5/06/2015

އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން – 5


އެއްގޮތެއްގައި ދެމިހުރުމަށްޓަކައި ލޯބި

ވަރަށްގިނަ މީހުންނަށް އެމީހުންގެ ޚާއްސަ ފަންނުގައި ހުނަރާއި ތަޖުރިބާ ލިބިފައިވަނީ އެކަމުގައި ދެމިތިބުމަށް، ލޯބިއަދާކުރި ދައުރުގެ ސަބަބުންނެވެ. އެއްގޮތެއްގައި، ކަމެއްގައި މީހަކަށް ދެމިހުރެވޭނީ އެކަމެއްގައި ކުރަންޖެހޭ މަސައްކަތާއި އެމީހެއްގެ ކެރިކުޅަދާނަކަމާއި ވަޒަން ހަމަވެގެންނެވެ. އެއްގޮތެއްގައި ދެމިހުރެވުމަކީ، އެކަމެއްގައި ޙާޞިލުކުރަންޖެހޭ އެންމެމަތީ ނަތީޖާ ޙާޞިލުކުރުމަށް ކުރާ މަސައްކަތާއި ދެވޭ ސަމާލުކަމުގެ އުފާވެރި ވަގުތުކޮޅެވެ. އެއީ، އުސް ފާރަކަށް އެރިކަމުގައިވިޔަސް، ރާޒުވާކުޅުން ކަމުގައިވިޔަސް، ނެށުންކަމުގައިވިޔަސް، ސަރޖަރީއެއް ހެދުން ކަމުގައިވިޔަސް، ބަސްދަސްކުރުން ކަމުގައިވިޔަސް، ކުލަޖެއްސުން ކަމުގައިވިޔަސް، ނުވަތަ މިއުޒިކް ހެދުން ކަމުގައިވިޔަސްމެއެވެ.

އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 4

ދަރިން ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި ހެދިދާނެ ގޮތްތަކަކީ ކޮބާ؟


އިންސާނާކުރާ އަމަލުތަކަކީ ގަސްދަކާއިނުލައި ކުރާއަމަލުތަކެއް ނޭނެވެ. އެހެންކަމުން ، އޭނާގެ އަމަލުތަކުން އޭނާގެ ތަރައްޤީ ކަނޑަނޭޅޭނެއެވެ. މީހާގެ އަމަލުތައް މިސްރާބުވުމުގައި އޭނާއަށް ލިބޭ އެހީތެރިކަމާއި، ހިތްވަރު ހިމެނެއެވެ. މިސާލަކަށް، ދަރިވަރެއްގެ ނަފުސުގެ ރޫޙު މަތިކުރުމަށްޓަކައި މުދައްރިސު ކުރަންޖެހޭ ކަމަކީ ހަމައެކަނި ދަރިވަރަށް ހިތްވަރު ދިނުމެއް ނޫނެވެ. އެކަމަކު އޭގެ އިތުރަށް ބޭނުންތެރި އަދި އުނގެނުމަށް މަގުފައިވާ ބިނާކުރަނިވި (ފީޑްފޯވާޑް) ފާޑުކިޔުމަކީ، ނަތީޖާ އެހާ ރަނގަޅު ނޫން ދަރިވަރުން އެދަރިވަރުން އަމިއްލައަށް މަސައްކަތް ކުރުމުގެ ބާރު ލިއްބައިދިނުމަށް ކުރަންޖެހޭ ކަމެކެވެ. (އެންޖެލްސަން އަދި ސުމިތު،2010).

މެކްސް ޝެލަރގެ ލޯބީގެ ފަލްސަފާގައި، އިންސާނާގެ ތަރައްޤީއާއި އުނގެނިގަތުމަށް އޭނާގެ ޝައުޤުވެރިކަމާއި ލޯބި މިސްރާބުކުރުމަށް ލޯބި ބޭނުންވާކަމަށް ވަރަށްބޮޑަށް ބާރު އަޅައެވެ. އިއީ އުނގެނުމުން ނުވަތަ އޭނާއަށްލިބޭ ކުރިއެރުމުން ލިބޭ ވަގުތީ އުފަލުގެ އިތުރަށް، އޭނާގެ ވިސްނުމުގެ ފެންވަރާއި އަމާޒު ޙާޞިލުވުމަށެވެ. މުދައްރިސުންނާއި އުނގަންނަދިނުމުގައި ޙަރަކާތްތެރިވާ މީހުންގެ ޒިންމާއަކީ، ދަރިވަރުންނަށް އެފަދަ އަޅާލުމާއި އެޙީތެރިކަމުގެ ވެއްޓެއް ފޯރުކޮށްދިނުމެވެ. އެއީ، ދަރިވަރުންނަށް މަތިވެރި އަގުތަކާއި ހުނަރު އުނގެނިގަތުމަށް، އޭނާގެ އުފަލާއި އަރާމްތައް ކޮންޓްރޯލްކުރުންފަދަ މާޙައުލަކާއި އަޅާލުމަކާއި އެހީތެރިކަމެކެވެ (ސޮލަސާރި، 2003). 

އެމީހަކު ޝައުޤުވެރިވާ ޚާއްސަ ރޮނގެއްގައި ކުރިއަށް ދިޔުމަށާއި މަތީ ދަރަޖަ ޙާޞިލުކުރުމަށް ހިތްވަރާއި ގަދައަޅާ މަސައްކަތްކުރުމާއި، ކެރުންތެރިކަން ބޭނުންވާނެއެވެ. އެމީހެއްގެ ޤާބިލުކަންހުރި ގޮތަކަށް އެމީހަކު ކުރިއަށް ދިޔުމާއި، އެހެން މީހުންނާއި ތިމާ ތަފާތުވުމަކީ އަދި ތިމާގެ ވަގުތީ އުފާތަކުން މަޙުރޫމްވެގަތުމަކީ، އަދި އަމިއްލަ ނަފުސު އެކަމަށް ތަރުބިއްޔަތު ކޮށްގަތުމަކީ، ލޯބީގެ އެންމެ ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ. ތިމާގެ ސިކުނޑި، މަތީ އަގުތައް ޙާޞިލުކުރުމަށް އަމާޒު ކުރުމަށެވެ. މަތިވެރި، އެއްވެސް ކަމެއް އެއްވެސް މީހަކަށް  ލޯތްބާއި ނުލައި ޙާޞިލުނުވެއެވެ (މާއްޓާ، 2011). މިއީ ޒަމާނީ މުދައްރިސުންނަށް އޮތް ގޮންޖެހުމެވެ. މިއަދު އެހެންމީހުންނާއި ކަމެއްކުރުމާއި އަދި އެކަމަކަށް ތިމާ ވާސިލުވުމަށް މަސައްކަތް ކުރުމަކީ އެހާ ޕެޝަނަބަލް ކަމެއްނޫނެވެ. ގިނަމީހުން ބޭނުންވަނީ، ޖަމާޢަތުގެ ގިނަމީހުން ކުރާކަމެއް ތިމާމެން ކުރުމަށެވެ. ތިމާއަކީ ތަފާތު މީހަކަށް ދުށުމުގެ ފުރުޞަތު ނުދިނުމަށެވެ (ކެރ، 1985). ވަރުގަދަ ސަމާލުކަމަކާއި އެކީ މަސައްކަތް ކޮށްގެން ނޫނީ، ޢިލްމް އަދި ފަންނީ ޤާބިލުކަމެއް ނުލިބޭނެކަން މޮޅު ޓީޗަރުން ދަނެއެވެ (މާއްޓާ، 2010).

ތިމާގެ އަމިއްލަ ޚިޔާލުތައް އިއްވުމާއި، ތިމާއަށް ލިބިފައިވާ ޤުދުރަތީ ހުނަރުތައް ދައްކާލުމާއިއެކު ތިމާއަކީ ކާކުކަން އަންގައިދިނުމަށް އެހެންމީހުންނާއި ތިމާ ބައިވެރިވާން ޖެހެއެވެ. އަމަލީ ފަންނުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ އެތައް އަހަރެއް، ޝައުޤުވެރިކަމާއިއެކު އެކަމުގައި ހޭދަކުރުމަކީ ކުރަންޖެހޭނެކަމެކެވެ (ސިކްސްޒެންޓްމިހަލްޔީ، ރަތުންޖޯ އަދި ވެލެން، 1996، ނިކްޕޮން، 2011). މިފަދަ ހިތްވަރަކާއި އަޒުމެއް މީހާގެ ކިބައިގައި އުފެދެނީ، ޖަޒުބާތީ ސިފަތަކުގެ ތެރެއިންނެވެ (ޑެނިއަލް ގޯލްމަން، 1999). އެހެންކަމުން، ޙަރަކާތްތެރި އަދި ބުންވަރުހުރި މީހަކަށް، މީހާ ބަދަލުކޮށްލަނީ ލޯބީގެ ބާރެވެ. އަދި ތިމާ އެއްގޮތެއްގައި ދެމިހުރުމުގެ ތަޖުރިބާއާއި ގުޅުވާ އެއްޗަކީ ވެސް ލޯތްބެވެ. 



އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 3



އިންސާނާއަކީ ލޯބީގެ މަޚުލޫގެކެވެ.

ޖަރުމަނުގެ މަޝްހޫރު ފިލޯސަފަރު މެކްސް ޝެލަރ ޤަބޫލުކުރައްވާ ގޮތުގައި (ސޮލަސާރި، 2003)، އިންސާނާއަކީ، އަސްލުގައި ވަރަށް އާޠިފީ މަޚުލޫގެކެވެ. ކުއްޖަކު އޭނާގެ ވަށައިގެންވާ ވެއްޓަށާއި އެވެށީގެ އެކުލެވޭ ސިއްރުތަކަކާއި، މާއްދީ ދުނިޔެއަށާއި އޭނާގެ އަމިއްލަ ނަފްސަށާއި އެފުދޭ ޝައުޤަކީ އެންމެ ފުރަތަމަވެސް، ފިޠުރުގެ ކަންތައްތަކަށް އުފެދޭ ލޯތްބެވެ. ނުވަތަ ޢާޠިފިއްޔަތެވެ.

އިންސާނުން އެންމެ ބޮޑަށް ޝައުޤުވެރިކަންދެނީ، އެމީހުންނަށް އެފާވެރިކަންލިބޭ އަދި އެމީހުން އަގުކުރާ ކަންތައްތަކަށެވެ. ޝެލަރ ބުނާގޮތުން އެއީ ބޭރުން ބާރުފޯރުވާ، ގަސްދުގައިވާ އަދި ޝައުޤުވެރި ލޯތްބެވެ. މީހާގެ ބުއްދިވެރިކަމާއި ފިކުރަށް ބާރުގެނެސް ކުރިއަރުވައިދެނީ ލޯތްބެވެ. އެހެންކަމުން، ހެއްދެވިހާ ތަކެތިދެކެ އިންސާނާވާ ލޯބި (ordo amoris) ތަރައްޤީވެއެވެ. އެއީ ދަރަޖަވެގެންވާ އެއްޗެކެވެ. އެއީ އިންސާނާގެ މަތިވެރި އަޚުލާޤު ދައްކައިދޭ ކަމެކެވެ. މީހާގެ ޢަމަލާއި އިޚުތިޔާރުކުރާ ކަންތައްތަކާއި އަމާޒާއި ފުރުޞަތުތައް ކަނޑައަޅައިދޭނީ، އޭނާގެ އަޚުލާޤެވެ. ނުވަތަ އޭނާ މަޚުލޫޤުންދެކެވާ ލޯބީގެ ދަރަޖައިންނެވެ. އެކަން އުފެދިގެން އަންނަނީ ތަޖުރިބާއިންނާއި ތަޢުލީމުންނާއި އުނގަންނައި ދިނުމުގެ ތެރެއިންނެވެ. މި ލޯތްބަށް ބިނާވެފައިވާ ދަރަޖަތައް އިންސާނާ އެނާ ދާހާ ތަނަކަށް އޭނާއާއިއެކު ގެންދެއެވެ.

އަސްލެއްގެ ގޮތުން ބަލާއިރު ، އިންސާނާއަކީ ހަމައެކަނި ބުއްދިވެރިކަން ދެއްވިގެންވާ މަޚުލޫގެއްނޫނެވެ. އެކަމަކު، އެއީ ލޯބީގެ މަޚުލޫގެކެވެ (ކާންޓް، 1788 / 2000). ލޯބި، އިންސާނާ ކުރާ ޢަމަލުތަކުގެ މިސްރާބަށާއި އެކަމުގެ ކުޑަބޮޑުމިނަށާއި އީޖާބީ ޖަޒުބާތާއި އުފާވެރިކަމުގެ ބާރާއި އަދި ތިމާއަކީ ވާމީހެއްކަމުގެ އިޙުސާސް، އަދި މިކަންތައްތަކުން ތިމާ ޙާޞިލުކުރަން ބޭނުން މަންޒިލަށް ތިމާ ދިއުމުގެ ހަކަތަ ސިކުނޑީގައި އުފައްދައެވެ (ރަންޓާލާ އަދި މާއްޓާ،2011). އިދިކޮޅު ޖަޒުބާތުތައް ކަމައްވާ، ހިތާމަ، ބިރު، ރުޅި މިކަންތައްތަކުގެ ސަބަބުން އިންސާނާގެ ހަކަތަ އަންދާލައެވެ. އެތެރެ ގަޑުބަޑު ކޮށްލައެވެ. އޭނާގެ މަންޒިލް އެނާއަށް ފެންނާނީ އަގެއްނެތް، ބޭނުމެއްނެތް އެއްޗެއްގެ ގޮތުގައެވެ (އައިސެން،2001). ލޯބީގެ ޖަޒުބާތާއި އަމަލުން، އުއްމީދާއި ހިތްވަރު އުފައްދައެވެ (މާއްޓާ،2010). ލޯބި އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، އެއީ ހެދިބޮޑުވެ، ކުރިއަރައި މޮޅުވުމުގެ ހިތްވަރު ގެނެސްދޭ އެއްޗެކެވެ. އެއީ، މީހުންދެކެވާ ލޯބި ކަމުގައިވިޔަސް، އާރޓަށް ނުވަތަ ސައެންސަށް ނުވަތަ ޚިޔާލަކަށް ނުވަތަ ޤުދުރަތަށް ކަމުގައިވިޔަސްމެއެވެ.


އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 2


ލޯބީގެ ތަފާތު ވައްތަރުތައް

ލޯތްބަކީ އެތަކެއް މާނައެއް އެއިން ދޭހަކުރެވޭ އަދި ގިނަ ވައްތަރުތަކެއް ހިމެނޭ އެއްޗެކެވެ. ރޮމެންޓިކް ލޯބީގެ އިތުރުން (ބެކް-ޖަރންޝެއިމް އަދި ބެކް، 1995؛ ފެންޝެލް،2005 ހެޓްފީލްޑް، 1988؛ ހެގީ އަދި ބަރގްނަރ،2010؛ މާޓާ،2005؛ މާޓާ،2006؛ ޕަރސަން،2007؛ ސްޓެމްބަރގް، 1998)،ރަހުމަތްތެރިކަމުގެ ލޯބިވެސް ވެއެވެ (އަލްބެރޯނީ، 1987؛ ބްލެިޒްނަރ އަދި އެޑަމްސް، 1992، ފެހްރ، 1996؛ ހަރޓްއަޕް، 1995؛ މިލަރ އަދި ޕަރލްމަން، 2009)، ތިމާފަދަ އަނެއް އިންސާނާ ދެކެވާ ލޯބި  (އެރިކްްސަން، 1989؛ ޖަނަކޯ، 1993؛ ޕަލްޑޭނިއަސް، 2002)،  މައިންބަފައިން ދެކެވާ ލޯބި، ޤައުމުދެކެވާ ލޯބި (މަންޓާ، 2006)، އުނގަންނައި ދިނުމުގެ ލޯބިހިމެނެއެވެ (ހާވިއޯ، 1948؛ސްކިނަރ،2004). މިއިން ކޮންމެ ވައްތަރެއްގެ ލޯތްބެއްގައިވެސް އާންމު ސިފަތަކެއް ހުރެއެވެ. އަދި އެކަންތައްތަކަށް، ޒަމާނާއިއެކު އައި ފަރުދީ ވަންތަކަމާއި ނަފުސީ ވަންތަކަމުގެ ބަދަލުގެ ބިރު ކުރިމަތިވެފައިވެއެވެ (ބެކް-ގަރނެއިޝަމް އަދި ބެކް، 1995؛ ގިޑެންސް، 1991).


އިންސާނާ ތިމާފަދަ އަނެއް އިންސާނާދެކެ ވާލޯބި (agape)، އެއީ އިންސާނަކަށްވީތީ އޮންނަން ލޯތްބެވެ. އެއީ މީހާގެ ފަރުދީ ސިފަތައް ކަމަށްވާ މަޤާމާއި ޤައުމާއި ޖިންސާއި ޤާބިލުކަމާއި ނަސްލާއި ވާހަކަދައްކާ ބަހުރުވައަކަށް ބިނާވާ ލޯތްބެއްނޫނެވެ. މިއިން އެއްވެސް ކަމަކީ އިންސާނެއްގެ އަގު ކަނޑައަޅާ އެއްޗެއް ނޫނެވެ. ލޯބިވުމާއި ލޯބި ލިބިގަތުމުގެ ޙައްޤަކީ  އިންސާނަކަށްވީތީ ލިބިގެންވާ ޙައްޤެކެވެ. މީގެ އިތުރަށް އަޅާލެވުމާއި ހެދިބޮޑުވުމުގެ ޙައްޤުވެސް ކޮންމެ އިންސާނަކަށް ލިބިގެންވެއެވެ (ބްރެޑްޝޯ،1996 ، ލަނާރާ، 1981؛ ސްޕްރެންޖެލް އަދި ކެލީ،1992).

ކުޑަކުދިންނަށް އެހީތެރިވުމާއި އެހީތެރިކަން ފޯރުވައިދިނުމުގައި މި ވައްތަރުގެ ލޯބި މާނަކުރެވޭނީ، އަޅާލުމުގެ މާނައިގައެވެ. ހަމައެހެންމެ، އެހެން މީހެއްގެ ނުވަތަ އެއްޗެއްގެ ޙާލާތާއިމެދު އުފެދޭކަންބޮޑުވުމާއި އަޅާލުމަށްވެސް މި ލޯބި މާނަކުރެވެއެވެ (މޯސް، ސޯލްބަރގް، ނީންޑަރ، ބޮޓޯރފް، އަދި ޖޯންސަން، 1990؛ ޕަލްޑޭނިއަސް،2002). ކުޑަކުދިންނަށް އެހީތެރިވެދީ އަޅާލުމަކީ އެހެން އިންސާނުންނަށް ތިމާގެ ކިބައިގައިވާ ލޯބިވެތިކަން އެންމެ ބޮޑަށް ދައްކުވައިދޭ ކަންތަކެވެ (އެރިކްސަން،1989). ޙަޤީޤަތުގައި، އަޅާލުމާއި ހަމްދަރިދީއަކީ، އުނގަންނައި ދިނުމުގެ އެންމެ މަރުކަޒަކީ ދެ ސިފައެވެ. އެއީ އުނގަންނައި ދިނުމުގެ އެންމެ ކާމިޔާބު މެތަޑެވެ (ނޮޑިންގްސް،1988؛ ބަރންސް އަދި ރަތުބޯން،2010).

ޓީޗަރެއްގެ  އަޚުލާޤީއްޔާތުގެ މާނައަކީ، ޙަޤީޤީ އަޅާލުމެވެ. ދަރިވަރަށް ވިސްނައިދިނުމަށް ޙަޤީޤަތުގައިވެސް މަސައްކަތްކުރުމެވެ. އަދި ދަރިވަރުގެ ރައްކާތެރި ކަމަށްޓަކައި މަސައްކަތްކުރުމާއި އެހީތެރިވެދިނުމާއި ހެދި ބޮޑުވުމަށް މަސައްކަތްކުރުމެވެ. މި ދެންނެވި އުނގަންނައި ދިނުންވަންތަ އަޅާލުމުގެ ސަބަބުން، ދަރިވަރުގެ ޤާބިލިއްޔަތުކަން ހުރިވަރު މުދައްރިސަށް އެނގި ދަރިވަރުގެ އަމިއްލަ ހުނަރުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވެއެވެ. ރަގަޅު މުދައްރިސުވަންތަ ކަމުގެ އެންމެ މަތިވެރި ބަހާ އަކީ އުނގަންނައިދިނުމުގެ ލޯބިކަމުގައި އެތަކެއް ޖީލުތަކެއްވަންދެން ޤަބޫލުކުރެވިފައިވެއެވެ. ރަގަޅު މުދައްރިސަކަށްވުމަށް މިންކުރާ އެހެން އެތަކެއް ސިފަތަކެއް ހުއްޓާވެސްވެއެވެ. އެހެން ސިފަތަކުގެ ތެރޭގައި، ކުލާހުގައި ސުލޫކު ހިފެހެއްޓުމާއި އަމުރު މައުރޫފު ދެމެހެއްޓުމާއި، އަމާޒަށް ވާސިލުވުމާއި، ކިޔަވައިދޭ މާއްދާތަކަށް ވަރަށް މޮޅުވުން ހިމެނެއެވެ (ޑޭވިސް،1993؛ ޒޮމްބީލަސް،2007؛ ހޭންސެން،2009). 

ލޯތްބަކީ ތަފާތު އެތަކެއް ގޮތަކަށް ދޭހަކުރެވޭ އެއްޗަކަށްވިޔަސް، ބައެއް ފަރާތްތަކުން، ލޯބި، މުދައްރިސުގެ މަސައްކަތްތަކާއި ނުގުޅުވައި، ވަރަށް ހަނި ދާއިރާއެއްގައި ދޭހަކުރެއެވެ. އެހެންނަމަވެސް، މިސާލަކަށް ފިންލޭންޑުގައި، އުނގަންނައި ދިނުމުގެ ލޯތްބާއިމެދު، ބަޙުޘްކުރައްވަމުން، އުނޯ ސިގްނޯސް 1860 ގެ އަހަރުތަކުގައި ލިޔުއްވާފައިވެއެވެ. އޭގެ ސަތޭކައަހަރު ފަހުން
 މަރުޓީ ހާރވިއޯ (1948) އަދި އުރުޕޯ ހަރުވާ (1955) ގައިވެސް އެ މައުޟޫއަށް ލިޔުއްވާފައިވެއެވެ. ހަމަމިގޮތަށް، ޖަރުމަންވިލާތުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ މެކްސް ޝެލަރ (1928 – 1874)، ބުނެފައިވަނީ، ލޯތްބަކީ އުނގަންނައިދިނުމުގެ އެންމެ މައިގަނޑު ބަހާ ކަމުގައެވެ (ސޮލަސާރީ، 2003).


އުނގަންނައިދިނުމުގެ ލޯބި އަދި ރަނގަޅު މުދައްރިސުވަންތަކަން - 1

ޑިވެލޮޕްމަންޓަލް ސައިކޮލޮޖީ އުނގެނެން މުދައްރިސުންނަށް މުހިއްމުވާ ސަބަބު 2




ކުއްޖާގެ ނަފުސުގެ ތަރައްޤީ ނުވަތަ ޑިވެލޮޕމެންޓަލް ތިއަރީތައް މުދައްރިސަށް އެނގުމަކީ ، އުނގަންނައިދިނުމުގައި ނުފޫޒު ފޯރުވާ ކަމެއްކަމުގައި މި މަޒުމޫނުގެ ފުރަތަމަ ބައިގައި ފާހަކުރެވިފައިވާނެ އެވެ. މިބައިގައި ބަލާލާފައިވާނީ، ޓީޗަރުން ތަމްރީނުކުރުމުގައި ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ ހިމަނަންޖެހޭ ކަމުގެ މުހިންމުކަމުގެ މައްޗަށެވެ. ނަފުސާނީ އިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި، ޗައިލްޑް ޑިވެލޮޕްމެންޓްގެ  މިހާތަނަށް ހޯދިފައިވާ އެންމެ ސޮފިސްޓިކޭޓެޑް ހޯދުންތައް މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކުގައި ހިމެނުމަކީ އެބޭފުޅުން ވަކާލާތުކުރައްވާ ކަމެއްނޫނެވެ. އެބޭފުޅުން (ސްޓޮޓް އަދި ބޯމަން ، 1996)   ލަފާދެއްވަނީ، ޑިވެލޮޕްމެންޓަލް ގެ ތަފާތު ރައުޔުތައް ނުވަތަ ތިއަރީތަކާއި އެއާގުޅޭ ، ކުލާސްރޫމްތަކުގައި ގެންދެވިދާނެ ޙަރަކާތްތައް އެފަދަ ޕްރޮގްރާމްތަކުގައި ހިމެނުމަށެވެ. މިލަރ (1989) ވިދާޅުވަނީ އެފަދަ މައުލޫމާތު ތަކުގެ ސަބަބުން ދިރާސާކުރާ މީހުންނާއި ކުޑަކުދިންނާއިއެކު މަސައްކަތްކުރާ ފަންނީ މީހުންގެ ހަނިވިސްނުން ފުޅާވެގެންދާނެ ކަމަށާއި ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށި ވިސްނުން ޤަބޫލުކުރާ މީހުންނަށް އެ ފިކުރުތަކުން އެއްކިބާ ވެވިދާނެކަމަށެވެ.


ދިރާސާކުރާ ބައެއް ފަރާތްތަކުންވަނީ ، ޑިވެލޮޕްމެންޓަލް ނަޡަރިއްޔާތު މުދައްރިސުންނަށް ދަސްކޮށްދިނުމުގައި އެހިތެރިވެވިދާނެ ގޮތްތަކެއް ހޯދާފައެވެ. އެކަމަކު، އެކަންތައްތައް ޙާޞިލުކުރެވޭނީ ކިހިނެއްކަމާއިމެދު އެނގެނީ ވަރަށް ކުޑަމިންވަރެކެވެ. ޕްރީސަރވިސްގައި އުޅޭ ގިނަޓީޗަރުން ޑިވެލޮޕްމެންޓަލް ސައިކޮލޮޖިއާއިމެދު ދެކޭގޮތާއި އެމީހުންގެ ވިސްނުން ބަދަލުކުރުމާއިމެދު ކުރެވިފައިވާ ގިނަ ދިރާސާތަކަކީ ނާއުއްމީދީ ދިރާސާތަކެކެވެ. އެ ދިރާސާތަކުން ދައްކަނީ ޕްރީސަރވިސް ޓީޗަރުންނަށް ޑިވެލޮޕްމެންޓަލް ސައިކޮލޮޖީގެ ތިއަރީތަކުގެ އެޕްލިކޭޝަން ގެ ހުނަރުތައް ދަސްކޮށްދޭން ކުރެވުނު މަސައްކަތް ނާކާމިޔާބުކަމެވެ ( ރިޗަރޑްސަން ، 1996). އެހެންކަމުން މިހާރު ޕްރީސަރވިސް ޓީޗަރ އެޑިއުކޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ހިންގޭ ޑިވެލޮޕްމެންޓަލް ސައިކޮލޮޖީގެ މޮޑިއުލްތައް އިވޭލުއޭޓްކޮށް އަލުން ފަރުމާކުރުމަކީ ވަރަށްބޮޑަށް ބޭނުންވެފައިވާކަމެކެވެ.

ދިރާސާތައް މިއަދު ކުރަންޖެހިފައިވަނީ މައިގަނޑު 3 ދާއިރާއަކަށެވެ. އެއީ،  ޗައިލްޑް ޑިވެލޮޕްމެންޓާއިމެދު ޓީޗަރުންގެ ވިސްނުން ހާމަކުރުމާއި ދަރިވަރުންގެ ނަފުސު ތަރައްޤީކުރުމުގައި ޓީޗަރުންގެ ރޯލަކީ ކޮބަކަން ދެނެގަތުމާއި ދަރިވަރުންގެ ނަފުސު ތަރައްޤީ ކުރާނެ ނަޡަރިއްޔާތު މުދައްރިސުންނަށް ކިޔަވައި ދިނުމުގައި ހިމަނަނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުމާއި ދަރިވަރުންގެ ނަފުސު ތަރައްޤީކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ޓީޗަރުންނަށް އެހިތެރިވެދެވޭނީ ކިހިނެއްތޯ ދެނެގަތުމެވެ.

ދަރިވަރުންގެ ނަފުސު ތަރައްޤީކުރާނެ ގޮތްތައް މުދައްރިސުންނަށް އަޅުގނަޑުމެން ކިޔަވައިދޭނަމަ ، އެންމެ ފުރަތަމަކަމަކަށް، މުދައްރިސުން ދަރިވަރުންނާއިމެދު ދެކެނީ ކިހިނެއްކަން އަޅުގަނޑުމެންނަށް އެންގެންޖެހޭނެ އެވެ. އެހެނީ، މުދައްރިސުން ގެ ދައުރާއިމެދު ޚުދު އެމީހުން ދެކޭގޮތަކީ، ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށާއި އެދެވޭ އުނގެނުމުގެ ޕްރޮގްރާމެއް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރަށް، ޗައިލްޑް ޑިވެލޮޕްމެންޓްގެ މައުލޫމާތު ލިބިގަތުމަށާއި ކިޔަަވައިދިނުމުގައި އެ މައުލޫމާތު ބޭނުންކުރުމަށް މުދައްރިސުން ޝައުގުވެރިވަނީ ކިހާ މިނަވަރަކަށްތޯ އަޅުގަނޑުމެން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ (ޕެޓްރިކް އަދި ޕިންޓްރިޗް ، (2001).

މުދައްރިސުން ތަމްރީނުކުރުމުގައި ގެންގުޅޭ އޮނިގަނޑުތައް ރިސަރޗް ގެ ހޯދުންތަކާއި އަޅާކިޔައި ވަޒަންކުރުމާއިއެކު، ގެންނަންޖެހޭ ބަދަލުގެނެސް، ތަފުސީލުކުރަންޖެހޭނެ އެވެ. މުދައްރިސުންގެ ޒިންމާއަކީ އުނގަންނައިދިނުމުގައި ޗައިލްޑް ޑިވެލޮޕްމެންޓް ތިއަރީތައް ކުލާސްރޫމުގައި އަމަލީގޮތުން ބެނުންކުރުމާއި އަދި ޗައިލްޑް ޑިވެލޮޕްމެންޓްގެ ސޮފިސްޓިކޭޓެޑް ހުނަރުތައް ދަރިވަރުންގެ ނަފުސުގެ ކުރިއެރުމަށް ބޭނުންކުރުމެވެ.

މެދުކެނޑުމެއްނެތި ވަކި އުސޫލަކުން ވިސްނުމަށް އަންނަ ބަދަލުތައް ބަލަމުން ދިއުމަކީ މުހިންމުކަމެކެވެ. އެހެންގޮތކަށް ދަންނަވަނަމަ، މުދައްރިސުންނަށް އަރުވަން އޮތްލަފަޔަކީ، ކުލާހުގައި ތިބޭ ކުދިންގެ އިތޖުތިމާއީ ވިސްނުމާއި ނަފުސުގެ ކުރިއެރުން ބަލައި ވަޒަންކުރަމުން ދާންޖެހޭނެ އެވެ. އެހެންހެދުމުން، ދަރިވަރުންގެ ވިސްނުން ފުޅާކުރުމަށާއި އިތުރު ޗެލެންޖްތައް ކުދިންނާއި ކުރިމަތިކުރުވުމަށް މުދައްރިސުންނަށް މަގުފަހިވާނެތީ އެވެ.

ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންގެ ވިސްނުމަށް އަންނަ ބަދަލު ބެލުމަށް ކުރެވިދާނެ އެއްކަމަކީ، ނަފުސަށް އަންނަ ތަރައްޤީ ކޮންމެ ކުއްޖަކުވެސް ވަކިން ރެކޯޑްކުރުން ނުވަތަ ކުެއްޖެއްގެ ވަކި ބިހޭވިއަރ އަކާއިގުޅިގެން އެއީ، ޑިވެލޮޕްމެންޓްގެ ކޮން ނަޡަރިއްޔާތެއްތޯ ދަރިވަރުންގެ ޚިޔާލު ފާޅުކުރުވުމަށް ފުރުސަތު ދިނުމެވެ. 

އަޅުގަނޑުމެން ފާހަނގަކުރަންޖެހޭ އަނެއްކަމަކީ، ދަރިވަރުންނާއި ގުޅޭގޮތުން ޓީޗަރަށް އެނގެންޖެހެނީ ކޮންކަންތަކެއްތޯ އާއި ކުލާހުގައި އަމަލުކުރަންޖެހެނީ ކިހިނެއްކަން ކަނޑައެޅުމެވެ. ނަފުސާނީ އިލްމުވެރިންގެ ނަޡަރުގައި ދަރިވަރުންގެ ނަފުސުގެތަރައްޤީ ވާންޖެހޭނީ މުދައްރިސު އެންމެބޮޑަށް ސަމާލުކަންދޭންޖެހޭކަމަކަށެވެ. މިވާހަކައަށް ތާއީދުކުރައްވައި، އޮލްސަން އަދި ބްރައުން (1996)ވިދާޅުވަނީ، " މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންގެ ކަންކަމުގައި މަސައްކަތްކުރުމަށް އަހުލުވެރިކުރވުމަށް އެންމެ ފުރަތަމަ ކުރަންޖހެހޭކަމަކީ ދަރިވަރުންގެ ސިކުނޑި މަސައްކަތްކުރާގޮތާއި ބެހޭގޮތުން ލިބެންހުރި އެންމެ ރަނގަޅު މަޢުލޫމާތު އެމީހުންނަށް ފޯރުކޮށް ދިނުމެވެ" (ޞ. 12-13).ޑަކްވޯރތް (1987) ވިދާޅުވަނީ، މުދައްރިސުން ވަރަށް ފަރުވާތެރިކަމާއިއެކު ދަރިވަރު އޮބްޒަރވްކޮށް ދަރިވަރު ދެނެގަތުމަށް، ބަސްދީގަތުން ބާއްވަން ޖެހޭނެކަމަށެވެ.

މުދައްރިސުންނަށް ދަރިވަރުންގެ ނަފުސު ތަރައްޤީ އާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ޓީޗަރ އެޑިއުކޭޓަރުން ދެނެވަޑައިގަންނަވަންޖެހޭ މުހިންމުކަމަކީ، ތިއަރީތައް ކުލާސްރޫމުގައި ތަންފީޒުކުރުމުގައި ދިމާވެދަނޭ ގޮންޖެހުންތައް ހުންނާނެކަމެވެ. އެފަދަ ވަގުތުތަކުގައި ޢަމަލުކުރެވިދާނެ އެންމެ ރަނގަޅުގޮތަކީ، ދަރިވަރުންގެ ނަފުސުގެ ތަރައްޤީ އާއިބެހޭ މަޢުލޫމާތު މުދައްރިސުންނަށް ލިބޭނެ މަގު ފަހިކުރުމާއިއެކު،  ނަފުސުގެ ތަރައްޤީއަށް މަގުފަހިވާނެ ކަންތައްތަކާއި އެ ނޫންކަންތައްތަކާއިމެދު ވާހަކަ ދައްކާ ޖަދަލުކުރުމުގެ ފުރުސަތު މުދައްރިސުންނަށް ފަހިކޮށް ދިނުމެވެ (ސްޓޮޓް އަދި ބޯމަން ، 1996). މިފަދަ ހަރަކާތްތަކުން ، އުނގެނުމަކަށް ވިސްނނުންތެރި ސިކުނޑިއަކާއި ޕްރޮފެޝަނަލް ކޮށް މުޢާމަލާތްކުރުމުގެ ހުނަރާއި މަޢުލޫމާތު ލިބިގެން ދާނެއެވެ(ސިގެލް، 1998).

އެހެންކަމުން، އެޑިއުކޭޓަރުންގެ ޒިންމާއަކީ، މުދައްރިސުންގެ ކިބައިގައި ދަރިވަރުންގެ ނަފުސު ތަރައްޤީ ކުރުމުގެ ހުނަރާއި ޤާބިލުކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމާއި އެހީތެރިވެދިނުމެވެ. މިކަމަށްޓަކައި، މުދައްރިސުން ތަމްރީނުކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރަން ޖެހެއެވެ

ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ އުނގެނެން މުދައްރިސުންނަށް މުހިއްމުވާ ސަބަބުތަކަކީ ކޮބާ؟ 1

ކްލާސްރޫމުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުން

އިއްތިހާދަށްވީގޮތް



މި ޙާދިސާ ހިނގިއިރެއް އެކަކަށްވެސް ނޭގެއެވެ.

ދުނިޔޭގައި ތިބި ނުލަފާ ޖަނަވާރުތައް އެކުވެރި ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފެނިގެން އެކަމަށްޓަކައި ބަޔަކު އިސްނަގައި މަސައްކަތް ތަކެއް ކޮށްފައިވެއެވެ. ސިންގާއާއި ޒިބުރާއާއި ކަހަނބުގެ ގަބީލާތަކުގެ އިސްވެރިން ބައްދަލުވުމެއް ބާއްވައި ތިން ޤަބީލާގެ މެދުގައި އަބަދުގެ އަބަދަށް މައްސަލައެއް ނުޖެހި އަމާންކަމާއި އެކީ ހަމައިސްކޮޅަށް ދެމިގެން ތިބެ ދިރިއުޅެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާކޮށްފި އެވެ.

ބައްދަލުވުން ފެށުމުގެ ކުރިން އިސްވެރިން އެންމެ ފުރަތަމަވެސް ނަމޫނާއަކަށް އެކަކު އަނެކަކަށް ރަޙުމަތްތެރިކަން ޤާއިމު ކުރުމަށް ހުވާކޮށް ވަޢުދު ވެފައިވެއެވެ.


"އަހަރެމެން އެކަކު އަނެކަކު ރުޅި ނޭރުވުމުގެ ހެއްކެއްގެ ގޮތުން އަހަރެމެން ރުޅިއިސްވެ، އަނެކަކަކާ ދޭތެރޭ ހިތްކިލަބު ވެދާނެ ކަންތައް ކިޔަމާ ހިނގާ. އޭރުން އެއްވެސް ޙާލެއްގައި އަހަރެމެންގެ މެދުގައި ދެކޮޅުވެރިކަމެއް ނުފެންނާނެ."

ސިންގާގެ މި މަތިވެރި އަދި އާދަޔާއި ޚިލާފު މޮޅު ޚިޔާލަށް ދެންތިބި ދެބައިވެރިންވެސް ތަޢުރީފްކޮށް ތާއިދުކުރިއެވެ.

"ހަމަ އެންމެ ކަމަކާއި އަހަރެން ކަންބޮޑުވާނީ."
ކަހނބު ވާހަކަ ދެއްކިއެވެ. "އަހަރެން ބޭނުމެއްނޫން އަހަރެން ނުހުންނަ ތަންތާގައި އަހަރެންގެ ވާހަކަ އެހެންބަޔަކު ދައްކާ އުޅެން."

ޒިބްރާ ބުންޏެވެ. "އަހަރެންގެ ވާހަކަ އަހަރެން ނެތް ތަންތާގައި ދެއްކިޔަސް އަހަރެންގެ މައްސަލައެއްނެތް. އެކަމަކު މަގޭ ނިގުލުގެ މައްޗަށް އެއްވެސް މީހަކު ފައިން އަރައިގެން ނުވާނެ. "

"ތިއިން އެއްވެސް ކަމަކީ މަށަށް މައްސަލައެއް ނޫން" ސިންގާ ވާހަކަ ދެއްކިއެވެ." އެކަމަކު އަހަރެން ރުޅި އަންނާނީ އެއްވެސް މީހަކު އަހަރެންގެ މޫނަށް ބަލާއިރު އިޙުތިރާމު ނުކޮށްފިއްޔާ - އެހެނީ އަހަންނަކީ ޖަންގަލީގެ ރަސްގެފާނު" ސިންގާ ހަރުއަޑުން އިޢުލާންކުރި އެވެ.

ސުލްޙަ ގާއިމުކުރުމަށް އިސްނެގި މީހުންގެ ގޮތުން 3 މީހުންވެސް އެއްބަސްވީ، މި ދެކެވުނު ވާހަކަ ހަނދާން ބަހައްޓައި އެއްވެސް މީހަކު ދެރަވެދާނެ ކަމެއް ނުކުރުމަށެވެ. އަދި އެލީޑަރެއްގެ ޤަބީލާގެ އެހެނިހެން ޖަނަވާރުންނަށް މި ފިލާވަޅު ކިޔަވައިދޭންވެސް އެއްބަސްވި އެވެ. މި ހިސާބަށް ވާހަކަ ދިޔަތަނާ ކަހަނބު ކުޑަކަމެއް ދިމާވެގެން މަޖިލިހުން ނިކުމެގެންދާން ހުއްދައަށް އެދުނެވެ. ކަހަނބު ބޭރަށް ދިއުމުން ޒިބުރާގާތު ސިންގާ އެއްސެވެ.

 "އަހަރެން ހިތަށް އަރާ، ކަހަނބަށް އެނގޭނީ ކޮން އެއްޗެއް ބާއޭ، މިތާގައި އޭނާ ނެތިސް އޭނާގެ ވާހަކަ އަހަރެމެން ދެއްކިއްޔާމުން، ދޯ."

"އާނ. ޔަޤީނުންވެސް އެސޮރަކީ ވަރަށް ބަރުހެލި ސޮރެއް، ބުރަކަންމަތީގައި އެވާ ބަރު ތޮށި ގަނޑާހެނދި." ޒިބުރާ މަޖާވެލާފައި ބުންޏެވެ. ޙަޤީގަތުގައި ކަހަނބު މާ ދުރަކަށް ނުގޮސް އެމީހުން ދައްކާ ވާހަކަ އަޑުއަހަން ވިނަގަނޑު ތެރޭގައ ފިލާއޮތެވެ. ބޭރަށްގޮސް އެޖެހުނު ކަމެއް ނިންމާލާފައި އައިކަމަށް ހެދިގެން އައިސް ސިންގާގެ މޫނަށް ވަރަށް ހުތުރު ގޮތަކަށް ކަހަނބު ބަލާލައިފި އެވެ.

ސިންގާ ގާތަށް ވަރަށް ގަދައަށް ރުޅި އައިސް ކަހަނބަށް ހަމަލާދީ ތޮޅެންފެށި އެވެ. ދެމީހުންގެ ތަޅާފޮޅުމުގެ ތެރޭގައި ސިންގާގެ ފައި ޒިބްރާގެ ނިގުލަށްއެރި ޒިބްރާ ސިންގާއަށް ހަމަލާދީފި އެވެ. މިހާ ހިސާބަށް ދިޔަތަނާ ޖަންގަލީގެ އެހެނިހެން ޒިބްރާތަކާއި ކަހަނބުތަކާއި ސިންގާތައް އެމީހުންގެ އިސްވެރިން މިކުރާ ކަމެއް ބަލަން އައިސް ޖަމާވެއްޖެ އެވެ. ބުއްދިވެރި ބަކަމޫނު މިބައިމީހުންގެ ގޯސް އަޚުލާޤާއި މެދު ހިތާމަކޮށް އެމީހުންނަކީ ޙަޤީޤީ ލީޑަރުން ނޫންކަމަށް ނިންމިއެވެ. މައްސަލައެއް ދިމާވެއްޖެއްޔާ އަމަލުކުރާނޭ ކަމަށް އެއްބަސް ހުވަޔާއި ވަޢުދު ބާޠިލުވެއްޖެ އެވެ. ތިން ޖަމާޢަތުގެ މީހުންވެސް ތަޅާފޮޅުމުގެ ތެރެއަށްވަދެ ވަރުގަދައަށް  ހަނގުރާމަ ފަށައިފިއެވެ.

"ކަލޭމެން ތިތިބީ ހިތްހަމަޖެހި، ފަޚުރުވެރިވެފައިތަ؟"  ބުއްދިވެރި ބަކަމޫނު އަހާލިއެވެ. "ހުރިހާ ޖަނަވާރުން އެއްކޮށްލައިގެން ތިކުރިކަމެއް ނިކަން ދެކިބަލަ." ރުޅިއައިސް ރަތަށްއަރާފައިވާ ބަކަމޫނު ބުންޏެވެ.

ތިން ލީޑަރުން އިސްއުފުލާ ބަލާލިއެވެ. ކަނައަތްފަރާތުންނާއި ވައަތް ފަރާތުން އެމީހުންނަށް ފެނުނީ ބިރުވެރި ކަމެވެ. އެއީ ލީޑަރުންނާއި ހެދި ދިމާވި ބިރުވެރިކަމެވެ. ތިންލީޑަރުން އެކަކު އަނެކަކަށް ލަދުވެތިކަމާއެކު ބަލާލިއެވެ


އިސްލާމީ ތަޢުލީމް އެދެވޭ ގޮތުގައި ދިނުމުގެ ތަސައްވުރެއް


  
އިސްލާމީ މުޖުތަމައެއްގެ ބިންގާއެޅިފައި އޮންނަންވާނީ އަޤީދާއި  ރީތި އަޚުލާޤުގެ މަތިވެރި އަސާސްތަކުގެ މައްޗަށެވެ. މި ދެބައިގެ ގުޅުމުގެ މެދުގައި އުފެދޭ އަޑު ތަކާއި އަމަލު ތަކުގެ ނަތީޖާ އަކީ އިސްލާމީ ދިރިއުޅުމުގެ ހިތެވެ. މުސްލިމަކަށް ވުމަށްޓަކައި ތިމާގެ އަޤީދާ ، ތިމާ ކުރާ އަމަލު ތަކުންނާއި އެހެން މީހުންނާއި އެކީ އޮންނަ ގުޅުމުގެ ތެރެއިން ، ފެންނަން ވާނެއެވެ. އަހަރެމެންގެ އަތުގައި ކީރިތި ގުރުއާނުގެ މަތިވެރި އެންގެވުން ތަކާއި މާތް ރަސޫލާގެ ސުންނަތް އެބައޮތެވެ. މިއަދު އަހެރެމެންގެތެރޭގައި ބައިވަރު މިސްކިތް ތަކާއި އިސްލާމީ މަދުރަސާ ތަކާއިޖަމާއަތްތައް އެބަހުއްޓެވެ.


އަންހެނުންގެ ދުވަސް ފާހަނގަކުރުން




1900 ގެ އަހަރުތަކުގެ ތެރޭގައި، އަންހެނުންތަކެއް އެމީހުންނަށް ލިބޭ އަނިޔާތަކާއި ބޭއިންސާފާއި އަދި
ގަދަކަމުން ޢިއްފަތްތެރިކަން ނެގެމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަންފެށި އެވެ. މީގެ އިތުރަށް އަންހެނުންނަކީ ޢާއިލީ މުދާގަނޑެއްކަމުގައި ބެލެވޭތީ އެކަމާއި ދެކޮޅަށްވެސް އަންހެނުން ދިޔައީ އަޑުއުފުލަމުންނެވެ.


A Reflection: How Teacher Collaboration and Empowerment Can Transform Teaching in the Maldives

How Teacher Collaboration and Empowerment Can Transform Education in the Maldives: Reflections on My PhD Journey November 20, 2024: A Moment...