނާއި، މުދައްރިސުން އަދި މުޖުތަމައުގެ ގިނަ ބަޔަކު އެއްތަނަކުން ބައްދަލުވާ އުފާވެރި މުނާސަބަތުތަކެކެވެ.

ނަމަވެސް، މިހާރަކަށް އައިސް ގިނަ ބެލެނިވެރިންނާއި، މުދައްރިސުން އަދި ދަރިވަރުންގެ ހިތުގައި އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ، ސްކޫލް ޖަލްސާތައް މިހާ ދިގުވާން މިއަދު މަޖުބޫރު ހެއްޔެވެ؟

ގިނަ ސްކޫލްތަކުގައި، ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ފަށާ ޖަލްސާ، ވަގުތު ހޭދަވަމުންދާ ވަރަކަށް ބަދަލުވެގެންދަނީ ދިގު ސްޕީޗް ތަކަށާއި، ތަކުރާރުކޮށް އަދާކުރެވޭ ޟުކުރުގެ ޖިޒީތަކާއި، ގިނަގުނަ ޕްރޮޓޮކޯލްތަކުން ފުރިފައިވާ ހަރަކާތަކަށެވެ. ގަޑިއެއްހާއިރުން ނިންމާލަން ރޭވިފައި އޮންނަ ޖަލްސާ، ދެތިން ގަޑިއިރަށް ދެމިގެންދިއުމަކީ އާންމު ކަމެކެވެ. މިއީ ހެޔޮ ނިޔަތެއްގައި އިތުރުކުރެވޭ ކަންތައްތަކެއް ނަމަވެސް، މީގެ ސަބަބުން ޖަލްސާގެ އަސްލު މަގުސަދަށް ނޭދެވޭ އަސަރުކޮށް، އޭގެ ފޯރި ކެނޑިގެންދެއެވެ.

ވަގުތަކީ އަގުބޮޑު އެއްޗެކެވެ. ޖަލްސާއެއްގެ ކާމިޔާބަކީ އޭގެ ދިގުމިނުން ނޫނެވެ. އޭގެ ފެންވަރާއި، އެއިން ލިބިދޭ އިބުރަތާއި އަދި ހިތަށް ފޯރުކޮށްލާ އަސަރެވެ..

ނަފްސާނީ އިލްމުވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ ސަމާލުކަން އެއްކަމަކަށް ހުއްޓާލުމުގެ ގާބިލިއްޔަތަކީ ވަކި މިންވަރަކަށް ހުންނަ ކަމެކެވެ. ކަމަކަށް ކަނުލައި އަޑުއެހުމަކީ ސިކުނޑިން ބޮޑު މަސައްކަތެއް ކުރަންޖެހޭ ކަމަކަށްވާއިރު، ޖަލްސާ ދިގުލައިގެންދާ ވަރަކަށް އަޑުއަހާ މީހުން ވަރުބަލިވެ، ސަމާލުކަން ދޭން އުނދަގޫވެއެވެ (ކާނެމަން، 2011). މީގެ މާނައަކީ ވަކި މިނެޓެއްވުމުން މީހާ އަޑުއެހުން ހުއްޓާލަނީއެކޭ ނޫނެވެ. ނަމަވެސް، އެއްތަނެއްގައި އިށީނދެގެން އިނދެ، އެއްވެސް ބައިވެރިވުމެއް ނެތި ހަމައެކަނި އަޑުއަހަން ތިބެންޖެހޭ ވަގުތު ދިގުވާނަމަ، އެކަމަށް ދެވޭ ސަމާލުކަން މަޑުމަޑުން ކުޑަވަމުންދެއެވެ.

"ކޮގްނިޓިވް ލޯޑް ތިއަރީ" އަށް ބަލާއިރު، އިންސާނާގެ ހަނދާނުގައި ކަންކަން ރައްކާކުރުމުގެ ގާބިލިއްޔަތަކީވެސް ވަކި ހުދޫދެއް އޮންނަ ކަމެކެވެ (ސްވެލާ، 1988). ގިނަ ވާހަކަދެއްކުންތެރިން އެއް މައުލޫއަކަށް، އެއް މެސެޖުތަކެއް ތަކުރާރުކުރަމުންދާއިރު، އެ މައުލޫމާތުތައް ސިކުނޑީގައި ބެހެއްޓުމަކީ މީހާއަށް އުނދަގޫ ކަމަކަށްވެއެވެ. ނަތީޖާއެއްގެ ގޮތުން، ދިގު ޖަލްސާއެއް ނިމޭއިރު، ހަނދާނުގައި ހުންނަނީ މަދު ކަމެކެވެ. ގިނަ ވާހަކަތަކެއް މަތިން ހަނދާން ނެތިގެންދެއެވެ.

ނިއުރޯސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި، އިންސާނާގެ ސިކުނޑި އަބަދުވެސް ބޭނުންވަނީ އައު ކަންތައްތަކާއި، ތަފާތު ތަޖުރިބާތަކެވެ. ހަރަކާތްތަކަށް ބަދަލު އައުމާއި، އަމަލީ ގޮތުން ބައިވެރިވެވޭނެ ގޮތްތަކާއި، އިހުސާސްތަކާ ގުޅުންހުރި ކަންކަން ފެނުމުން ސިކުނޑީގެ ހޭލުންތެރިކަން އިތުރުވެއެވެ (ޕޯޒްނާ އަދި ޕީޓަސަން، 1990). މީގެ ބަދަލުގައި، އެއްވެސް ތަފާތެއް ނެތި އަންނަ ދިގު ތަގުރީރުތަކުގެ ސަބަބުން، ހަފުލާގެ ތެރޭގައި މީހާ ޝާމިލުވެ އިނުމަށް ހުރަސްއެޅެއެވެ.

މިކަމާ ގުޅޭ އެންމެ ފާހަގަކޮށްލެވޭ އެއް ހޯދުމަކީ ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ ނަފްސާނީ އިލްމުވެރިޔާ ޑެނިއަލް ކާނެމަންގެ "ޕީކް-އެންޑް ރޫލް" އެވެ. މި ދިރާސާއިން ދައްކާގޮތުގައި، މީހަކު ކުރާ ތަޖުރިބާއެއް ވަޒަންކުރަނީ އެކަމެއް ދެމިގެންދިޔަ ވަގުތަކަށް ބަލާފައެއް ނޫނެވެ. އޭގެ ބަދަލުގައި ބަލަނީ، އެ ތަޖުރިބާއެއްގެ އެންމެ ފާހަގަކޮށްލެވޭ ވަގުތަށާއި، އެކަމެއް ނިމިގެންދިޔަ ގޮތަށެވެ (ކާނެމަން، 1993). ސްކޫލް ޖަލްސާތަކަށް ބަލާއިރު، ބެލެނިވެރިންނާއި ދަރިވަރުންގެ ހަނދާނުގައި ބޮޑަށް ހުންނާނީ، ދަރިވަރަކު އިނާމު ބަލައި އިސްޓޭޖަށް އެރި އުފާވެރި ވަގުތުކޮޅާއި، ހިތްވަރުދޭ ފަދަ މޮޅު ތަގުރީރެއް ނުވަތަ ޖަލްސާގެ ފޯރިގަދަ ނިންމުމެވެ. އިތުރަށް ހޭދަވާ ވިހި ތިރީސް މިނެޓުގެ ރަސްމީ ކަންތައްތަކެއް ނޫނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޔުނިވާސިޓީތަކާއި ސްކޫލްތަކުން މިހާރު މިކަން ގަބޫލުކުރެއެވެ. އެހެންކަމުން، އެ ތަންތަނުން މިހާރު އިސްކަންދެނީ ރަސްމީ ޕްރޮޓޮކޯލްތަކަށްވުރެ ބޮޑަށް، ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ވަގުތު ދިނުމަށެވެ. ތަގުރީރުތައް ކުރުކޮށް، އަހަރީ ރިޕޯޓު ފަދަ ލިޔުންތައް ޖަލްސާގެ ތެރެއިން ކިޔުމުގެ ބަދަލުގައި ލިޔުމުން ބަހާލައި، ޖަލްސާގެ ފޯރި ނުގެއްލޭނެހެން ޕްރޮގްރާމް ފަރުމާކުރެއެވެ.

މީގެ މާނައަކީ ޖަލްސާތަކުގައި ވާހަކަދެއްކުން އެއްކޮށް ހުއްޓާލުމެއް ނޫނެވެ. ސްކޫލުގެ ވެރިއަކު، ނުވަތަ ޚާއްސަ މެހެމާނަކު، ނުވަތަ ދަރިވަރަކު ދައްކާ ފުރިހަމަ ވާހަކަކޮޅަކީ އެތައް ބަޔަކަށް ހިތްވަރާއި އުއްމީދު ލިބޭނެ ކަމެކެވެ. ނަމަވެސް، ތަގުރީރެއްގެ އަގު ވަޒަންކުރެވެނީ އޭގެ ދިގުމިނަކުން ނޫނެވެ. އޭގެ ފެންވަރުންނެވެ. ސީދާ ދަރިވަރުންނާ މުޚާތަބުކޮށްދޭ ފަސް މިނެޓުގެ ކުރު މެސެޖެއް، އެއްވާހަކަތަކެއް ތަކުރާރުކުރާ ފަނަރަ ވިހި މިނެޓުގެ ތަގުރީރަކަށްވުރެ މާ މުހިންމުވެފައި ހަނދާނުގައި ހަރުލާނެއެވެ.

ސްކޫލްތަކުން ޖަލްސާތައް ރާވާ ގޮތަށް ބަދަލު ގެނައުމަކީ އެންމެންނަށްވެސް މީގެ ފައިދާ ކުރާނެ ކަމެކެވެ. ވާހަކަދައްކާ މީހުންގެ އަދަދު މަދުކޮށް، ވަގުތަށް ސަމާލުކަންދީ، އަދި ދަރިވަރުންގެ ކާމިޔާބީއަށް މުޅި ޖަލްސާ އަމާޒުކުރުމުން، އެއީ މާނަހުރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.

އަސްލު މަގުސަދަކީ ދަރިވަރުންގެ އުފަލުގައި ބައިވެރިވުމެވެ. ބެލެނިވެރިން އަންނަނީ ދަރިފުޅުގެ އަގުވަޒަންކުރާ މަންޒަރު ދެކޭށެވެ. ދަރިވަރުން ބައިވެރިވަނީ އެކުދިންގެ ހަޔާތުގެ މުހިންމު ހަރުފަތެއް ފާހަގަކުރާށެވެ. ޖަލްސާ ނާހިކު ދިގުވެގެންދާއިރު، މި އަސްލު އުފާވެރިކަން ގެއްލި، މީހާ ވަރުބަލިވުމުގެ ފުރުސަތު އޮވެއެވެ.

އެންމެ ކާމިޔާބު ޖަލްސާއަކީ އެންމެ ދިގު ޖަލްސާއެއް ނޫނެވެ. އެއީ ދަރިވަރުން ފަޚުރުވެރިވާ، ބެލެނިވެރިން ހިތްހަމަޖެހޭ، އަދި މެހެމާނުންނަށް އާ ހިތްވަރެއް ލިބިގެންދާ ފަދަ ޖަލްސާއެކެވެ. ވަގުތަކީ އަގުބޮޑު އެއްޗަކަށް ވެފައިވާ މި ޒަމާނުގައި، ސްކޫލަކަށް މުޖުތަމައަށް ދެވޭނެ އެންމެ ބޮޑު އިހުތިރާމަކީ، ލިބިފައިވާ ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

References

Kahneman, D. (2011). Thinking, Fast and Slow.

Kahneman, D., Fredrickson, B. L., Schreiber, C. A., & Redelmeier, D. A. (1993). When more pain is preferred to less: Adding a better end. Psychological Science, 4(6), 401–405.

Posner, M. I., & Petersen, S. E. (1990). The attention system of the human brain. Annual Review of Neuroscience, 13, 25–42.

Sweller, J. (1988). Cognitive load during problem solving: Effects on learning. Cognitive Science, 12(2), 257–285.

No comments:

Post a Comment